ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 13:03
އަންހެންވެރިންތަކެއް ވަލުތެރެ ސާފުކުރަނީ
އަންހެންވެރިންތަކެއް ވަލުތެރެ ސާފުކުރަނީ
ރާއްޖެއެމްވީ
އއ. ފެރިދޫ
އަތޮޅު ތެެރެއިން މީހުން ރަށަށް އަރާ ފެރިދޫ ''ޗާލު'' ކޮށްލައިފި
 
މިއީ އަރި އުތުރު ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހިންގި ހަރަކާތެއް
 
550 މީހުންް ބައިވެރިވި

ހެނދުނު އަރައިގެން އައި އިރާއި އެކު ފެރިދޫގެ ބަނދަރު ފުރާލީ ކައިރި ރަށްރަށުން އެ ރަށަށް ލެފި ބޯޓުތަކުންނާއި، މަސްބޯޓު ފަހަރުގެ އިތުރުން ސްޕީޑް ލޯންޗު ތަކުންނެވެ. އެކިއެކި އުމުރުފުރައިގެ މީހުން އެ ރަށަށް ޖަމާވީ އެއް އަޒުމެއްގައި އެއް ޖޯޝެއްގައެވެ. އެއީ އއ. އަތޮޅު ކައުންސިލުން ރަށްތައް ސާފުކުރުމަށް ފެށި ''އަރި އުތުރު ސާފު'' ޕްރޮގްރާމްގައި ބައިވެރިވާންށެވެ. ރަށުން އެމީހުންނަށް ކިޔާފައިވަނީ ހޫނު މަރުހަބާއެކެވެ. އެއްބަޔަކު މަރުހަބާ ކިޔަމުން ދިޔައިރު ބަނދަރު މަތީގައި ހިޔާކޮށްފައި ހުރި ތަނެއްގައި އެ ރަށުގެ އަންހެންވެރިން ދިޔައީ ސައި ތައްޔާރު ކުރަމުންނެވެ.

ސާފު ކުރުމުގެ ޕްރޮގްރާމް ގައި ބައިވެރިވާ ރަށެއްގެ ބޯޓެއް ފެރިދޫގައި

550 ބައިވެރިންގެ ތެރޭގައި ކައިރި ރިސޯޓުތައް ކަމަށްވާ ޑަބްލިއު މޯލްޑިވްސް، ކޮންސްޓެންސް ހަލަވެލީގެ މުވައްޒަފުންވެސް ބައިވެރިވިއެވެ. އެ އެންމެންގެ ޝުއޫރުތައް ބަންޑުން ކޮށްލީ ހިނިތުންވުމާއި އެކުއެވެ. ބޭރު މަގުގައި ސާފުކުރަން ހަރަކާތްތެރިވަމުން ދިޔަ ގްރުޕޫގައި ހިމެނޭ ޖަޕާނުގެ އެރިކޯ ބުނީ، ސާފުކުރާ ހަރަކާތެއް ބޭއްވުމަކީ އެއީ މުހިއްމު ކަމެއް ކަމަށާއި، ގިނަ ބަޔަކު އެކުވެގެން ސާފުކުރުމަކީ ގުޅުން ބަދަހިވާ ކަމަށެވެ. ހިމަންދޫގައި ވޮލެންޓިއަރ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ދިވެހި ބަހުން ފަރިތަކޮށް ވާހަކަ ދައްކާ އެރިކޯ ބުނީ، ދެ ގަޑިއިރެއްހާ އިރު ތެރޭގައި އޭނާގެ ޓީމުން ގާތްގަނޑަކަށް 10 ގޯނީގެ ކުނި އެއްކޮށްފައިވާ ކަމަށެވެ.

ޖަޕާނުގެެ އެރިކޯ

މެންދުރު ކެއުން އެ ރަށުގެ ސްކޫލު ހޯލުގައި ކުރިޔަށް ދިޔައިރު ސާފު ކުރުމަށް ފަހު ކުޑަ ހުސްވަގުތު ކޮޅަކަށް އެ ތަނުގައި ހުރި ޖޯއްޔެއްގައި ޖައްސާލައިގެން ހުރި މާޅޮސްގެ މަރިޔަމް އަބްދުﷲ ބުނީ، ސާފުކުރަން އެ ރަށަށް ދިޔައީ ވަރަށް ޖޯޝާއެކީ އެކަމުގައި ބައިވެރިވާން ކަމަށާއި، އޭނާގެ ޓީމުގެ އެންމެންގެ މަސައްކަތްވެސް ވަރަށް ރަނގަޅު ކަމަށެވެ. މަރިޔަމްމެންގެ ޓީމުން ވަނީ 20 ވަރަކަށް ގޯނީގެ ކުނިހޮވާފައެވެ.

ވަރަށް މަޖާ ދެން ވަރަށް ރަނގަޅު މިކަން ކުރިޔަށް ގެންދިޔައީތީވެ. ވަރަށށް އުފާވި. އަހަރަކު އެއްފަހަރު މިކަން ކުރުމުގެ އުއްމީދުގައި މިތިބި
މަރިޔަމް ~ ސާފުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިއެއް ~

މެންދުރުގެ ކެއުމަށްފަހު ބައިވެރިންތައް އަވަސްވެގަތީ ދެން އޮތް ދެ ގަޑިއިރު ތެރޭގައި މަސައްކަތް ނިންމާލުމަށެވެ. އެއަށް ފަހު ޓީމްތަކުން މިސްރާބު ޖެހީ ރަށުގެ ގޮނޑުދޮށުގައި ހުރި ކުނިތައް ނަގާ ސާފުކުރާށެވެ.

ވަރަށް އަވަދިނެތި ކޮށް ކުނިކަހަމުން ދިޔަ ރަސްދޫގެ ނައިމާ އިބްރާހިމް ވާހަކަ ފުރަތަމަވެސް ފެށީ ފެރިދޫ އިން ލިބުނު ހޫނު މަރުހަބާ އަށް ޝުކުރު އަދާކުރަމުންނެވެ.

ނައިމާ ބުނީ، އެމީހުން ސާފުކުރަމުން ދިޔައިރު އެންމެ ބޮޑަށް ގޮނޑުދޮށް ކައިރިން ފެނިފައިވަނީ، އުކާލާފައިވާ ނެޕީއާ ފުޅީގެ އިތުރުން ޕްލާސްޓިކްގެ ބާވަތްތައް ކަމަށެވެ. ނައިމާމެން ދެ ގަޑިއިރެއްހާ އިރުގެ މަސައްކަތުން ގިނަ އަދަދެއްގެ ކުނި ނަގާފައިވާއިރު އޭނާގެ އުއްމީދަކީ އެ ސާފުކަން މަތީ ފެރިދޫ އަބަދުވެސް އޮތުމެވެ. އަބަދުވެސް ރަށް ސާފުކޮށް ބޭއްވުމަށް އޭނާ ވަނީ އެ ރަށު މީހުން ގާތުން އެދިފައެވެ.

ފުޅިއާއި ދަޅާއި އެއްޗެހި ޑަސްބިނާ އެޅީމާ ދެން މިހެން ކުނި ހޮވާކަށްވެސް ނުޖެހޭނެ. އެންމެންނަށްވެސް ރަނގަޅުވާނެ އޭރުން މަދިރިއާ އެއްޗެހި މަދުވެގެންދާނެ
ނައިމާ ~ އއ.ރަސްދޫގެ ~
އަތޮޅުގެ ގިނަ ރަށްތަކަކުން ބައިވެރިވި

ނައިމާ ބުނީ ގޮތަށް ފަރިދޫ އަކީ އަބަދު ރީތި ރަށެއްގެ ގޮތުގައި ކުރިޔަށް އޮތްތާގައި ރަށު ކައުންސިލުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކައުންސިލްގެ އުއްމީދަކީ އެ ރަށުގައި ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ހަމަޖެހިގެން ދިޔުމެވެ. އަދި ރަށްރަށް ސާފުކުރުމުގެ މިފަދަ ހަރަކާތެއް އެ އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައި ކޮންމެ އަހަރެއްގައި ބޭއްވުމަށް ވަނީ ރާވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
74%
0%
0%
0%
26%
ކޮމެންޓް
3 ނޮވެންބަރ 2019 | އާދީއްތަ 19:20
ފެރިދޫ މީހާ
ލިޔުމުގައި ކުށެއް އެބައޮތެވެ. ޑަބްލިއު ރިސޯޓް ބައިވެރި ނުވެއެވެ. ބައިވެރި ވެފައިވަނީ ކުރަމަތި ރިސޯޓް އެވެ.
3 ނޮވެންބަރ 2019 | އާދީއްތަ 13:06
ތަޢުލީމާ
ތިޔަ ފެރިދޫ ސާފުކޮށްލުމަކީ ވަރަށް އުދަނގޫކަމެއް !