ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 12:59
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
ސިވިލް ކޯޓު
ސިވިލް ކޯޓުން ނަމޫނާ ދައްކައިފި، ގިނަ ދުވަސްވީ މައްސަލައެއް ކޯޓަކު ނެތް!
 
މިއަހަރު ނިމޭއިރު، އެއް އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލައެއް ކޯޓަކު ނޯންނާނެ
 
2018 ވަނަ އަހަރު ނިމުނުއިރު އެއް އަހަރަށްވުރެ ގިނަދުވަސްވެފައިވާ އޮތީ އެންމެ 4 މައްސަލަ

ވިޔަފާރިއާއި ފައިސާގެ މުޢާމަލާތްތަކާއި ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް ބަލާ، ސިވިލް ކޯޓު (މަދަނީ ކޯޓު) ދަނީ އެކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ނަމޫނާ ދައްކަމުން ނެވެ.

ސިވިލް ކޯޓުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2018 ވަނަ އަހަރު ނިމުނުއިރު، އެކޯޓަށް ހުށަހެޅި، އެއް އަހަރަށްވުރެ ގިނަ ދުވަސްވީ މައްސަލަތަކުގެ ޢަދަދު އުޅެނީ އެންމެ ހަތަރު މައްސަލަ އެވެ.

ސިވިލް ކޯޓުން ބުނީ އެކޯޓުން ނެރެމުންދާ ނަތީޖާ ދެމެހެއްޓުމަށްޓަކައި، މިއަހަރު ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަަމަށެވެ. އެގޮތުން މި ހިނގާ 2019 ވަނަ އަހަރު ނިމޭއިރު، އެއް އަހަރަށްވުރެ ގިނަ ދުވަސްވީ މައްސަލައެއް ނުބޭއްވުމާއި، އަދި ހުށަހެޅި ޢަދަދާއި އެއްވަރަށް މައްސަލަތައް ނިންމުމަށް މަސައްކަތް ކުރުމަކީ އެކޯޓުގެ ޢަޒުމު ކަމަށެވެ.

ސިވިލް ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2017 ވަނަ އަހަރު ނިމުނުއިރު، އެކޯޓުގައި ނުނިމި އޮތީ 1212 މައްސަލައެކެވެ. އަދި 2018 އަހަރު 4932 މައްސަލައެއް އެކޯޓަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން، 2018 ވަނަ އަހަރު ނިމުނުއިރު، 4364 މައްސަލައެއް ނިންމާފައިވާއިރު، ނުނިމި އޮތީ 1780 މައްސަލަ އެވެ.

ސިވިލް ކޯޓުން ބުނީ، 2018 ވަނަ އަހަރު ނިމުނުއިރު، އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި އޮތީ އެންމެ ހަތަރު މައްސަލަ ކަމަށެވެ. އަދި އެކޯޓުގެ ޢަމާޒަކީ އެހަތަރު މައްސަލައާއެކު، އެއް އަހަރަށްވުރެ ގިނަ ދުވަސްވީ އެއްވެސް މައްސަލައެއް 2019 ވަނަ އަހަރު ނިމޭއިރު އެކޯޓުގައި ނުނިންމާ ނުބޭއްވުމެވެ.

ސިވިލް ކޯޓުގެ ހިންގުމަށް ގެނައި ބަދަލާއެކު އެކޯޓުގެ ޑިސްޕިއުޓް ރިޒޮލިޝަންގެ ޑިވިޜަންގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފަ އެވެ. އެއީ އެކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ފުރަތަމަ މަރުޙަލާ އެވެ. އެއީ ޝަރީޢަތުގެ ބޭރުން ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލައަށް ޙައްލެއް ގެނައުމަށް ސިވިލް ކޯޓުގައި ޤާއިމުކޮށްފައިވާ ސެކްޝަނެކެވެ. ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ޝަރީޢަތުގެ މަރުޙަލާއަށް ދާނީ، ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން ބަލައި، އެމައްސަލަ ހުށަހެޅި ފަރާތާއި އެމައްސަލަ ރައްދުވާ ފަރާތުން އެއްބަސްވުމަށް ނާދެވިއްޖެ ޙާލަތުގައެވެ.

އެގޮތުން 2017 ވަނަ އަހަރު ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނުން 1277 މައްސަލައެއް ޙައްލުކޮށްފައި ވެއެވެ. އަދި އެ އަހަރު ނިމުނުއިރު ބާކީ އޮތީ 237 މައްސަލައެވެ.

މީގެއިތުރުން، 2018 ވަނަ އަހަރު ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް 3185 މައްސަލަ ހުށަހެޅިފައިވެއެވެ. އޭގެތެރެއިން 1819 މައްސަލައެއް ވަނީ އެ ޑިވިޜަނުން ޙައްލުކޮށްފަ އެވެ. އެއީ 53.16 އިން ސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
8%
83%
0%
0%
0%
8%
ކޮމެންޓް