ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 06:40
ބްރޯޑްކޮމްގެ ބައެއް މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި --
ބްރޯޑްކޮމްގެ ބައެއް މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި --
ޝުއައިބް މުހައްމަދު އިގްބާލް
ބްރޯޑްކޮމް
ޝަހީބު އާއި ޒައިނާގެ ބަދަލުގައި ބްރޯޑްކޮމްއަށް ދެ މެމްބަރުން ކަނޑައެޅުން!
 
މިހާތަނަށް ބްރޯޑްކޮމްގެ ތިން މަމްބަރަކު ވަނީ މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވާފައި، މަޖިލީހުން ވަކިކޮށްފައިވަނީ ޒައިނާ އެކަނި
 
ބްރޯޑްކޮމްއަށް މެމްބަރުން އައްޔަން ކުރާއިރު، އެކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށްފަހު، މީޑިއާ ކޮމިޝަނެއް އުފެއްދުމުގެ މަސައްކަތް މަޖިލީހުން ދަނީ ކުރަމުން
 
ހަތް މެމްބަރުން ތިއްބާ ބްރޯޑްކޮމްގައި މިވަގުތު ތިއްބެވީ ތިން މެމްބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެރިފައިވާ ދެ މަގާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ނަންފުޅުތައް، ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ އެޖެންޑާ ކޮށްފި އެވެ.

އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ބްރޯޑްކޮމްގެ އެއް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީއާއި، އިތުރު މެމްބަރަކު އެ ކޮމިޝަނުން ވަކިކޮށްފައިވާތީ، އެ ދެ މަގާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ބްރޯޑްކޮމްއަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މަޖިލީހުގެ ޖަލްސާއަށް އިއްވުމަށްފަހު، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވޭނެ އެވެ.

ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމާއި ގުޅިގެންނާއި އެކޮމިޝަނުގެ ކުރީގެ ނާއިބު ރައީސް ފާތިމަތު ޒައިނާ ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާތީ، އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ވަނީ ދެ އިއުލާނެއް ކޮށްފަ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ވަނީ ބްރޯޑްކޮމްގެ މެމްބަރުންގެ މައްސަލަތަކެއް ފެންމަތިވެފައިވާތީ، ބްރޯޑްކޮމްގެ މެމްބަރުން އެ ކޮމެޓީއަށް ހާޒިރުކޮށް، މައުލޫމާތު އޮޅުން ފިލުވާފަ އެވެ. އަދި އެކޮމެޓީން ވަނީ އެކޮމިޝަނުގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ސޮފްވާން ވަކިކުރަން ނިންމާފަ އެވެ. ނަމަވެސް މަޖިލީހުން އޭނާ ވަކިކުރުމުގެ ކުރިން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި އޭގެ ފަހުން އެކޮމިޝަނުގެ މެމްބަރު ހަސަން ނަބާހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެދެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ އިއްޓަވިއުތަށް މިހާރު މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދަނީ ކުރިއަށް ގެންދަމުންނެވެ. އެ ދެ މަގާމަށް 36 ފަރާތެއް ކުރިމަތިލާފައި ވެއެވެ.

މިނިވަން މުއައްސަސާތަކާބެހޭ އެކޮމެޓީން އޭގެފަހުން ވަނީ ބްރޯޑް ކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އާއި ސޮފްވާން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކޮމިޝަނުގެ ނާއިބު ރައީސް ކަމަށް ވަޑައިގެންނެވި ފާތިމަތި ޒައިނާ އެކޮމިޝަނުން ވަކިކުރަން ނިންމާފަ އެވެ. ކޮމެޓީގެ އެ ނިންމުމާގުޅިގެން، މަޖިލީހުން ވަކި ކުރުމުގެ ކުރިން ޝަހީބު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހައި ޒައިނާ ވަނީ ބްރޯޑްކޮމްއިން ވަކިކޮށްފަ އެވެ.

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިއްބަވާއިރު، މިވަގުތު ތިއްބެވީ، ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރު އާއި އާމިނަތު ސަހާރަތު އިއްޒަތުގެ އިތުރުން އަމްޖަދު ވަހީދު އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރަމުންދާއިރު، އެކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލައި، އެ ދެ މުއައްސަސާގެ ކަންކަން ހިންގުމަށް އެއް ކޮމިޝަން އެކުލަވާލުމަށްޓަކައި، މީޑިއާ ކޮމިޝަނުގެ ނަމުގައި ބިލެއްގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ގެންދަނީ ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
100%
0%
ކޮމެންޓް