ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
މުހައްމަދު ނިޒާމް (ނިޒާމްބެ)

ސައިފްގެ ކޯޗުކަމާ ރަސްމީކޮށް ނިޒާމްބެ ހަވާލުވެއްޖެ

  • ސައިފްއިން މަސައްކަތްކުރަނީ ރަނގަޅު ޕްލޭނަކާއެކު

ކ. މާލެ | 7 ނޮވެންބަރ 2019 | ބުރާސްފަތި 18:31 | 5,408

ސައިފްގެ ކޯޗުކަމާ މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވުން - ފޭސްބުކް

ރާއްޖޭގެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ސައިފް ސްޕޯޓިންގ ކްލަބްގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވެއްޖެއެވެ.

ނިޒާމްބެއާ ސައިފްގެ ކޯޗުކަން ހަވާލުކުރީ ބުރާސްފަތި ދުވަހު އެ ކްލަބްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ވަނީ ސައިފްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނިޒާމްބެ ބުނީ، ސައިފްގެ ރަނގަޅު ޕްލޭނެއް އެބަ އޮތް ކަމަށާއި، އެޓީމުން މަސައްކަތް ކުރަނީ ރަނގަޅު އަމާޒަކާއެކު ކަމަށެވެ. އެގޮތުން ނިޒާމްބެ ބުނީ، އޭނާ ކޯޗުކޮށްދޭ ކޮންމެ ކްލަބާއެކުވެސް ބޭނުންވަނީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ކަމަށާއި، ސައިފްއާއެކުވެސް ޓާގެޓަކަށްވާނީ ބައިވެރިވާ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން ކަމަށެވެ.

ބޭރު ގައުމެއްގެ އެންމެ މަތީ ޑިވިޝަންގެ ކޯޗުކަން މީގެ ކުރިން ރާއްޖޭގެ އެއްވެސް ކޯޗަކަށް ލިބިފައެއް ނުވެއެވެ. އެ ޝަރަފު ނިޒާމްބެއަށް ލިބިފައިވާއިރު، ނިޒާމްބެ ބުނީ މީގެ ސަބަބުން ސަރަހައްދުގައި ރާއްޖޭގެ ފުޓުބޯޅައަށް ކުރިއެރުންތައް ހޯދޭނެއެވެ. އަދި އެހެން ކޯޗުންނަށްވެސް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް ނިޒާމްބެ ބުނެއެވެ.

ފާއިތުވި ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުކަން ހޯދާފައިވާ ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީ ސްޕޯޓްސް ކްލަބުން ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝައިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އެ ސީޒަނުގައި ޓީސީން ވަނީ ދިވެހި ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީ ވަނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ވިދިވިދިގެން ތިން އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީން ދެ ފަހަރު އެފްއޭކަޕްގެ ދެވަނަ ހޯދާފައިވާއިރު، ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ އެއް ފަހަރު ހޯދާފައި ވެއެވެ.

ސައިފްއާ މިދިޔަ އަހަރު ހަވާލުވެގެން ހުރީ އިންގްލޭންޑްގެ ސްޓެވާޓް ހޯލްއެވެ. އޭނާގެ އިރުޝާދުގެ ދަށުން ސައިފް މިދިޔަ ސީޒަން ނިންމާލީ ހަތަރު ވަނައިގައެވެ. މިއަހަރުގެ ލީގު ފަށާނީ ޑިސެމްބަރ މަހުއެވެ.

ބަންގްލަދޭޝް ލީގުގައި 12 ކްލަބް ވާދަކުރާއިރު، މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ބަޝުންދުރަ ކިންގްސްއެވެ. އެޓީމުގެ ކޯޗަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުރިން ހަވާލުވެގެން ހުރި ސްޕެއިންގެ އޮސްކާ ބްރުޒޮންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.