ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 05:31
ޔަމަން ހަނގުރާމައިގައި މަރުވި މީހުންގެ ޖަނާޒާއެއްގެ ތެެރެއިން
ޔަމަން ހަނގުރާމައިގައި މަރުވި މީހުންގެ ޖަނާޒާއެއްގެ ތެެރެއިން
އަލްއަރަބިއްޔާ
ޔަމަނުގެ ދާޚިލީ ހަނގުރާމަ
ޔަމަނު ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 100 ހާހަށް!
 
މަރުވި މީހުންގެ ތެރޭގައި ޢާންމުންގެ ބާރަ ހާސް މީހުން ހިމެނޭ
 
މިއަހަރު އެކަނިވެސް 2000 މީހުން މަރާލާފައިވޭ

2015 ވަނަ އަހަރުން ފެށިގެން ޔަމަނުގައި ކުރިޔަށްދާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 100،000 މީހުން މަރުވެފައިވާކަމަށް ޔަމަނުގެ މަޢުލޫމާތުތައް އެއްކުރަމުންދާ ޑޭޓާ ބޭސްއަކުން ދައްކައިފިއެވެ.

"ދަ އާރމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑޭޓާ ޕްރޮޖެކްޓް" އަކީ ޔަމަނުގެ ހަނގުރާމައާއި ގުޅުން ހުރި މަޢުލޫމާތުތައް އެންމެ ޞައްޙަގޮތުގައި އެއްކުރާ ޑޭޓާ ބޭސްއެކެވެ. މި ޕްރޮޖެކްޓަށް ފަންޑްކުރަނީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓައި ނެދަލޭންޑްސްގެ ފޮރިން މިނިސްޓްރީންނެވެ.މަރުވީ މީހުންގެ ޢަދަދު އެއްކޮށްފައިވަނީ ފާއިތުވެދިޔަ ފަސް އަހަރު ޔަމަނުގައި ދިން އެއްގަމާއި ވައިގެ ޙަމަލާތަކާއި އެޤައުމުގައި ކުރިޔަށްދިޔަ ވަރުގަދަ މުޒާހަރާތަކުގައި ހިގައިދިޔަ ހަމަނުޖެހުންތަކާއި ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ކަށަވަރުކޮށްގެންނެވެ.

ޑޭޓާ ބޭސްއިން ދައްކާގޮތުގައި، މިއަހަރުގެ އެކަނި ޔަމަނުގެ އެކި ކަންކޮޅުތަކުގައި ދިން ތަފާތު އެކި ޙަމަލާތަކުގައި ވިހި ހާސް މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން ބާރަހާސް މީހުން މަރުވެފައިވަނީ ސީދާ އެމީހުންނަށް ޢަމާޒުކޮށްދިން ޙަމަލާތަކެއްގައިކަން މި ޑޭޓާބޭސްގެ މަޢުލޫމާތުތަކުން ހާމަވެއެވެ.

ޑޭޓާ ބޭސްއިން ދައްކާގޮތުގައި، މިއަަހަރު އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވެފައިވަނީ އެޕްރިލް މަހުގައެވެ. އެއީ 2500 މީހުންނެވެ. ދެވަނަޔަށް އެންމެ ގިނައިން މީހުން މަރުވެފައިވަނީ ސެޕްޓެމްބަރުމަހުގައެވެ. އެއީ 1700 މީހުންނެވެ.

ޑޭޓާ ބޭސްއިން ދައްކާގޮތުންނަމަ 2015 އިން ފެށިގެން މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވެފައިވަނީ ޠާއިޒާއި، ޙުދައިދާއާއި، ޖައުފް ޕްރޮވިންސްގައެވެ. އެއަވަށްތަކަށް ދިން އަސްކަރީ ޙަމަލާތަކާއި،ކުރިމަތިލުންތަކުގައްޔާއި، ސީދާ ގޮތުންނާއި ނުސީދާގޮތުން ޙަމަލާތައް އަރައި ޢާންމުންގެ 10،000 މީހުން މި ތިން ޕްރޮވިންސުން މަރުވެފައިވެއެވެ.

