ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 13:06
ފެރީ ޓަރމިނަލް
ފެރީ ޓަރމިނަލް
މުހައްމަދު ޝަރުހާން
ބަޖެޓް 2020
ބަޖެޓް 2020: ޕީއެސްއައިޕީން އެންމެ ބޮޑު ހަރަދެއް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް
 
މިހާރު ހިނގަމުންދާ 36 މަޝްރޫއަކަށް 442.5 މިލިއަން ރުފިޔާ ހިމަނާފައިވޭ
 
އަލަށް ފަށާ ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 322.8 މިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓް ކޮށްފައިވޭ
 
ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ހިމަނާފައިވަނީ 2.7 ބިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މައިގަނޑު ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޕީއެސްއައިޕީއަށް ހިމަނާފައިވަނީ 10.1 ބިލިއަން ރުފިޔާ އެވެ. މީގެތެރެއިން ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ހިމަނާފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ. މި މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ދައުލަތުގެ ޢާންމު ބަޖެޓުން 1.4 ބިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުން 1.3 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިބައިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ ބަނދަރު ހެދުމަށާއި ވައިގެ ބަނދަރުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން ދައުލަތުގެ ޢާންމު ބަޖެޓުން ޚަރަދުކޮށްގެން އެކި ރަށްތަކުގައި އަލަށް ފަށާ ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 322.8 މިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުން އަލަށް ފަށާ ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 100.4 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި މާލޭ ޕޯޓް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫޢު ބަޖެޓްކޮށްފައިވެއެވެ.

މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން އޭޑީބީގެ ހިލޭ އެހީގައި ހދ.ކުޅުދުއްފުށީގައި ހަނދަމުންދާ ހަރބަރ އެކްސްޕޭންޝަން މަޝްރޫޢަށް 14.6 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެ އެވެ. މިމަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މީގެއިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިހާރު ހިނގަމުންދާ 36 މަޝްރޫޢަކަށް 442.5 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ވައިގެ ބަނދަރުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އަލަށް ފަށާ ގދ.ފަރެސްމާތޮޑާގައި އަޅަން ހަމަޖެހިފައިވާ އެއަރޕޯޓަށް 53.9 މިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓުކޮށްފައިވެއެވެ. އެރަށުގައި އެއަރޕޯޓް އެޅުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ.

އެއަރޕޯޓް އެޅުމަށް ދެން ބަޖެޓު ކޮށްފައިވަނީ މ. މުލީގައެވެ. އެރަށުގައި އެއަރޕޯޓް އެޅުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް ފަށައިގަތުމަށް 1.0 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. އެރަށުގައި އެއަރޕޯޓް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރެވެ.

މިހާރު ހިނގަމުންދާ އެއަރޕޯޓް އެޅުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޓަރމިނަލް އަދި ރަންވޭ އެޅުމުގެ މަޝްރޫޢަށް ހިނގާނެކަމަށް ލަފާކޮށްފައިވާ 852.9 މިލިއަން ރުފިޔާއެވެ. މީގެއިތުރުން ހއ.ހޯރަފުށީގައި އެއަރޕޯޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް 50.0 މިލިއަން ރުފިޔާ އަދި ގދ. މާވަރުލުގައި އެއަރޕޯޓް ޤާއިމުކުރުމުގެ މަޝްރޫޢަށް 25.8 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފައެވެ. މީގެތެރެއިން ހޯރަފުށީގައި އެއަރޕޯޓް އެޅުމަށްޓަކައި މިހާރު ވަނީ ބިންހިއްކާފައެވެ.

މީގެތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ވިއުގަތައް ޤާއިމުކުރުމުގެ މަޝްރޫޢަށް ދައުލަތުގެ ޢާންމު ބަޖެޓުން 150.0 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ މިސަރުކާރުގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު ޢަމާޒަކީ ރާއްޖެއަށް ބޭނުންވާ ޢަސާސީ އުމްރާނީ ވަޞީލަތްތައް ޤާއިމުކުރުން ކަމުގައެވެ. އަދި މި ބަޖެޓަކީ ރާއްޖޭގައި މިހާތަނަށް ހުށަހެޅޭ އެންމެ ބޮޑު ޕީއެސްއައިޕީ ހުށަހަޅާ ބަޖެޓް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް