ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 07:32
މުޒާހަރާގެ  ބައިވެރިއަކު އީރާން ކޮންސިއުލޭޓްގެ އަރިމަތީގައި ހުރި ޓަޔަރުތަކެއްގައި ރޯކޮށްލަނީ
މުޒާހަރާގެ ބައިވެރިއަކު އީރާން ކޮންސިއުލޭޓްގެ އަރިމަތީގައި ހުރި ޓަޔަރުތަކެއްގައި ރޯކޮށްލަނީ
އަލްއަރަބިއްޔާ
އިރާޤް މުޒާހަރާ
އިރާޤުގެ ކަރްބަލާގައި ހުންނަ އީރާން ކޮންސިއުލޭޓަށް ޙަމަލާދީފި
 
މުޒާހަރާގެ ބައިވެރިން ވަނީ ކޮންސިއުލޭޓުގައި ހުރި އީރާނުގެ ދިދަ އުފުރާލާ، އިރާޤު ދިދަ ނަގާފައި
 
މިޙަމަލާގައި އެއްވެސް މީހަކު މަރުވިކަމެއް ނުވަތަ ޒަޚަމްވިކަމެއް އަދި ކަށަވަރެއް ނުވޭ

އިރާޤުގައި މިހާރު ކުރިޔަށްދާ މުޒާހަރާގެ ބައިވެރިން ކަރްބަލާ އަވަށުގައި ހުންނަ އީރާން ކޮންސިއުލޭޓަށް ޙަމަލާތަކެއް ދީފިއެވެ.

ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިރާޤުގެ ވެރިރަށް ބަޣުދާދުގެ ދެކުނު އަވަށެއްކަމަށްވާ ކަރުބަލާގައި ހުންނަ އީރާން ކޮންސިއުލޭޓަށް މުޒާހަރާގެ ބައިވެރިން ޙަމާދީފައިވަނީ ރޭގެވަގުތެއްގައެވެ. ކޮންސިއުލޭޓަށް ވަންނަން ހުންނަ ކޮންކްރީޓް ބްލޮކްތައް ފަހަނައަޅާ އެތަނަށް ވަދެ މުޒާހަރާގެ ބައިވެރިން ވަނީ އެތާ އިން އީރާނު ދިދަ ނެގުމަށްފަހު އަންދާލާފައެވެ. އަދި ދިދަ ދަނޑިއަށް އިރާޤު ދިދަ ވަގުތުން ނަގާފައިވާކަމަށް ބައިނަލް އަޤުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ކޮންސިއުލޭޓަށް ވަނުމުގެ އިތުރަށް، ކޮންސިއުލޭޓަށް ގާއުކައި، ކޮންސިއުލޭޓް ހުންނަ އިމާރާތުގެ ވަށައިގެންވާ ޓަޔަރުތަކުގައި ރޯކުރަން ފެށުމުން އިރާޤުގެ މަދަނީ ފުލުހުންނާއި، ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންގެ ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރިއެވެ. ސަމާލަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކޮންމެވެސް ވަރަކަށް ކުރިމަތިލުންތައް ހިނގި ނަމަވެސް، މި ކުރިމަތިލުންތަކުގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޝިޢީންގެ އާބާދީ ބޮޑު ކަރްބަލާ އަވަށާއި އަދި ޝިޢީން ގިނަ އިރާޤުގެ ދެކުނުގެ އަވަށްތަކުގައި މުޒާހަރާކުރަމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. މުޒާހަރާތައް ދިގުދެމި، މުޒާހަރާގެތެރޭގައި ދިން ޙަމަލާތަކުގައްޔާއި ކުރިމަތިލުންތަކުގައި މިހާތަނަށް 250 މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް