ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 13:21
ޠޫފާން ބުލްބުލްގައި ގިނަ ގަސްތަކެއް ވެއްޓި ގެއްލުންވި
ޠޫފާން ބުލްބުލްގައި ގިނަ ގަސްތަކެއް ވެއްޓި ގެއްލުންވި
އެންޑީޓީވީ
ޠޫފާން ބުލްބުލް
ތޫފާން ބުލްބުލް: އިންޑިއާއާއި ބަންގްލަދޭޝުން 24 މީހުން މަރުވެއްޖެ
 
ޠޫފާނުގައި އިންޑިއާއަށް ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައި 120،00 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވޭ
 
ބަންގްލަދޭޝްގައި މިހާތަނަށް އައިއިރު 2.1 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވޭ
 
ޠޫފާނުގައި ބަންގްލަދޭޝަށް ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައި 10،000 ގެއަކަށް އެކިވަރުގެ ގެއްލުން ލިބުނު

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއަށާއި ބަންގްލަދޭޝަށް އެރި ބާރުގަދަ ޠޫފާން ބުލްބުލް ގައި މަރުވި މީހުންގެ ޢަދަދު 24 އަށް އަރައިފިއެވެ.

ގަޑިއަކު 120 ކިލޯ މީޓަރުގެ ބާރުމިނުގައި އެރި މިޠޫފާނުގައި ބަންގްލަދޭޝުން 12 މީހުން މަރުވިއިރު، މީގެތެރެއިން 11 މީހުން މަރުވީ ގަދަވަޔާއެކު ވެއްޓުނު ގަސްތަކުގެ ދަށުގައި ތާށިވެގެންކަމަށް ޚަބަރު ލިބެއެވެ. ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި އަދި ޠޫފާނުގައި ޙާލުގައިޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ބަންގްލަދޭޝްގެ ކާރިޘާތަކާއި ބެހޭ ޤައުމީ އިދާރާއިން ޤާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް މިހާތަނަށް އައިއިރު 2.1 މިލިއަން މީހުން ބަދަލުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޠޫފާނުގައި ބަންގްލަދޭޝްގެ ބިންތިރި ޞަރަޙައްދުތަކުގައި ކުރިމަތިވި ފެންބޮޑުވުމާއި، ބިންގަނޑު ކަޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ތަފާތު އެކި ޙާދިސާތަކުގައި 10،000 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި 200،000 އޭކަރުގެ ދަނޑުބިންތައް ހަލާކުވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޠޫފާނުގެ އަސަރު މިހާރު ކުޑަވެފައިވާކަމަށް ބަންގްލަދޭޝްގެ ކާރިސާތަކާއި ބެހޭ އިސް އޮފިޝަލުން ވިދާޅުވެއެވެ.

އިންޑިއާއަށް ބަލާލާއިިރު، ބުލްބުލް ޠޫފާނުގައި ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައި އެޤައުުމުގެ ވެސްޓް ބެންގާލް ސްޓޭޓާއި އޮޑިއްޝާ ސްޓޭޓުން 12 މީހުން ވަނީ މަރުވެފައެވެ. އަދި ޠޫފާނާއި ގުޅިގެން ކުރިމަތިވި ތަފާތު އެކި ޚާދިސާތަކުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން 120،00 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް އިންޑިއާގެ މިޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. ޠޫފާނާއި ގުޅިގެން އިންޑިއާގެ ކަލްކަތާގެ މައި އެއަރޕޯޓު 12 ގަޑިއިރަށް ބަންދު ކުރުމަށް ފަހު މިހާރުވަނީ އާދައިގެ މަތިން ދަތުރުތައް ފަށާފައެވެ.

ބަންގްލަދޭޝްގެ ބަނދަރުމަތީ ޞަރަޙައްދާއި އިންޑިއާގެ އިރުމަތީ އާންމުކޮށް ޞަރަޙައްދީ ޠޫފާން އަރާ ޞަރަޙައްދެކެވެ. މޫސުމީ ބަދަލުތަކާ ހުރެ ފާއިތުވި 10 އަހަރުދުވަހުގެ ތެރޭގައި މި ޞަރަޙައްދަށް ޠޫފާން އަަރާ މިންވަރު ވަނީ އިތުރުވެފައެވެ. އާންމުކޮށް ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހާއި ޑިސެމްބަރުމަހާއި ދޭތެރޭ މި ޞަރަޙައްދަށް ޠޫފާން އަރާކަމަށް ރިކޯޑުތަކުން ދައްކައެވެ. އެންމެ ވަރުގަދަ ޠޫފާނެއް މި ޞަރަޙައްދަށް އަރާފައިވަނީ 1999 ވަނަ އަހަރެވެ. އެފަހަރު އިންޑިއާގެ އޮޑިއްޝާ ސްޓޭޓަށް އެރި ޠޫފާން 30 ގަޑިއިރަށް ދިގުދެމިގެން ގޮސް، އެޠޫފާނުގައި 10،000 މީހުން މަރުވިއެވެ.

Advertisement
0%
0%
100%
0%
0%
0%
ކޮމެންޓް