އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
އެލްޖީއޭ

ކައުންސިލްތަކަށް ބަޖެޓް ބަހާނެ ގޮތުގެ ފޯމިއުލާއެއް އޮތް ނަމަވެސް އެއަށް އަމަލެއް ނުކުރޭ: އެލްޖީއޭ

  • ކައުންސިލްތައް އިދާރީގޮތުން ލާމަރުކަޒު ނުކުރެވި އޮތީ މާލީގޮތުން ލާމަރުކަޒު ނުވެއޮތީމަ
  • ބަޖެޓުން ދެވޭ ހިލޭ އެހީ ބަހާލުމުގައި ގާނޫނުގައި ވަކިކަހަލަ ކަންތައްތަކަށް ބަލާނެ، އޭގެތެރޭގައި އާބާދީއާއި ބިމުގެ ބޮޑުމިނާއި ދަތުރުުކުރަންޖެހޭ ވަރު ހިމެނޭނެ
  • 2020 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވޭ

ކ. މާލެ | 9 ނޮވެންބަރ 2019 | ހޮނިހިރު 13:33 | 3,677

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ޝަމްއޫނު އާދަމް - ރާއްޖެ އެމްވީ

ކައުންސިލްތަކަށް ބަޖެޓް ކަނޑައަޅާ އެ ބަހާނެ ގޮތުގެ ފޯމިއުލާއެއް އޮތް ނަމަވެސް އެއަށް އަމަލުކޮށްފައި ނުވާ ކަމަށާއި، ކައުންސިލްތައް ލާމަރުކަޒު ކުރެވުނީ ސިޔާސީ ގޮތުން އެކަނި ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ޝަމްއޫނު އާދަމް ވިދާޅުވީ މިހާރު އޮތް ސަރުކާރު ވެރިކަމާ ހަވާލުކުރުމުގެ ކުރިން މިދިޔަ އަހަރުތަކުގައި ކައުންސިލްތައް މާލީ ގޮތުން ވެސް އަދި އިދާރީ ގޮތުން ވެސް ލާމަރުކަޒު ކުރެވިފައި ނެތްކަމަށެވެ. ނަމަވެސް ކަންކަން ކުރެވިފައި އޮތްގޮތުން ސިޔާސީގޮތުން ލާމަރުކުރެވިފައި އޮތޭ ބުނެވިދާނެ ޝަމްއޫނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދާރާ ގޮތުން ލާމަރުކަޒު ނުވާކަމަށް ވިދާޅުވަނީ ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްތަކުން ނުކޮށް އޮތުމުން ކަމަށާއި، އެއީ މަގުބައްތި ދިއްލުންކަމުގައި ވިޔަސް ކުނިކެހުން ކަމުގައި ވިޔަސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހަގީގަތުގައި ނުދެވޭ ކަމަށެވެ.

އެހެންކަމުން އިދާރީގޮތުން އެމީހުން އޮތީ ލާމަރުކަޒު ނުުކުރެވި. ދެން ބޮޑަށް އިދާރީގޮތުން ލާމަރުކަޒު ނުކުރެވި އޮތީ މާލީގޮތުން ލާމަރުކަޒު ނުވެއޮތީމަ. މިއަހަރުން ފެށިގެން ގާނޫނުގައި އެވާގޮތަށް ހިލޭއެހީއެއްގެ ގޮތުގައި އާމްދަނީ ކައުންސިލްތަކަށް ބެހިގެން މިދަނީ ބަޖެޓްގައި ހިމެނިގެން. ހިލޭ އެހީގެ ގޮތުގައި ދެވުމުގެ މާނައަކީ ރައްޔިތުންނަށް ވަކިވަރެއް ދިނީމަ ރައްޔިތުންނަށް އެބަ އޮވޭ ނެޝަނަލް ލެވެލްގައި ހަދާފައި އޮތް ސެޕްގެ ދާއިރާގެ ތެރެއިން ގޯލްސްތައް އެޗީވްވާ ގޮތަށް އެއަށް ބިނާކޮށް ޕްލާންސްތައް އެކުލަވާލާ ބަޖެޓް އެއަށް ބޭނުންވާ ގޮތަށް ބަހާލުމުގެ ފުރިހަަމަ އިހްތިޔާރު ލިބިގެން އެބަދޭ،

ޝަމްއޫނު ވިދާޅުވީ ހިލޭ އެހީ ބަހާލުމުގައި ގާނޫނުގައި ވަކިކަހަލަ ކަންތައްތަކަށް ބަލަންވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އާބާދީއާއި ބިމުގެ ބޮޑުމިނާއި ދަތުރުުކުރަންޖެހޭ ވަރާއި މި ކަންތައްތައް ހުންނަ ކަމަށެވެ.

ވަރަށް ކުރީންސުރެ ބަޖެޓް ބަހާނެ ގޮތުގެ ފޯމިއުލާ އެކުލަވާލައިފިވީ ނަމަވެސް، ބަޖެޓް ދީފައިވަނީ ފޯމިއުލާގައިވާ ގޮތަކަށް ނޫން ކަމަށެވެ. މީގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން ފޯމިއުލާ އެކުލަވާލާފައި ކޮންމެ އަހަރަކުވެސް ސަރުކާރުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ އެލްޖީއޭއިން އެގޮތަށް ބަހާލަދޭން އެދުނު ނަމަވެސް ބަޖެޓް ބަހާފައިވަނީ އެގޮތަށް ނޫން ކަމަށެވެ.

މި ފޯމިއުލާގައި ގާނޫނުގައި އޮތްގޮތަށް ބަޖެޓް ބެހިގެންދާނެ. އެގޮތުން އާބާދީއާއި އެހެނިހެން ކަންތައްތަކަށް ބެހިގެން ބަޖެޓް ދެވޭނެ. އޭގެ މާނައަކީ އާބާދީއާއި އެހެނިހެން ކަންތައްތަކަށް ވެއިޓް ދެވިގެން ނަޖެޓް ބެހިގެން މިދަނީ. ދެން ވަރަށްގިނަ ކައުންސިލްތަކުން ބަޖެޓް ބެހިގެން މިދަނީ ވަކި ކަހަލަ ކަންތައްތަކަށް ބެހިގެން. އޭގެ ތެރޭގައި މި އޮންނަނީ އާބާދީއާއި، މިސާލަކަށް ކުނި އުކާލުގެ ކަންތައްތައް އަދި ކުނި މެނޭޖް ކުރުމުގެ ކަންތައްތައް މި އޮންނަނީ އާބާދީއާއި ގުޅިފައި. އާބާދީގެ ނިސްބަތުން ކުނި އިތުރުވޭ. ދެން ކުނިކެހުމާއި މަގު ފޮޅާ ސާފްކުރުމުގެ ކަންތައްތަކަށް ބަލާލީމަ އަޅުގަނޑުމެންނަށް އެބަފެނޭ ރަށުގެ ބޮޑުމިނަށް ބަހާލެވޭތަން. އެެހެންކަމުން ފޯމިއުލާ ވޭރިއަބަލްސްތަަކަށް ވެއިޓް ކަނޑައެޅުމުގައި ވަަރަށްބޮޑަށް ބަލާފައި ހުންނާނެ ގާނޫނުގައި އެބުނާ ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދޭން ހަރަދުކޮށްދޭންޖެހޭ މިންވަރު. އެހެންވީމަ އެގޮތަށް ބްލޮކް ގްރާންޓް ފޯމިއުލާ ކަނޑައެޅިގެން މިދަނީ،

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތައެވެ.

އެގޮތުން 2020 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވެއެވެ. އެއީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ފާސްކުރި 656 މިލިއަން ރުފިޔާއަށްވުރެ 2.4 ގުނަ އިތުރު އަދަދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.