ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
މަގޭ ރިޕޯޓް

އިންސާނުންގެ ކަރުގައި ޗޭނުޖަހާ ދަމަން ހިތްވަރުދޭ ގާޒީއެއް މަގާމުގައި ހުރެގެން ނުވާނެ!

  • އިންސާނުން ތަކެއްގެ ކަރުގައި ވޭނުޖަހާ ދަމާ، ކުރެހުމެއް ގާޒީއަކު އާއްމު ކުރުމަކީ އަދުލްއިންސާފަށް އޮތް ނުރައްކަލެއް
  • ޖުޑީޝަރީ އިސްލާހު ކުރަންޖެހޭ ކަމަށް ރައްޔިތުން ދަނީ ތާއަބަދު ބުނަމުން
  • ސަރުކާރުގެ އިސްވެރިންގެ ކަރުގައި ޗޭނުޖަހާ ފޮޓޯ އާއްމުކުރި ގާޒީ، އިދިކޮޅު ލީޑަރުގެ ޝަރީއަތް ހިންގަން

ކ. މާލެ | 7 ނޮވެންބަރ 2019 | ބުރާސްފަތި 13:25 | 3,693

ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާގެ ކިޔުންވި ކުރެހުން-- - ޓްވިޓަރ

މިދުވަސްވަރު އެންމެ ހިނގާ އެއް ވާހަކައަކީ މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އެދުވަހުގެ ތަހުނިޔާ ކިޔުއްވުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ބޭނުން ކުރެއްވި ކުރެހުމުގެ ވާހަކަ އެވެ.

ގާޒީ ހައިލަމް ބޭނުން ކުރެއްވި އެ ކުރެހުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅު އަދި އިދިކޮޅު، ޕީޕީއެމްއަށް ތާއީދުކުރާ "އޮށްވަޅު" ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓަކުން އާއްމުކުރި ކުރުހެމެކެވެ. މިއަހަރުގެ ނަސްރުގެ ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަން ބޭނުންކުރި އެ ކުރެހުމުގައި ލިއެފައި ވަނީ "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" މިހެންނެވެ. ކުރެހުމުގައި "އޮށްވަޅު" ގުރޫޕުގެ ލޯގޯ ވެސް ޖަހާފައިވެ އެވެ.

"އޮށްވަޅު" ޓްވީޓާ އެކައުންޓުން އެކުރެހުން ސޯސަލް މީޑިއާގައި އާއްމުކުރި ނަމަވެސް، އެކަމަށް މީހުންގެ މާބޮޑު ސަމާލުކަމެއް އައިސްފައެއް ނުވެއެވެ. އެ ފޮޓޯގެ ސަމާލުކަން އައީ ދިވެހިރާއްޖޭ ޖިނާއީ އަދުލްގެ ނިޒާމުގެ ފުރަތަމަ މަރުހަލާގެ ކޯޓު ކަމަށްވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އެ ފޮޓޯ ބޭނުންކުރައްވާ، އެކޯޓުގެ މުވައްޒަފުންނަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުއްވި ހިސާބުންނެވެ. ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އެ ފޮޓޯ ލުމުން އެ ބައިބާ ގްރޫޕްގެ ސްކްރީން ޝޮޓްތަކެއް ވަނީ ސޯސަލް މީޑިއާގައި އާއްމުވެފަ އެވެ. އެކަން ކްރިމިނަލް ކޯޓުގެ ހަތަރުފާރުން ބޭރުވެ، ހައިލަމްގެ ނަޒާހަތްތެރިކަން ހުރި މިންވަރު ހާމަ ވެއްޖެއެވެ.

ގާޒީ ހައިލަމް ގާޒީ ކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ކޮޅުގަ އެވެ. ޔާމީންގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ވަޑައިގެންނެވުމުގެ ކުރީން ހައިލަމަކީ އުޅޭ މީހެއްކަންވެސް ދިވެހިރައްޔިތުން ނުދަނެއެވެ.

ހައިލަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް އައްޔަން ކުރެވުނު ހަތަރު ވަނަ އިސްގާޒީ އެވެ.

ގާޒީންނަކީ ތައައްސަބުން އެއްކިބާވެގެން ތިބެ، އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، އަދުލަށް ހުކުމް ކުރަންޖެހޭ ބަޔެކެވެ. ގާޒީންގެ ކުރިމައްޗަށް މަހުޖަނެއް ހާޒިރު ކުރިޔަސް، ބާޣީއެއް ހާޒިރު ކުރިއަސް، އަދި ނިކަމެތި ރައްޔިތެއް ހާޒިރު ކުރިއަސް، ހުށަހެޅިފައިވާ މައްސަލައާމެދު ނިންމާ ނިންމުން ވާންޖެހެނީ އިންސާފުވެރި ނިންމުމަށެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުއްވުމަށް ހައިލަމް ބޭނުންކުރެއްވި ކުރެހުމުގައި ކަރުގައި ޗޭނު ޖަހައިގެން ދަމަމުން ގެންދާ އެ ފުޓޯގައި، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިމެނެއެވެ.

މިމައްސަލަ ފެންމަތިވުމުން ހައިލަމް އެ ވިދާޅުވަނީ ސަގަރު ލުތުފީ ކަރުގައި ޗޭނުޖަހައިގެން ދަމާތަން ފެނުމުން އެ ފޮޓޯ އެ ވައިބާ ގްރޫޕްގައި ހިއްސާކޮށްލީ ކަމަށެވެ. އެ ފުޓޯގައި ރައީސް ސޯލިހުއާއި ރައީސް ނަޝީދު ހިމެނޭކަން އެނގިފައި ނުވާކަމަށެވެ. އެފޮޓޯގައި ރައީސް ސޯލިހުއާއި ރައީސް ނަޝީދު ނުހިމެނު ނަމަވެސް އިންސާނެއްގެ ކަރުގައި ޗޭނުޖަހައިގެން ދަމާ ފޮޓޯއެއް ކޯޓެއްގެ ގާޒީއަކު ބޭނުންކޮށް، އެފުޓޯ ރައްޓެހިންނަށް ޝެއާރ ކުރުމަކީ ވަރަށް ދެރަވަރު ކަމެކެވެ.

ހައިލަމް ވިދާޅުވިޔަސް ތިޔައީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫނެވެ. ހަމަ ފޮޓޯއެއް ފެންނައިރަށް އެ ފޮޓޯއަށް ލައިކްދީ، އަދި ހާއްސަކޮށް، އެ ފޮޓޯއެއް ޝެއާރ ކުރާއިރު ނުބަލާ ޝެއާރ ކުރުމަކީ، ހާއްސަކޮށް، ދައުލަތުގެ ތިޔަފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެފަދަ އިންސާނިއްޔަތާއި ހިލާފު އަމަލެއް ކުރެއްވި ބޭފުޅަކު ގާޒީއަކަށް އިންނެވުމަކީ ގާޒީންނަށްވެސް ހުރި ހުތުރެކެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދައުލަތުގެ އެންމެބޮޑު ހިޔާނާތް ހިންގާފައިވާއިރު، އަދި އޭގެއިތުރުން ބޮޑެތި ޖަރީމާތަށް ހިންގާފައިވާކަމުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ސަރުކާރެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ގިނަ މައްސަލަތަކުގެ ތަހުގީގުތަކެއް ކުރިއަށްދާއިރު، އެމައްސަލަތަކުގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާގެ ކޯޓަކީ ކްރިމިނަލް ކޯޓެވެ. އެ ކޯޓުގެ އިސްގާޒީ އަކީ ހައިލަމް އެވެ. ހައިލަމް އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އެހާ ނަފްރަތު ކުރައްވާ ބޭފުޅަކަށް ވާއިރު، ރައީސް ޔާމީނަކީ އެ ދެ ބޭފުޅުންގެ ވާދަވެރިޔާ އެވެ. ނުވަތަ އިދިކޮޅު ސިޔާސީ ލީޑަރެވެ.

ކަން އެހެންހުރިއިރު، ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އިންސާފު ގާއިމު ކުރާނެ ގޮތެއް ދެން ނިކަން ބުނެބަލާށެވެ. ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލީ ހަމަ ތިޔަ ކްރިމިނަލް ކޯޓުގެ އިސްގާޒީއެއް ކަމަށްވާ އަބްދުﷲ ގާޒީ އަކާ ޖެހިގެންނެވެ. އޭރު ކްރިމިނަލް ކޯޓުގެ ތެރެއިން ރައީސް ނަޝީދުގެ ސަރުކާރަށް ޖެއްސުން ކުރަމުންދިޔައީ އެއްވެސް ހަމައެއް ލަމައެއް ނެތި އެވެ. މަސްތުވާތަކެއްޗަށް އޮތް ދޮރުތައް ބަންދުކުރަން އައި ސަރުކާރުން ބޮޑެތި ޑްރަމް ޑީލަރުން ހިފާ ހައްޔަރު ކުރާއިރަށް ކޯޓުން ދޫކޮށްލަނީ އެވެ. މީހުން މަރާ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ ހެލްތް މިނިސްޓަރު ޖަވާބުދާރީ ކުރުމަށްކަމަށް ބުނެއެވެ. ކުރީގެ ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ މައްޗަށް ކުށެއް ސާބިތުވާ ކަމަށް ނުވެއެވެ. މޫސުމާބެހޭ ގައުމީ އިދާރާއަށް ދިން ފައިސާތަކެއް، އެއިދާރާގެ އިސްވެރިޔަކަށް ކުރިން އުޅުއްވި ރައީސް ޔާމީންގެ ކޮށްކޯފުޅު އަލްގީންގެ އަމިއްލަ ބޭންކު އެކައުންޓަށް ޖަމާކުރުމުން ވެސް އެކުށް ސާބިތެއް ނުވިއެވެ. މިފަދަ އެތައް ކަމެއް ޖުޑީޝަރީގެ ތެރެއިން ވަނީ ހިންގާފަ އެވެ.

އެއީ އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް ކްރިމިނަލް ކޯޓުން ޖެއްސުން ކުރުމަށް ހިންގި ކަންތަކުގެ ކުޑަ މިންވަރެކެވެ. މިހާރު އަނެއްކާވެސް އެމައްޒަރު ތަކުރާރުވަމުންދާތަން ފެންނަން ފަށައިފި އެވެ. އެކަމަކު މިފަހަރު، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވީކީ، ރައްޔިތުން އެދޭ ގޮތަށް މިނިވަން އަދުލްވެރި ފަނޑިޔާރުގެއެއް ގާއިމުކޮށްފަ ނޫނީ، ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގެންނަވައި، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިން މައިގަނޑު ބޭނުމަކީ ޖުޑީޝަރީ އިސްލާުހުކޮށް، ގައުމުގައި އަދުލްއިންސާފު ގާއިމު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.