ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 19:13
އަލީ އަޝްފާގް
އަލީ އަޝްފާގް
އެފްއޭއެމް
އަލީ އަޝްފާގް
އަމިއްލަ ގައުމުގައި ކުޅޭ ދެމެޗަށް ސަޕޯޓަރުން އެހީވެދީ: އަޝްފާގް
 
ވޯލްޑްކަޕް ކޮލިފިކޭޝަނުގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ފޯރި ގަދަ ކުރުމަށް ސަރުކާރާއި އެފްއޭއެމް އިން އަންނަނީ މަސައްކަތް ކުރަމުން

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ރާއްޖޭގައި ފިލިޕީންސް އާއި ގުއާމާއި ދެކޮޅަށް މި މަހު ކުޅުމަށް ހަމަޖެހިފައިވާ ދެމެޗަށް ސަޕޯޓަރުންގެ އެހީ ބޭނުންވާ ކަމަށް ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ބުނެފިއެވެ.

ދަގަނޑޭ މިހެން ބުނެފައިވަނީ އޭނާ ކުރި ޓުވީޓެއްގައެވެ. ދަގަނޑޭ އިތުރަށް ބުނެފައިވަނީ އަމިއްލަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ސަޕޯޓަރުންގެ އެހީ ބޭނުންވާ ކަމަށާއި އިރާދަކުރެއްވިއްޔާ ސަޕޯޓަރުން ދެރަވިޔަ ނުދޭނެ ކަމަށެވެ. މީގެ އިތުރުން އަޝްފާޤް ބުނީ އެންމެ އެކަތި ގަނޑަކަށްވެ މި ދެ މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަން ކޮލިފިކޭޝަނުގައި އަމިއްލަ ޤައުމުގައި ފިލިޕީންސް އާއި ގުއާމާއި ދެކޮޅަށް އަމިއްލަ ޤައުމުގައި ކުޅުމަށް ހަމަޖެހިފައިވާ ދެމެޗުގެ ފޯރި ގަދަކުރުމަށް އެފްއޭއެމް އާއި ސަރުކާރާއި ގުޅިގެން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ޤައުމީ ޓީމު ކޮމެޓީގެ ޗެއަރމަން އަލީ ވަހީދު ވިދާޅުވީ މި ދެ މެޗަށް ސަޕޯޓަރުން ނެރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެގޮތުން، ގަލޮޅު ދަނޑު ފުރާލާ މަޖީދީ މަގުގައި ސްކްރީން ބަހައްޓައިގެން ވެސް ބެލޭނެ ގޮތް ހަދާނެ ކަމަށެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިންޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް