ކ. މާލެ
|
31 އޮކްޓޯބަރ 2019 | ބުރާސްފަތި 08:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޗައިނާގެ ރައީސާއެކު
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޗައިނާގެ ރައީސާއެކު
ރައީސް އޮފީސް
ޗައިނާ - ރާއްޖެ
ޗައިނާއާއިއެކު މުއާމަލާތުކުރުން: ވިސްނަން ޖެހޭ ކަމެއް!
 
ޗައިނާއާއިއެކު ހިންގަމުންދިޔަ މުއާމަލާތްތަކުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އޭގެ ސަބަބުން ޤައުމު ދަރަނިވެރިވުން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއިއެކު ހިންގަމުންދިޔަ މުއާމަލާތްތަކުގައި އޭރު އެންމެ ބޮޑު ކަންބޮޑުވުމެއް ކަމުގައި ފެނުނީ އޭގެ ސަބަބުން ޤައުމު ދަރަނިވެރިވުމެވެ. އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި އެވާހަކަ ދައްކަމުން ދިޔައީ ރާއްޖެއިން ޗައިނާއާއެކު ބާއްވަމުން ދިޔަ ގުޅުމާއި އެއްފަދަ ގުޅުމެއް ބާއްވަމުން ދިޔަ އެހެން ޤައުމުތަކުން ފެންނަމުން ދިޔަ މަންޒަރުތަކުން އިބުރަތް ލިބިގެންނެވެ. އެހެންކަމުން ރައީސް ސޯލިޙްގެ ސަރުކާރު އައިސް، ޗައިނާއާއިއެކު އޮންނަ ގުޅުން އަލުން މުތާލިއާ ކުރަމުންދިޔަ އިރު ފާހަގަކުރެވުނު ކަމަކީ ޗައިނާއިން ގެންގުޅޭ ސިޔާސަތަށް ފާރަވެރިވިކަމެވެ. ޗައިނާއަކީވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އިޤްތިޞާދުކަމުން އެޤައުމާއި ދުރުވެގެން ވާނެ މޮޅެއް ނެތެވެ. އެހެންނަމަވެސް ކައިރިވިޔަސް ވާންވާނީ ދުރު ވާން ޖެހިއްޖެ ހާލަތެއްގައި ދުރު ވެވޭ މިންވަރަށެވެ.

ޗައިނާއިން އެހެން ޤައުމުތަކުގައި އިންވެސްޓްކޮށް ހަދަމުންދާއިރު، ބައެއް ޤައުމުތަކާއިއެކު ޖެހެމުންދާ މައްސަލަތައް ކޮންމެވެސް ވަރަކަށް ހަނދާނަށް ގެނައުމުން މިދަނޑިވަޅުގައި މުހިއްމެވެ. ރާއްޖެއިން ޗައިނާއާއިއެކުވެސް މަސައްކަތްތަކެއް ކުރަމުންދާއިރު، މިކަންކަމަށް ސަމާލުވާންޖެހެއެވެ.

މިޔަންމާ:

ޗައިނާގެ ނުފޫޒު ބޮޑުވެ، ކަރެން ސްޓޭޓްގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ޗައިނާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އެސަރަހައްދުގައި ޗައިނާއިން ކުރިއަށްގެންދިޔަ ބައެއް ޕްރޮޖެކްޓްތައް ހުއްޓާލުމަށް ސަރަހައްދީ ސަރުކާރުތަކުން މިއަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ނިންމާފައެވެ.

ބަންގްލަދޭޝް:

ޗައިނާއިން ފަންޑްކޮށްގެން ބަންގްލަދޭޝްގައި ހިންގަން ހަމަޖެހުނު 27 ޕްރޮޖެކްޓެއްގެ ތެރެއިން 22 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާ ގޮތެއް ނުވެއެވެ. މި ޕްރޮޖެކްޓްތަކަކީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅެއްގައި ފައްޓަވަން ނިންމެވި ޕްރޮޖެކްތްތަކެކެވެ. 20 ބިލިއަނެއްހާ ޑޮލަރުގެ އެހީތައް ފޯރުކޮށްދޭނެކަމަށް ޗައިނާއިން ވައުދުވިނަމަވެސް މިހާތަނަށް ދޫކޮށްފައިވަނީ އޭގެ އެންމެ 5 ވަރަކަށް އިންސައްތައެވެ. ބަންގްލަދޭޝްއަކީ ޗައިނާއިން އެޤައުމުގެ މުސްލިމުންނާއިމެދު ލާއިންސާނީކޮށް ހިތާ މައްސަލައިގައި އެކަމާއި ދެކޮޅަށް އަޑުއުފުލާ ޤައުމެކެވެ.

ނޭޕާލް:

ނޭޕާލަށް އައި ބިންހެލުންތަކާއި ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް 25 ޕްރޮޖެކްޓެއް ހިންގާނެކަމަށް ޗައިނާއިން ވައުދުވިނަމަވެސް މިހާތަނަށް ފެށިފައިވަނީ އޭގެތެރެއިން އެންމެ 10 ޕްރޮޖެކްޓެވެ. ޗައިނާއިން ނޭޕާނުގެ ވެބްސައިޓްތަކެއް ހެކްކުރިކަމަށް ބުނާ މައްސަލައެއްގައި ޗައިނާއާއި ދެކޮޅަށް ނޭޕާލުގައި މުޒާހަރާކޮށްފައިވެއެވެ.

ކަޒަކިސްތާން:

ކަޒަކިސްތާނުގައި ޗައިނާގެ ކުންފުނިތަކުން 55 ފެކްޓްރީއެއް އަޅަން އުޅުމުން އެކަމާއި ދެކޮޅަށް އެޤައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށްފައިވެއެވެ. ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުން ބުނެފައިވަނީ ޗައިނާގެ ސިޔާސަތުގެ ސަބަބުން ކަޒަކިސްތާނުގެ މީހުންނަށް ވަޒީފާ ނުލިބި، ވަޒީފާގެ ފުރުސަތު ލިބިގެންދާނީ ޗައިނާއިން އެފެކްޓްރީ ތަކުގައި މަސައްކަތްކުރަން ގެންނަ ޗައިނާ މީހުންނަށްކަމަށެވެ. އެހެންކަމުން ކިތަންމެ ގިނަ ފެކްޓްރީއެއް އެޅިޔަސް، އެއިން ކަޒަކިސްތާން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެކަމަށެވެ.

ތަޖިކިސްތާން:

ތަޖިކިސްތާނުގެ ގޮރްނޯ-ބަދަޚްޝާން އޮޓޮނޮމަސް ރީޖަންގައި ސިއްރު ޑީލެއްގެ ދަށުން ތަޖިކިސްތާން ސަރުކާރާއިއެކު އެއްބަސްވުމެއް ހަދައި، މައިން ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކަށް ވަނީ ދީފައެވެ. އެސަރަހައްދުގެ ރައްޔިތުންވެސް ދަނީ އެކަމާއި ދެކޮޅަށް އަޑުއުފުލައި، އެމަޝްރޫޢުގެ އެއްބަސްވުމުގެ ތަފްސީލް ހިއްސާކުރުމަށް މައި ސަރުކާރުގައި އެދެމުންނެވެ. މީގެ އިތުރުން ތަޖިކިސްތާން މައި ސަރުކާރުގެ އޮފިޝަލުން އަންގައިގެން އަފްޣާނިސްތާނަށް ގެންދިޔަ 200 ކޮންޓޭނަރު ޗެކް ނުކުރުމަށް ކަސްޓަމްސް އޮފިޝަލުން ނިންމި ނިންމުމާއި ދެކޮޅަށްވެސް އެޤައުމުގައި އަޑުއުފުލާފައިވެއެވެ.

ކެންޔާ:

ކެންޔާގެ މައި ރޭލު ލައިނެއް ޗައިނާ ކުންފުންޏެއް ލައްވާ ހަދަމުން ދަނިކޮށް، އެޕްރޮޖެކްޓަކީ އެޤައުމު ދަރަނިވެރިވާނެ ޕްރޮޖެކްޓެއްކަމަށް އަޑުތައް ފެތުރެން ފެށުމުން، ރޭލު ލައިންގެ ފަހު ބައިތަކުގެ މަސައްކަތް ފެށުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީއެއް ހަދަން ޖެހުނެވެ. މިފަދަ ސްޓަޑީތަކަކީ ޕްރޮޖެކްޓް ފެށުމުގެ މާކުރިން ހަދަން ޖެހޭ ސްޓަޑީތަކެވެ.

މަތީގައި މިދެންނެވި ކޮންމެ ޤައުމެއްގެ ހާދިސާއަކުންވެސް ޗައިނާގެ ޕްރޮޖެކްޓްތަކާއިމެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ސަބަބުތައް ސާފުވާނެއެވެ. އަދި މިކަންކަން ހައްލުކުރުމަށް ޗައިނާ ސަރުކާރުން އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް އެއްވެސް ބަޔަކަށް ނޭނގެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
71%
0%
0%
14%
14%
0%
ކޮމެންޓް