ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - އެމްއާރްއެމް

އެމްއާރްއެމްގެ އިންތިގާލީ ރައީސަކަށް މައުމޫން

  • ރައީސަކަށް މައުމޫނު އިންތިހާބު ވެވަޑައިގެންނެވީ މެމްބަރުންގެ ޢައުލަބިއްޔަތުން
  • ޕާޓީގެ ނަމެއްގެ ގޮތުގައި ފާސްކޮށްފައިވަނީ ''ދިވެހި އިސްލާހީ ހަރަކާތް''
  • މިއީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދި ތިން ވަނަ ސިޔާސީ ޕާޓީ

އަލީ ސަމާޚް
AliSamah8

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 07:51 2,523

އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް - ޔޫސުފް ސޮފްވާން ރަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސަކަށް އެމަނިކުފާނު އިންތިހާބުވެ ވަޑައިގެންފިއެވެ.

އެމްއާރްއެމްގެ ރައީސަކަށް މައުމޫން އިންތިހާބުވެ ވަޑައިގެންނެވީ، ބުރާސްފަތި ދުވަހުގެރޭ އެމްއާރްއެމް އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ. ޖަލްސާ ފަށަން ކުރިން ހަމަޖެހިފައި އޮތީ 8:15 ގައެވެ. އެހެން ނަމަވެސް ގާނޫނީ ގޮތުން އަދަދު ހަމަވެ ޖަލްސާ ކުރިޔަށް ގެންދިޔުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އިލެކްޝަނުން އިއުލާން ކުރުމާއި އެކު ޖަލްސާ ފެށީ 10 ޖެހިއިރުއެވެ. އިލެކްޝަންގެ ގާނޫނު ބުނާ ގޮތުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން އެންމެ މަދުވެގެން 300 މެމްބަރުން ޖަލްސާ އަށް ހާޒިރުވެ ތިބެން ޖެހެއެވެ.

ޖަލްސާ ފެށުމުގެ ކުރިން އެމް.އާރް.އެމްގެ ހަރަކާތްތަކުގައި ފެށުނީއްސުރެ އެންމެ އިސްކޮށް އުޅުއްވާ އަބްދުލް އަލީމްގެ މަންމަ ނިޔާވުމާއި ގުޅިގެން ސުކޫތެއް ވަނީ ގެނެސްފައެވެ.

އެ ޖަލްސާގައި ޕާޓީގެ ނަމާއި, ލޯގޯ އަދި އަސާސީ ގަވާއިދު ވަނީ ފާސްކޮށްފައެވެ. ޕާޓީގެ ނަން ގޮތުގައި ''ދިވެހި އިސްލާހީ ހަރަކާތް'' ވަނީ ހުރިހާ މެމްބަރުންގެ ޢައުލަބިއްޔަތުން ފާސްވެފައެވެ.

ޕާޓީގެ ލޯގޯ އަށް ތިން ލޯގޯ އެއް ހުށައެޅުނެވެ. އެ ލޯގޯގެ ތެރެއިން ފާސްވީ ރައީސް މައުމޫނު ވެސް ތާއިދު ކުރެއްވި ލޯގޯއެވެ. އެއީ ދެ ތީރު ދައްކުވައިދޭ ލޯގޯ އެކެވެ. ލޯގޯ ގައި ހިމެނޭ ރަން ކުލަ އަކީ ޕާޓީގެ ރަސްމީ ކުލަ ގޮތުގައި ވަނީ ފާސްކޮށްފައެވެ. 156 މީހުންގެ ވޯޓާއި އެކު ފާސްކުރި ލޯގޯގެ ޝިޔާރަކީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.

އެމްއާރްއެމްގެ ރަސްމީ ލޯގޯ. ފޮޓޯ: ޓްވިޓަރ

ގިނަ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާތަކާއި އެކު ހަދާފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދުގައި 10 ބާބާއި 40 މާއްދާއެއް ހިމެނެއެވެ. ގައުމުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމުގެ އިތުރުން އަންހެނުން ބާރުވެރި ކުރުމަށް އަސާސީ ގަވާއިދު ގައި އިސްކަން ދީފައިވެއެވެ.

އެ ޖަލްސާގައި ޕާޓީގެ އިންތިގާލީ ކޮމިޓީ އަށް އިންތިހާބު ކުރާ 20 މެމްބަރުން ވަނީ ހޮވާފައެވެ. އެއީ 10 ފިރިހެން މެމްބަރުންނާއި 10 އަންހެން މެމްބަރުންނެވެ.

އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ރާއްޖެ.އެމްވީ

މިއީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ތިން ވަނަ ޕާޓީއެވެ. މައުމޫނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުއާރުޕީއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އުފެއްދެވި ސިޔާސީ ޕާޓީގައި ހުންނެވުމަށްފަހު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންފައިކަން އިއުލާން ކުރެއްވި އެވެ. ނަމަވެސް އަލުން ސިޔާސީ މަސައްކަތްޕުޅަށް ނިކުމެވަޑައިގެން މަސައްކަތްޕުޅު ފެއްޓެވުމާއި ޑީއާރުޕީގައި ޖެހުނު ހަމަނުޖެހުންތަކަށްފަހު އެ ޕާޓީ ދޫކުރައްވާ ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ.

ޕީޕީއެމްގެ ރައީސްއަކަށް ހުންނަވަނިކޮށް، އެ މަނިކުފާނު އެ މަގާމުން ވަކިކޮށް، ސިވިލް ކޯޓަށް ހުށަހަޅައިގެން ޕާޓީ ހިންގެވުމުގެ ބާރު ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ނެންގެވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް