ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 11:43
ޗައިނާއިން ހިންގާ ކޭމްޕެއެއްގެ ތެރޭގައި ނަގާފައިވާ ފޮޓޮއެއް
ޗައިނާއިން ހިންގާ ކޭމްޕެއެއްގެ ތެރޭގައި ނަގާފައިވާ ފޮޓޮއެއް
ރޮއިޓަރސް
މަގޭ ރިޕޯޓް
ޗައިނާގެ މުސްލިމުންނަށް ދޭ އަނިޔާތަކަށް އަރަބި ޤައުމުތަކުން ތާޢީދު!
 
ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ޗައިނާގެ މި އަމަލުތައް ކުށްވެރިކޮށްފަ
 
ޗައިނާއިން އީގަރ މުސްލިމުން ކޭމްޕްތަކަށް ލަނީ ހައްދުފަހަނަ އަޅާފައިވާ ފިކުރު ނައްތާލަން ކަމަށް ބުނެ

ޗައިނާގެ އެޤައުމުގެ އުއިގަރ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދުނިޔޭގެ ސަމާލުކަމަށް އައިފަހުން، އެކަމާއި ދެކޮޅަށް އެތައް ޤައުމަކުން ދަނީ އަޑުއުފުލަމުންނެވެ. ޖަލުތަކެއްފަދަ ކޭމްޕްތަކުގައި މުސްލިމުން ބަންދުކޮށްގެން، އެމީހުންގެ ޢަޤީދާ ބަދަލުކޮށް، ޗައިނާގެ ކޮމިއުނިސްޓް ފިކުރު އެމީހުންގެ ހިތްތަކަށް ވެއްދުމަށް ގަދަކަމުން ޗައިނާއިން ހިންގަމުންދާ އަނިޔާވެރި އަމަލުތަކަކީ އިންސާނިއްޔަތާއި ޚިލާފު، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު އަމަލުތަކެކެވެ. ޗައިނާއިން އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އަމަލުތައް ދުނިޔެއަށް އެނގި ހާމަވަމުންދާއިރުވެސް، އެޤައުމުން މަސައްކަތްކުރަނީ އެކަމަކީ ނުހިނގާ ކަމެއްކަމަށް ދެއްކުމަށެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވާހެން ހީވުމުން މިހާރު ދައްކަމުން އަންނަ އެއް ވާހަކަޔަކީ ހައްދުފަހަނައަޅާފައިވާ ފިކުރު ނައްތާލުމަށް މަސައްކަތްކުރަނީކަމަށެވެ.

އެހެންނަމަވެސް ހައްދުފަހަނައަޅާފައިވާ މުސްލިމުންނާއި ދެކޮޅަށް އެންމެ ވަރުގަދަޔަށް މަސައްކަތްކުރަމުން އަންނަ ހުޅަނގުގެ ޤައުމުތަކުން ދަނީ ޗައިނާގެ އަމަލުތައް ކުށްވެރިކުރަމުންނެވެ. އެހެންކަމުން މިއީ ހައްދު ފަހަނައަޅާފައިވާ މުސްލިމުންނާއި ދެކޮޅަށް ހިންގާ ކެމްޕޭނެއް ނޫންކަން އެންމެންނަށްވެސް އެނގެއެވެ.

މުސްލިމުންނަށް ޗައިނާއިން ދެމުންދާ އަނިޔާތަކާއި ގުޅިގެން އެންމެ ފާހަގަވެފައިވާ އެއްކަމަކީ ޗައިނާއާއި ދެކޮޅަށް ބަސްބުނަން މުސްލިމް ޤައުމުތަކުން ނުކުޅެދިފައިވާކަމެވެ. އަނެއްކޮޅުން ހުޅަނގުގެ ޤައުމުތަކުން އެކަން ހުއްޓުވުމަށް ޗައިނާއިން ގޮވާލަމުންދާ އަޑަކީ ހަރު އަޑެކެވެ. މުސްލިމުން ލަދު ގަންނަން ޖެހޭ އަޑެކެވެ.

މިމައްސަލަ އަނެއްކާވެސް ފެންމަތިވެފައި މިވަނީ މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން ހިންގަމުންދާ އަމަލުތަކުގެ ދިފާޢުގައި އދގެ އާއްމު މަޖިލީހުގެ ތަރޑް ކޮމީޓީގައި އިސްލާމީ ޤައުމުތައް ތެދުވުމުންނެވެ. އެއް ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ މިކަމަކީ އަނެއް ބަޔަކަށް މާބޮޑު ހައިރާންކަމެއް ނޫނެވެ. އަރަބި އިސްލާމީ ގިނަ ޤައުމުތަކެއްގެ ވެރިން ފެނިފައިވަނީ އިސްލާމް ދީން ސިޔާސީ ހަތިޔާރަކަށް ހަދައި، ވެރިކަން ދަމަހައްޓަން ބޭނުންކުރާ ހަތިޔާރަކަށް އިސްލާމް ދީން ބޭނުންކުރާ ބައެއްގެ ގޮތުގައެވެ. އިންސާނީ އަސާސީ ހައްޤުތަކަށް އަރިގަންނަ ގަތުން އެމީހުން ދިފާޢުކުރަނީ އިސްލާމް ދީނުގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށްގެންނެވެ. އެހެންކަމުން އިންސާނީ ހައްޤުތަކަށް އަރައިގަނެ އެހެން ޤައުމަކުން ހިންގާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރަން ނުކުޅެދޭ ޙާލުގައި މިފަދަ ޤައުމުތަކުން ނިކުންނާނީ އެފަދަ ކަންތަކަށް މަރުހަބާ ކިޔާށެވެ. އެއީ މުސްލިމް އަޚުންނާއި ދެކޮޅަށް ހިންގާ ޖަރީމާއަކަށް ވިޔަސް ވެހެވެ.

ޗައިނާއިން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް އދގެ އާއްމު މަޖިލީހުގެ ތަރޑް ކޮމިޓީއަށް މައްސަލަ ހުށަހެޅީ އަލްބޭނިއާ، އޮސްޓްރޭލިއާ، އޮސްޓްރިއާ، ބެލްޖިއަމް، ކެނެޑާ، ޑެންމާކް، އެސްޓޯނިއާ، ފިންލަންޑް، ފްރާންސް، ޖަރމަނީ، އައިސްލެންޑް، އަޔަރލެންޑް، ޖަޕާން، ލެޓްވިއާ، ލިކްޓެންސްޓައިން، ލިތުއޭނިއާ، ލަގްޒަމްބަރގް، ނެދަރލެންޑްސް، ނިއުޒިލެންޑް، ނޯރވޭ، ސްވީޑަން، އެމެރިކާ އަދި އިނގިރޭސިވިލާތެވެ. މިލިސްޓުގައި ބާރުގަދަ އަރަބި އިސްލާމީ އެއްވެސް ޤައުމެއް ނެތްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

އޭގެ ރައްދުގައި ޗައިނާއިން ހިންގާ ލާއިންސާނީ އަމަލުތައް ފޮރުވައި، އެޤައުމަކީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ނަމޫނާ ޤައުމެއްގެ ގޮތުގައި ދެއްކުމަށް ޗައިނާއިން ހުށަހެޅި މައްސަލައަށް ތާޢީދުކުރީ ގިނައިން މުސްލިމު ޤައުމުތަކެވެ. އެއަށް ތާޢިދުކުރި ފަންސާހަށްވުރެ ގިނަ ޤައުމުގެ ތެރޭގައި ހިމެނޭ މުސްލިމް ޤައުމުތަކަކީ އަލްޖީރިއާ، ބަހްރައިން، ބަންގްލަދޭޝް، ބުރްކީނާ ފާސޯ، ކެމަރޫން، ޖިބޫޓީ، މިސްރު، ގެބޯން، އީރާން، އިރާޤް، ކުވައިތު، މޮޒަމްބީކް، ނައިޖީރިއާ، އޮމާން، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ، ސޯމާލިއާ، ސޫދާން، ސީރިއާ، ތަޖިކިސްތާން، ތުރުކުމަނިސްތާން، ޔޫއޭއީ، އުޒްބެކިސްތާން އަދި ފަލަސްތީނެވެ. މީގެ އިތުރުން މި ލިސްޓުގައި ހިމެނޭ ޤައުމުތަކަކީ އުތުރު ކޮރެއާފަދަ އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ ރެކޯޑް އޮންނަ ޤައުމުތަކެވެ.

ޗައިނާއިން ތާޢީދުކުރި ޤައުމުތަކުގެ ލިސްޓަށް ބަލާއިރު، އެކި ގޮތްގޮތުން އެޤައުމުން އެހީވާ ޤައުމުތަށް ހިމެނެއެވެ. އަދި މުސްލިމުންނަށް ޗައިނާއިން ދޭ އަނިޔާއަކީ އަނިޔާ ނޫންކަމަށް ދައްކަން އެހެން މުސްލިމު ޤައުމުތަކުން އެހީ ހޯދަން ޗައިނާއިން މަސައްކަތްކުރާކަން އެލިސްޓުން ހާމަވެއެވެ. ޗައިނާއަށް ތާޢީދުކުރި މުސްލިމް ޤައުމުތަކުގެ ތެރޭގައި ނުހިމެނޭ ބާރުގަދަ ނޫން ހަމައެކަނި ޤައުމަކީ މިކުޑަކުޑަ ދިވެހިރާއްޖެއެވެ.

މިއަދު މިފެނިގެންދަނީ މުސްލިމުން ނިކަމެތި ވެގެންދާއިރު އެމީހުންގެ ހައްޤުގައި ވަކާލާތުކޮށްލާނެ މުސްލިމް ޤައުމެއް ނެތްތަނުގައި، އެމުސްލިމް އަޚުންނާއި ދެކޮޅަށް އިސްލާމީ ޤައުމުތައް ތެދުވިތަނެވެ. މިދައްކަނީ އަޅުގަނޑުމެން ދިވެހިންވެސް އެވަރުގެ ބަޔަކު ނެތިގެން އިމާމުވެ ނަމާދުކުރާނެ ދިވެހިން ތިއްބާވެސް ތަރާވީޙް ނަމާދުކުރަން އިމާމުން ފޮނުވާށޭ ބުނެ ސިޓީ ފޮނުވާ އަރަބި ޤައުމުތަކުގެ ވާހަކައެވެ. އަދި މުސްލިމުންނާއި އެއްކޮޅަށް ތެދުވެ، އެމީހުންގެ ހައްޤުތައް ހިމާޔަތްކުރަން ގޮވިތަން މިފެނުނީ އެވަރުގެ ލާދީނީ ބަޔަކު ނެތިގެން އަޅުގަނޑުމެން ރަތްމަހަކަށް ނުގޮވާ ވަރަށް އެއްޗެހި ގޮވާ ދޮން ފަރަންޖީންނެވެ. ސަހަރޯއެވެ!

Advertisement
11%
0%
21%
58%
0%
11%
ކޮމެންޓް
3 ނޮވެންބަރ 2019 | އާދީއްތަ 09:24
ޙުސެން
މަސަލަ އަކީ ދީނީ މިނިވަންކަން ނެތުމެވެ. ދީނަކީ އެމީހަކު އަމިއްލަ އިޚްތިޔަާރުން ލިބިގަންނަ އެއްޗެކެވެ. މިއީ އިސްލާމް ދީނުގެ ވެސް ދަޢްވާ އެވެ. ކޮންމެ ޤަވްމެއްގައިވެސް މިކަން މި ގޮތައް ނެތިއްޔާ އިސްކުރެވޭނީ އަނިޔާވެރިކަމެވެ. ބާރު އޮތް މީހުންގެ ބާރެވެ. މައިނޯރިޓީ މީހުން ވާނީ އަނިޔާވެރިންގެ ޝިކާރަ އަކަށެވެ. ޑިމޮކްރެސީ ގެބޭނުމަކީ އެއީއެވެ. އެއްބަޔަކު އަނެއްބަޔަކަށް އަނގައިންނާއި ހަތިޔާރުން ޙަމަލަ ދިނުމަކީ އިސްލާމް ދީން ޤަބޫލުކުރާކަމެއް ނޫނެވެ. ވިސްނުން ތެރިކަމާއި ޙިކްމަތް ތެރިކަމާއިއެކު ރަނގަޅު ގޮތް ވިސްނާދިނިމީ ﷲ ގެ އެނގެވުމެވެ.
2 ނޮވެންބަރ 2019 | ހޮނިހިރު 13:03
އަބުޅޯ
ސައުދި އަރަބިޔާ ފަދަ ގައުމުތަކުގަ އެމީހުން ގަބޫލުކުރާ ގޮތް ދޫކޮށްލާ މީހުން މަރާނެ . އެހާލަތުގައި އެހެން ގައުމެއްގައި އެ ގައުމެއްގެ މީހުންނަށް އެމީހުން އުޅޭ ދީނެއް ދޫކޮށް މުސްލިމުންނަށް ވެވެން ޖެހޭނެ ކަމަށާ ފްރީޑޮމް އޮފް ރިލިޖަން ފުރިހަމަޔަށް ދޭން ޖެހޭނެ ކަމަށް ބުނެ އެ ކަމުގައި މަސައްކަތް ކުރަން އުންދަގޫ ވާނެ .މުސްލިމުން ޔޫރަޕުގަ ޑިމޮކުރެސީޔާ ދީނީ މިނިވަންކަން އޮންނާތީ އޭގެ ބޭނުން ހިފަ މުސްލިމުވުމަށް ދައުވަތުދީ މީހުން އިސްލާމް ކޮށް ޑެމޮކުރަސީއާ ފުރީޑޮމް އޮފް ރިލިޖަންގެ ބޭނުން މެޖޯރިޓީ ލިބެންދެން ހިފާނެ . ނަމަވެސް މެޖޯރިޓިީ މުސްލިމް ގައުމުތަކުގަ އަދި މެޖޯރިޓީ ލިބޭ މުސްލިމު ގައުމުތަކުގަ ޑެމޮކުރަސީޔާ ސެކިއުލަރިޒަމާ ދީނީ މިނިވަންކަންހާ ގޯސް އެއްޗެއް ނެތްކަމަށް ދައްކާފަ އެހެން ގައުމުތަކުގަ މުސްލިމުންނަށް ފާޅުގަ ނަމާދުކުރާ ތަންތަން ހުރެވ ، ސްޕީޗް ދެވި ދީނަށް ގޮވުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ބުނަން އުދަގުވޭނެ. އަހަރެންވެސް ސެކިއުލާ ޑެމޮކުރަސީ ދީނީ މިނިވަންކަމާ ދެކޮޅު . އެހެނަސް އެއަށް ރައްދުދޭ ތިލަގޮތަށް އެއްބަސް ނުވެވޭ. އިލްމީ ވުމުގެ ބަދަލުގަ އިމޯށަންއާ ބަލާއްތްތެރިކަން ބޭނުން ކޮށް ނަފްރަތު އުފައްދުމާ އަހަރެން ދެކޮޅު. އެއީ އިސްލާމް ދީނުގެ ރިވެތި ގޮތެއް ނޫން.
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި