ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 13:07
އެސްއޯއީ ކޮމިޓީ
އެސްއޯއީ ކޮމިޓީ
ޔޫސުފް ސޮފްވާން ރަޝީދު
އެސްއޯއީ ކޮމިޓީ
އެމްއާރުޑީސީން ވަކިކުރި މުވައްޒަފުންގެ ކަންކަން އެސްއޯއީ ކޮމެޓީން ބަލަނީ
 
މި ސަރުކާރުން ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދާފައި
 
އެމްއާރުޑީސީ އުވާލާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި
 
ޕަބްލިކް ވޯކްސް ޑިވިޝަންގައި މަސައްކަތްކުރި ގިނަ މުވައްޒަފުންތަކެއް ވަނީ ޕެޓިޝަނެއް ހުށަހަޅާފައި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ން ވަކިކޮށްފައިވާ މުވައްޒަފުންގެ ކަންތަކުގައި ކަމާބެހޭ ފަރާތްތަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫގެ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވީ އެމްއާރުޑީސީން ވަކިކޮށްފައިވާ މުވައްޒަފުން ސިވިލް ސަރވިސް އިން ވަޒީފާ ދޭން ހަމަޖެއްސުމުން މުސާރައިގެ ތަފާތު ތަކެއް ހުރިކަމުން މުސާރަ އާއި އިނާޔާތްތަކަށް ހެޔޮބަދަލުތަކެއް ގެނެސްދިނުމަށް އެދި ހުށަހަޅާފައިވާކަމުގައެވެ. އެގޮތުން ޕަބްލިކް ވޯކްސް ޑިވިޝަންގައި މަސައްކަތްކުރި ގިނަ މުވައްޒަފުންތަކެއް މިކަމުގައި ޕެޓިޝަނެއްގައި ސޮއިކުރުމަށްފަހު މަޖިލީހަށް ހުށަހަޅާފައިވާކަމުގައެވެ.

އެހެންކަމުން މި މައްސަލާގައި ކޮމިޓީން އިތުރަށް ކުރިޔަށްދާނީ އަލަށް އުފެއްދި ރޯޑް ކޯޕަރޭޝަން އަށާއި ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓްރީއަށް ސިޓީ އެއް ލިޔެ ސާފުކުރުންޖެހޭ މައުލޫމާތުތައް ސާފުކުރުމަށްފަހު ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެގޮތުން ރޯޑް ކޯޕަރޭޝަނުން އެ މުވައްޒަފުންނާ ދޭތެރޭ ކަންކުރާނެ އުސޫލެއް ސާފުކުރުމަށް އެ ކޯޕަރޭޝަނަށް ސިޓީ އެއް ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި ޕްލޭނިންގ މިނިސްޓްރީން މިކަމުގައި އަމަލުކުރައްވާނެ ގޮތެއް ސާފުކުރުމަށް އެ މިނިސްޓްރީއަށް ސިޓީ އެއް ފޮނުވުމަށްވެސް ކޮމިޓީން ނިންމިއެވެ.

ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗާރ މިނިސްޓްރީން ސާފުކުރަން ބޭނުންވަނީ މިކަހަލަ މައްސަލައެއް އެބައޮތޭ. ކޮބައިތޯ އެ މިނިސްޓްރީގެ ވިސްނުންފުޅަކީ މި މުވައްޒަފުންނާ ދޭތެރޭ. މިމުވައްޒަފުން އެކީ ބަދަލު ކުރަނީތޯ ނޫނީ ރޯޑް ކޯޕަރޭޝަނަށް އެއްބަޔަކުވެސް ނެގުމުގައި މައްސަލަ އެއް އެބައިންތޯ. މީގެއިތުރުން 55 އަހަރު ފުރިފައި އަދި 65 އަހަރު ނުވާ މީހުން އެބައުޅޭ. އެމީހުންނަށް ކިހިނެއްތޯ ހަދާނީ. އެކަމުގައި ޕްލޭނިންގގ އެންޑް އިންފްރާ ސްޓްރަކްޗަރ މިނިސްޓްރީން ސާފުކުރާނެ. އެ މައުލޫމާތު ލިބުނީމާ ދެން އަޅުގަނޑުމެން މިބައި ކުރިޔަށްގެންދާނީ.
އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫގެ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު

އެމްއާރުޑީސީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. މިކުންފުނި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސަރުކާރުން ހިންގި އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓުބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދިޔަ އެމްއާރުޑީސީ، ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ކުރީކޮޅު ވަނީ އުވާލާފަ އެވެ. އެމްއާރުޑީސީ އުވާލިއިރު، އެއީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުނި ވެސް މެއެވެ.

އެމްއާރުޑީސީ އުވާލުމަށްފަހު އެތާނގެ މުވައްޒަފުން އޭރު ބަދަލުކުރީ ހައުސިންގް މިނިސްޓްރީގެ ދަށަށެވެ. ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަންގެ ދަށަށް އެމްއާރްޑީސީގައި މަސައްކަތް ކުރި 700 އަށްވުރެ ގިނަ މުވައްޒަފުން އޭރު ބަދަލުކުރިއެވެ. އޭގެތެރޭގައި 400 އަށްވުރެ ގިނަ ދިވެހި މުވައްޒަފުންނާއި 200 އަށްވުރެ ގިނަ ބިދޭސީ މުވައްޒަފުން ހިމެނޭކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްްޓަރަކްޗަރ އިން އޭރު މައުލޫމާތު ދީފައިވެއެވެ.

މިސަރުކާރު އައުމަށްފަހު މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ވަނީ މަގުތައް ހަދައި،ބެލެހެއްޓުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް