ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - ބަޖެޓް

ބަޖެޓް 2020: ޕީއެސްއައިޕީއަށް އެންމެ ބޮޑު އަދަދެއް ކަނޑައެޅި ބަޖެޓް

  • ޕީއެސްއައިޕީ އަށް 10.1 ބިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނާފައި
  • މާލޭ ރީޖަން އަށް 3.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފައި
  • އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނާފައި

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 4 ނޮވެންބަރު 2019 | ހޯމަ 11:00 1,926

ފިނޭންސް މިނިސްޓަރ - ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ) ތަކަށް 10.1 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް ޕީއެސްއައިޕީއަށް އެންމެ ބޮޑު ޢަދަދެއް ކަނޑައެޅިގެންދާ ބަޖެޓް ކަމުގައެވެ. ހިނގަމުންދާ 2019 ވަނަ އަހަރު ޕީއެސްއައިޕީއަށް ކަނޑައަޅާފައިވަނީ 6.6 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ބަލާލާއިރު މާލޭ ރީޖަންގައި 3.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮޖެކްޓްތައް ހިންގާ ތަފުޞީލަށް ބަލާލާއިރު އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ގައެވެ. އެއީ 523 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެވެ. އެއަށްފަހު އެންމެ ގިނަ މަޝްރޫޢުތަށް ހިންގުމަށް ހަމަޖެހިފައިވަނީ ގދ އަތޮޅުގައެވެ. އެއީ 486 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެވެ. ދެން އެންމެ ގިނަ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުގަ އެވެ. އެއީ 362 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެވެ. ރ އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށް 309 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު ތ އަތޮޅަށް ވަނީ 332 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓްގައި ހިމަނާފަ އެވެ. ބ އަތޮޅުގައި 285 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ހިމަނާފައިވާއިރު ފުވައްމުލައް ސިޓީ ޕީއެސްއައިޕީގެ ދަށުން 228 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓްގައި ވަނީ ހިމަނާފަ އެވެ. ށ އަތޮޅުގައި 264 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ހަމަޖައްސާފައިވާއިރު ނ އަތޮޅުގައި 225 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ވަނީ ހަމަޖައްސާފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު 143 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކުރާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އަންނަ އަހަރު 45 ރަށެއްގެ ބަނދަރު މުޅިން އަލަށް ފެށުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖްކުރުމާގުޅޭ 20 މަޝްރޫޢަކަށް ޖުމްލަ 212 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް އަދި ޙަރަކާތްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ ފުޅާވެގެންދިއުމަކީ އުންމީދުކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް