ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 12:28
މުއާ އާއި އަޒޭ
މުއާ އާއި އަޒޭ
ރާއްޖެއެމްވީ
ހުވާ
"ހުވާ" 2 ގެ ވަރުގަދަ ރޯލު ތަކަށް މުއާ އާއި އަޒޭ!
 
ފުރަތަމަ ސީޒަންގައި "ޒޯޔާ" ގެ ކެރެކްޓާއިން ފެނުން ނާއްކޮގެ ވެސް މުހިއްމު ރޯލެއް އިންނާނެ
 
އެ ދެ ފަންނާނުންގެ ޝޫޓިން ވެސް ފެށިގެން ކުރިޔަށްދަނީ

މަޝްހޫރު ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ޑައިރެކްޓް ކުރަމުންދާ "ހުވާ" ސީޒަން ދޭއްގެ ވަރުގަދަ ރޯލު ތަކަކަށް ފިލްމީތަރި އަބްދުﷲ މުއާޒު (މުއާ) އާއި އަހުމަދު އަޒްމީލް (އަޒޭ) ހަމަޖައްސާފައިވާ ކަމަށް ނަހުލާ ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލުމާތު ދެމުން ނަހުލާ ބުނީ، ދެވަނަ ސީޒަންގެ ޝޫޓިން ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށެވެ.

އިތުރަށް ނަހުލާ ބުނީ، އަޒޭ އާއި މުއާގެ ޝޫޓިން ވެސް މިހާރު ފެށިގެން ކުރިޔަށްދާ ކަމަށާއި އެ ދެ ފަންނާނުން ވެސް އެ ސީޒަންގައި ފެނިގެންދާނީ ވަރަށް މުހިއްމު ރޯލު ތަކަކުން ކަމަށެވެ.

މުއާ އާއި އަޒޭގެ އިތުރުން ފިލްމީތަރި ނާޝިދާ (ނާއްކޮ) ގެ ވެސް ބޮޑު ރޯލެއް "ހުވާ"ގެ ދެވަނަ ސީޒަންގައި ހިމެނޭ ކަމަށް ނަހޫ ވަނީ ފާހަގަކޮށްފައެވެ. "ހުވާ"ގެ ފުރަތަމަ ސީޒަން ގައި ވެސް ނާއްކޮ ފެނިގެންދިޔައެވެ. އޭގައި ފެނިގެންދިޔައީ "ޒޯޔާ" ގެ ކެރެކްޓަރ އިންނެވެ. ނަމަވެސް ނާއްކޮގެ މާ ގިނަ މަންޒަރުތަކެއް އެ ސީޒަންގައި ފެނިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ނާއްކޮ ހުވާގެ މަންޒަރެއްގައި

ނަހޫ އިތުރަށް ބުނީ، ދެވަނަ ސީޒަން ފެށިގެންދާނީ ފުރަތަމަ ސީޒަން ނިމުނު ހިސާބަށް ގުޅިގެން ކަމަށާއި ސްކްރިޕްޓް ތައްޔާރު ކޮށްފައިވާނީ މީހުން އަޖައިބުވާފަދަ ގޮތަކަށް ކަމަށެވެ.

"ހުވާ" ގެ ފުރަތަމަ ސީޒަން ގެ އެޕިސޯޑުތަކުގެ ދިގުމިން ކުރު ވެގެން ބައެއް މީހުން ވަނީ ޝަކުވާކޮށްފައެވެ. ނަހޫ ބުނަނީ ދެވަނަ ސީޒަންގެ އެޕިސޯޑެއްގެ ދިގުމިން ވިހި މިނިޓަށް ދިގުދެމިގެންދާނެ ކަމަށެވެ.

"ހުވާ" ސީޒަން ދޭއްގެ މަންޒަރުތައް ނަގާނީ މާލެއާއި ހުޅުމާލޭގައެވެ. އެ ސީރީޒްގެ ފުރަތަމަ ސީޒަންގެ ބޮޑު ބައެއް ކ.ގުރައިދޫ ގައިވެސް ޝޫޓް ކޮށްފައިވެއެވެ.

ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ގިނަ މައްސަލަތަކަކަށް އަލި އަޅުވައިލައިގެން ހަދާފައިވާ "ހުވާ" އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔަ ސީރީޒެކެވެ. އަދި ބައިސްކޯފުން ފުރަތަމަ ސްޓްރީމްކުރަން ފެށި ފުރަތަމަ ވެބް ސީރީޒްކަން ވެސް ފާހަގަކޮށްލެވެއެވެ.

ފިލްމީ ދާއިރާގެ ނަން މަޝްހޫރު ގިނަ ޢަދަދެއްގެ ތަރިންނާއެކު ހަދާފައިވާ "ހުވާ" ގައި ޔޫއްޕެ، ޝީލާ، އާރިފާ، ރިޝްފާ، ދޮން އައްޔަ، ފައިސަލް، ރަވީ، އިރުފާނާ، އައްޒަ، ޖިމީ އަދި އާނަންދު ފަދަ މޮޅު ތަރިންގެ ކުޅަދާނަ އެކްޓިން ފެނިގެންދިޔައިރު ރާއްޖޭގެ ގިނަ ބަޔަކު ވަނީ އެ ތަރިންގެ އެކްޓިން ބަލައިގަނެ ތައުރީފް ކޮށްފައެވެ.

"ހުވާ" ގެ ދެވަނަ ސީޒަންގެ ޝޫޓިން ފެށިގެން ފޯރީގައި ކުރިޔަށްދާއިރު އެ ސީޒަން ބެލުންތެރިންނާއި ހަމަޔަށް އަންނާނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ނަހުލާ ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
80%
0%
20%
0%
0%
ކޮމެންޓް