2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޔަމަނުގައި މަރުވީ މީހުންގެ ތެރެއިން 8،000 މީހުންނަކީ ސައުދީގެ ގުޅިފައިވާ ލަޝްކަރުން ދިން ޙަމަލާތަކުގައި މަރުވި މީހުންކަންވެސް މި ޑޭޓާބޭސް އިން ދައްކައެވެ.

ބައިނަލްއަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި، އީރާނަށް ވާގިވެރިވެދޭ ހޫޘީ ހަނގުރާމަވެރިން އެޤައުމުގެ އުތުރާއި މެދުތެރޭ ޞަރަޙައްދު އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް 2014 ވަނަ އަހަރު ހަނގުރާމަ އިޢުލާން ކުރިއެވެ.

ވެރިރަށް ސަންޢާގައި އޭރު ހިންގަމުން ދިޔަ ސަރުކާރު ސިފައިންނާއި ހޫޘީ ހަނގުރާމަވެރިންގެ ކުރިމަތިލުންތައް ހޫނުވެ، ޢާންމު ދިރިއުޅުމަށް ބުރޫ އަރަންފެށުމުން، 2015 ވަނަ އަހަރުގެ މާރޗް މަހުގެތެރޭގައި ސައުދީގެ ގުޅިފައިވާ ލަޝްކަރުން ހޫޘީންނަށް ޢަމާޒުކޮށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށިއެވެ. މި ޙަމަލާތަކުގެ ބޭނުމަކީ ހޫޘީން އެޤައުމުގެ ދެކުނަށް ފެތުރިޔަ ނުދިނުމެވެ.

ސައުދީގެ ގުޅިފައިވާ ލަޝްކަރުތަކުގެ ޙަމަލާތައް ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ޢާންމުން އެއްވެއުޅޭ ގިނަ ޞަރަޙައްދުތަކަށް ޢަމާޒުވުމުގެ ސަބަބުން، މިޙަމަލާތަކުގައި މަރުވާ ޢާންމުންގެ ޢަދަަދު ވަރަށް ބޮޑުތަން އިތުރުވިއެވެ. ސައުދީގެ ގުޅިފައިވާ ލަޝްކަރުން ޢޭރު ބުނަމުން ދިޔައީ ޙަމަލާތައް ޢަމާޒުކުރީ ކުރުދީންގެ މައި ޖަގަހަތަކަށް ޢަމާޒުކޮށްކަމަށެވެ. އަދި މިޙަމަލާގައި ޢާންމުން މަރުވަމުންދަނީ ހޫޘީ ހަނގުރާމަވެރިން ޙަމަލާތަކުން ރެކެން އައްޑަނައެއްގެ ގޮތުގައި ޢާންމުން ބޭނުންކުރަމުންދާތީކަމަށެވެ.

ސައުދީގެ ގުޅިފައިވާ ލަޝްކަރުތަކުން ޙަމަލާދިން ނަމަވެސް ހޫޘީ ހަނގުރާމަވެރިން ވެރިކަމަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓައެއް ނުލައެވެ. އަދި ސައުދީން ރުކުރުވާލާފައިވާ ފައުޖުތަކަށް ހޫޘީން ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ވައިގެ ޙަމަލާތައް ދިނެވެ. ވަކިން ޚާއްޞަކޮށް ރަތް ކަނޑުގައި ޙަރަކާތްތެރިވަމުންދިޔަ، ސައުދީގެ ގުޅިފައިވާ ލަޝްކަރުތަކުން ބޭނުންކުރަމުންދިޔަ މަނަވަރުތަކަށް މެދުނުކެނޑި ޙަމަލާތައް ދިނެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ދިގުލައިގެން ގޮސް އެޤައުމަށް ޢުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި އިޤްތިޞާދީގޮތުން ބޮޑެތި ގެއްލުންތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ޢާންމު ރައްޔިތުން އަމިއްލަ ވަޒަނުގައި ބިކަވެ، ދިރިއުޅުމުގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޔަމަނަށް އެހީތެރިވެދިންނަމަވެސް، ދާޚިލީ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމު ނުކުރެވެނީސް އެޤައުމުގެ ރައްޔިތުންނަށް ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމުގެ ފުރުޞަތެއް ނެތެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް