ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 13:14
އިރާޤުގައި ކުރިޔަށްދާ މުޒާހަރާ ރޫޅާލަން މަދަނީ ފުލުހުން ކަރުނަ ގޭސް ޖަހަނީ
އިރާޤުގައި ކުރިޔަށްދާ މުޒާހަރާ ރޫޅާލަން މަދަނީ ފުލުހުން ކަރުނަ ގޭސް ޖަހަނީ
އަލްޖަޒީރާ
އިރާޤް މުޒާހަރާ
އިރާޤް މުޒާހަރާގައި މިހާތަނަށް 300 މަރު!
 
މުޒާހަރާ ރޫޅާލުމަށް ސިފައިން ދިން ޙަމަލާތަކުގައި އިއްޔެ އެކަނިވެސް 7 މީހުން މަރުވި
 
މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެމީހުންގެ ޑިމާންޑްތަކަށް ސަރުކާރުން އިޖާބަނުދެނީސް ހުއްޓާނުލާނެކަމަށް
 
އިރާޤުގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކު ދިރިއުޅެނީ ފަޤީރު ޙާލަތުގައި

އިރާޤު ސަރުކާރާއި ދެކޮޅަށް އެޤައުމުގައި ކުރަމުންދާ މުޒާހަރާއަށް އެއްމަސްވީއިރު، މުޒާހަރާގައި މަރުވީ މީހުންގެ ޢަދަދު ތިންސަތޭކައަށް އަރައިފިއެވެ.

އިރާޤު މުޒާހަރާ ގާތުން ބަލަމުންދާ މިނިވަން މުޙައްލިލުން ބުނާ ގޮތުގައި ހޮނިހިރު ދުވަހު އެކަނިވެސް ހަތް މީހުން މަރުވިއެވެ. ހަތް މީހުން މަރުވީ ވެރިރަށް ބަޣްދާދާއި ބަޞްރާގައި މުޒާހަރާ ވަރުގަދަކުރުމުން، މުޒާހަރާ ރޫޅާލުމަށް ސިފައިންނާއި ފުލުހުން ލައިވް ވަޒަނާއި، ކަރުނަ ގޭސް ބޭނުންކުރުމުގެ ތެރޭގައި ދިމާވި ތަފާތު އެކި ޙާދިސާތަކުގައި ކަމަށް އިރާޤް ފުލުހުންނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މުޒާހަރާ ކުރި މީހުންގެ ތެރެއިން 4 މީހުން މަރުވީ ލައިވް ވަޒަން އަރައިގެން އިތުރު ފަރުވާ ހޯދަމުންދަނިކޮށް ކަމަށް ޚަބަރުލިބެއެވެ.

އިރާޤް މަދަނީ ފުލުހުންނާއި، ސަލާމަތީ ބާރުތައް ގުޅިގެން އިރާޤުގެ ތަހްރީރީ މައިދާނުގައި ކުރަމުންދާ މުޒާހަރާ ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، މުޒާހަރާގެ ބައިވެރިން ދުލެއް ނުދެއެވެ. ޖާނާ މާލުން ފިދާވެގެންވެސް ބޭނުންވާ ބަދަލުގެނެސްފައި ނޫނީ ގެއަށް ނުވަންނާނެކަމަށް މުޒާހަރާގައި އިސްކޮށް ޙަރަކާތްތެރިވާ އިރާޤް ރައްޔިތުން ބުނެއެވެ.

އިޞްލާޙީ ފިޔަވަޅުތަކަށް ގޮވާލާ، އެޤައުމުގެ ޤާނޫނު އަސާސީއަށް ރައްޔިތުން ބޭނުންވާ ބައެއް ބަދަލުތައް ގެނައުމަށް ގޮވާލާ އިރާޤުގައި މުޒާހަރާ ފެށި މިދިޔަ އޮކްޓޯބަރު މަހުގެތެރޭގައެވެ. މުޒާހަރާ ވަރުގަދަކުރީ ސަރުކާރުން އެމީހުންގެ ގޮވާލުންތަކަށް އިޖާބަދީފައިނުވާތީކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ސަލާމަތީ ބާރުތަކުން އެމީހުންނަށް ޢަމާޒުކޮށް ޙަމަލާތައް ކިތަންމެ ވަރުގަދަ ކުރިޔަށް ޙައްޤު ބަސްބުނުމުގައި ފަހަތައް ނުޖެހޭނޭ ކަމަށާއި، މުޒާހަރާ ހުއްޓާލާނީ ރައްޔިތުން އެދޭ ބަދަލުތައް ސަރުކާރުން ގެނައުމުން ކަމަށެވެ.

މުޒާހަރާ ދިގުދެމި ދުވަހުން ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، ސިފައިން ދަނީ މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ދޭ ޙަމަލާތައް ވަރުގަދަކޮށްފައެވެ. ސިފައިންގެ ޙަމަލާތަކުގައި މުޒާހަރާކުރަމުންދާ ޢާންމު މީހުން މަރުވަމުން ދިޔަނަމަވެސް، އިރާޤުގެ ދާޚިލީ ވުޒާރާއިން ދަނީ މިކަން ދޮގުކުރަމުންނެވެ. އެ ވުޒާރާއިން ބުނަމުންދަނީ، ސިފައިން ޙަމަލާދެމުންދަނީ މުޒާހަރާ ރޫޅާލަން ކަމަށާއި، އާންމު ރައްޔިތަކަށް ޢަމާޒުކޮށް ސިފައިން ސީދާ ޙަމަލާ ނުދޭނޭކަމަށެވެ. އެހެންނަމަވެސް، މުޒާހަރާ ކުރިޔަށްދާ ޞަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ މަދަނީ ފުލުހުންނާއި، ޞިއްޙީ އެހީތެރިންނާއި، މިނިވަން މުޙައްލިލުންނާއި، ނޫސްވެރިން ބުނާ ގޮތުގައި މިހާތަނަށް މަރުވި ގިނަ މީހުންނަކީ ސިފައިންދޭ ޙަމަލާތަކުގައި މަރުވި މީހުންނެވެ. އަދި މުޒާހަރާގެ ބައިވެރިން މުޒާހަރާ އިތުރަށް ވަރުގަދަ ކުރަނީވެސް އެކަމުގެ ރުޅިވެރިކަމުގައި ކަމަށް މުޙައްލިލުން ރިޕޯޓުކުރެއެވެ.

އިރާޤަކީ އޯޕެކް ޤައުމުތަކުން ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމެވެ. އެހެންނަމަވެސް އެޤައުމުގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކު ދިރިއުޅެނީ ފަޤީރު ޙާލަތުގައެވެ. އަދި އާބާދީގެ 25 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ވަޒީފާއެއް ނެތިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް