ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރިޕޯޓު - މަގޭ ރިޕޯޓް

ޖެހުނު މަޅިއެއްގައިި ހައިލަމް ޖެހިވަޑައިގެންނެވީ އަމިއްލަފުޅަށް، އެއީ ސަރުކާރާބެހޭ ކަމެއް ނޫން!

  • ޕޯސްޓް ޝެއަރކުރެއްވުމަށް އެ ޕޯސްޓުގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވީ އަމިއްލަ ފުޅަށް
  • ޖޭއެސްސީން އެޅި ފިޔަވަޅެއް އެޅީ ހައިލަމް އަމިއްލަފުޅަށް ކުރެއްވިކަމެއްގެ ސަބަބުން
  • ބަޔަކު ނުފޫޒެއް ފޯރުވާނަމަ، ސަސްޕެންޑްކުރުމުގެކުރިން އެކަމެއް ހާމަކުރައްވަންޖެހޭ

އަބުދުﷲ ނަސީރު އިބްރާހިމް
DeNaseer

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 18:47 27,552

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް - މުހައްމަދު ޝަރުހާން

ހުދުމުހުތާރު އަނިޔާވެރި، ކޮރަޕްޓް ވެރިކަމެއް ކުރެއްވި އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގގެ ދައުވާ އުފުލާ ހުކުމް އިއްވުމުގެ ޝަރީއަތް ތާވަލްކުރި ދުވަހު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރެއްވުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވީ ސަރުކާރަށާއި، ސަރުކާރު ހިންގާ މައި ޕާޓީއަށެވެ. އެ ފަރާތްތަކުން ބުނާގޮތުގައި ހައިލަމް ސަސްޕެންޑްކުރެވުނީ އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ނީއްވާނެކަމުގެ މައުލޫމާތު ސަރުކާރުގެ އިސްފަރާތްތަކަށް ލިބުމުންނެވެ. އަދި އެއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ސަރުކާރުންކުރި ކަމެއްކަމަށްވެސް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކީ އެއްވެސް މިންވަރެއްގެ ހަޤީޤަތެއް އޮތް ވާހަކަތަކެއް ނޫންކަން، މައްސަލައަށް ސާފު ނަޒަރަކުން ބަލާލުމުން ވަރަށް ބޮޑަށް ސާފުވެގެންދެ އެވެ.

އެހެނީ ގާޒީ ހައިލަމް ޖެހިވަޑައިގެންނެވި މަޅިއެއްގައި ޖެހިވަޑައިގަތީ އަމިއްލަ ފުޅަށްކަމަށްވާތީ އެވެ. އެއީ ސަރުކާރުން، އަދި އެހެން މީހަކު ކުރިކަމަކުން ޖެހިވަޑައިގެންނެވި ހާލަތަކަށް ނުވާތީ އެވެ.

ގާޒީ ހައިލަމް ސަސްޕެންޑްކުރެވުނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ތަހުނިޔާގެ މެސެޖްގެ ކުރެހުމާއެކުކަމަށްވާއިރު، އެ ކުރެހުން ހައިލަމް ޝެއަރކުރެއްވީ ސަރުކާރުން ބުނެގެނެއް ނޫނެވެ. އަދި ސަރުކާރުން ޕްރެޝަރެއްކޮށްގެންނެއްވެސް ނޫނެވެ. ޝެއަރކުރެއްވި ކުރެއްވުމެއް ޝެއަރކުރައްވާ ދުވަހުގެ ތަހުނިޔާ ފޮނުއްވީ އަމިއްލަފުޅަށެވެ. އަދިކިޔެއްތަ، އެ ހުރިހާކެއްގެ މައްޗަށް އެ ކުރެހުން ޝެއަރކުރެވުނުކަމަށާއި، ޝެއަރކުރެވުނުއިރު އެ ކުރެހުމުގައިވާއެއްޗެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ ބަޔާންވެސް ނެރުއްވީވެސް އަމިއްލަ ފުޅަށެވެ. އެކަމަށް މައާފަށް އެދިވަޑައިގެންނެވީވެސް ހަމަ އަމިއްލަފުޅަށް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ޝާއިރުކުރެއްވި ބަޔާނެއްގަ އެވެ.

ޖެހިވަޑައިގެންނެވި މަޅިއެއްގައި އަމިއްލައަށް ޖެހިވަޑައިގެން އެކަމަށް މައާފަށް އެދި، އޭގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވުމުން އޭގައި އެހެން ނުފޫޒަކުން ކުރާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ އެވެ. ކުރެއްވި އެއްވެސް ކަމަކީ ސަރުކާރަކާއިވެސް، އަދި އެހެން ފަރާތަކާއިވެސްވާ ބެހޭކަމެއް ނޫންކަން އެނގިގެންދެއެވެ.

ދެން އޮތީ ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެޅުއްވި ފިޔަވަޅުގެ ވާހަކަ އެވެ. ފުރިހަމަ ނިޒާމެއް އޮތް ތަނެއްގައި ޖޭއެސްސީން ގާޒީ ހައިލަމާމެދު ފިޔަވަޅު ނެޅުއްވިނަމަ އެއީ ހުރިހާ ރައްޔިތުންނަށްކުރާ ބޮޑު މަލާމާތަކަށް ނޫނީ ނުވާނެ އެވެ. އެހެނީ ޝެއަރކުރެއްވި އެއްޗެއް ޝެއަރކުރެއްވުމަށްފަހު، އޭގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާކަމަށް ގާޒީ ހައިލަމް އިއުތިރާފްވެފައިވާތީ އެވެ. އެ މަޤުން ކަންކުރައްވާނަމަ ހުކުމެއް ނެރުއްވުމަށްފަހު، އެ ހުކުމުގައި ލިޔުއްވުނު އެއްޗެއްވެސް އެނގިވަޑައިނުގަންނަވާކަމަށް ފަހު ވަގުތު ވިދާޅުވުމުގެ ފުރުސަތު އޮތްތަތީ އެވެ. އެކަމަކީ ހަމައެކަނި އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާ ހުކުމަކަށްވުރެ ބޮޑަށް ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދެންޖެހޭ އަދުލު އިންސާފާއި ގުޅިލާމެހިފައިވާކަމަކަށްވާތީ އެވެ.

ގާޒީ ހައިލަމަށް އެޅުއްވި ފިޔަވަޅާއެކު ޖޭއެސްސީން ކަށަވަރުކޮށްދިންކަމަކީ، ވަކި ފަނޑިޔާރަކަށް، ވަކި ހާލަތަކަށް ބެލުމެއްނެތި، ފަނޑިޔާރަކު، އެ ފަނޑިޔާރަކު ހުންނަވަންޖެހޭ އިމުން ބޭރުވެވަޑައިގަތުމުން ފިޔަވަޅު އަޅުއްވާނެކަމެކެވެ. އެކަމުގައި އެ ފަނޑިޔާރުގެ މޭޖު ކޮޅުމަތީގައިި އޮތީ ކިހާވަރެއްގެ މައްސަލައެއްކަމެއް ނުވަތަ ނޫންކަމެއް ނުބައްލަވާނެ ކަމެވެ.

ގާޒީ ހައިލަމް ސަސްޕެންޑްކުރުމަކުން އެކަމުގައި ޖޭއެސްސީ ކުށްވެރިކުރާނެ ޖާގައެއްވެސް، އަދި ސަރުކާރު ކުށްވެރިކުރާނެ ޖާގައެއްވެސް ނެތެވެ. ވީކަމެއްވެ، ފިޔަވަޅު އެޅުއްވީވެސް އަމިއްލަ ފުޅަށްކުރެއްވި ކަންތައްތަކެއްގެ ސަބަބުންނެވެ.

ދެން އޮތީ ސަސްޕެންޑްކުރެއްވުމުން ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައި ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ވިދާޅުވި ވާހަކަތަކެވެ. ނިޒާމަށް އިހުތިރާމްކުރާ، އަދި އިންސާފަށް ކުޑައީންވެސް ވަރަކަށް ލޯބިކުރައްވާ ބޭފުޅެއްނަމަ ނުފޫޒެއްގެ ވާހަކަ ސަސްޕެންޑްކުރެއްވުމުން ވިދާޅެއް ނުވާނެ އެވެ. އިހުލާސްތެރި، ނަޒާހަތްތެރި ފަނޑިޔާރެއްނަމަ، އެ ވާހަކަތައް އޮންނާނީ މާކުރިންވެސް ވިދާޅުވެފަ، މައްސަލަ ހުށަހަޅުއްވަންޖެހޭ ފަރާތަށް ހުށަހަޅުއްވާފަ އެވެ. މައްސަލަ ހުށަހަޅަންޖެހޭ ފަރާތަށް ހުށަހަޅައިގެން ނަތީޖާއެއް ނުނިކުތްނަމަ، ބަޔާން ނެރުއްވުމަށް ކްރިމިނަލް ކޯޓުގެ ވެބްސައިޓްވެސް ބޭނުންފުޅު ކުރެއްވުނީސް އެވެ. އަދި ކިޔެއްތަ ޝަރީއަތްތައް ވަގުތުން ޓީވީތަކުން ލައިވް ބްރޯޑްކާސްޓް ކުރައްވަމުންގެންދެވިއިރު، އެހެން ވިދާޅުވެސްވެވުނީސް އެވެ. ނަމަވެސް ނުފޫޒެއްގެ ވާހަކަ ވިދާޅުވާންވެސް ގާޒީ ހައިލަމަށް އެނގިވަޑައިގެންނެވީ ސަސްޕެންޑްކުރެވުނު ހިސާބުންނެވެ.

ކިތަންމެ ފަށުވި އިބާރާތަކުން ބަޔާނެއް ނެރުއްވާ ވިދާޅުވިނަމަވެސް، ކަންކުރެއްވިގޮތުން އެ ފަށުވި އިބާރަތްތަކުން އެއްވެސް ބާރެއް ނެތެވެ. އެޔަށްވުރެ ބޮޑަށް ސިފަވެގެންދިޔަ ކަމަކީ ކޮރަޕްޓް، ނުފޫޒުތަކުގައި ހުންނެވި، އިންސާފުގެ ސިފަތައް ގެއްލިފައިވާ ފަނޑިޔާރެއްގެ ސިފަ އެވެ. އަމިއްލަ އެދުމާއި، އަމިއްލަ މަސްލަހަތު އިސްކުރައްވާ ފަނޑިޔާރެއްގެ ސިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް