ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 17:17
ދަރުމަވަންތަ ހޮސްޕިޓަލް: މިމަޝްރޫއު ސިންގަޕޫރު ކުންފުންޏަކަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނޭ
ދަރުމަވަންތަ ހޮސްޕިޓަލް: މިމަޝްރޫއު ސިންގަޕޫރު ކުންފުންޏަކަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނޭ
އަހުމަދު މުހުސިނު
މަގޭ ރިޕޯޓް
ބޭންޑް ބަދަލުވިޔަސް ކުޅެނީ ހަމަ އެއް ލަވަތަކެއް!
 
އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ރަށްތައް ބިޑަށް ލީނަމަ މާ ބޮޑު އަގު ލިބޭނެކަމަށް މާހިރުން ބުނޭ
 
ރައީސް ޔާމީންގެ ސަރުކާރުންވެސް ގިނަ ފައިސާތަކަށް ހިޔާނާތްތެރިވީ ބިޑް ކުރުމެއް ނެތި މަޝްރޫއުތަކަށް ދޫކޮށްގެން

ރައީސް ޔާމީންގެ ސަރުކާރަކީ، ވައްކަމާއި ހިޔާނާތާއި ނުފޫޒާއި އެންމެ ބޮޑަށް ފެތުރިފައި އޮތް ސަރުކާރު ކަމަށް މި ގައުމުގެ ގިނަ ބަޔަކު އެއްބަސްވާތީ ވެރިކަން ބަދަލުކުރީ އެވެ. ތަރައްގީ ގެނައުމުގެ ނަމުގައި ހިންގި އެތައް މަޝްރޫއަކުން ދިޔައީ ނަހަމަ ގޮތުގައި ފައިސާ ނަގަމުންނެވެ. މި ނަހަލާލު ފައިސާއިން ޖީބުތައް ބަރުކޮށްލި އެތައް ބަޔަކު ދިރިއުޅުމުގެ ފެންވަރަށް އައި ކުއްލި ބަދަލުން އެކަން އެއޮތީ ދިމާ ހާމައަށް ފެންނާށެވެ.

މުޒާހަރާ ކުރުން މަނާކޮށް، އިހުތިޖާޖު ކުރުމަކީ ނެތް ކަމަކަށް ހެދުމުން، މަގުމަތީގައި އޮންނަ ހަރަކާތެއްގައި ބައިވެރިވީ މަދު ބައެކެވެ. އިދިކޮޅަށް ތާއީދުކުރާ އެތައް ބަޔަކު މިކަމާ ދެކޮޅު ހެދިޔަސް، މިއީ ހަމަ ހަގީގަތެއް ކަން ދެފުށް ފެންނަ މިނިވަން މުސްތަގިއްލު ތަހުގީގަކުން ހާމަވާނެއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިވަރުގެ ތަހުގީގެއް ހިންގިދާނެ ކަމާއި މެދު އުފެދޭ ޝައްކުތައްވީ އިތުރެވެ.

ވާނީވެސް އެހެންތާއެވެ. އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، އޭރުގެ ސަރުކާރާއި މިހާރުގެ ސަރުކާރާއި، އޭރުގެ މަޖިލީހާއި މިހާރުގެ މަޖިލީހާއި، އޭރާއި މިހާރުގެ ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިން ތިއްބެވީ މި ފައިސާ ހިއްޕަވައިގެން އުމަގުވެފައެވެ. ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ދެންނެވީ ހަމަ ތެދުފުޅެކެވެ. "ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި" ހަމަ ނެތީއެވެ.

ކޮންމެއަކަސް ރައްޔިތުން މާޔޫސްކޮށްލި ވެރިކަމަކަށް ފަހު މި ސަރުކާރު ގެނައީ ވަރަށް ފޮނު އުއްމީދުތަކާއި އެކުގައެވެ. ރައްޔިތުންގެ ހުވަފެންތަކާއި ދެކެމުންދާ ތަރައްގީގެ ތަސައްވުރުތައް ހަގީގަތަކަށް ވާނެ ކަމުގެ ފޮނު އުއްމީދުގައެވެ. އޭރު ކިޔަމުން އައީ ރައްޔިތުން ބޭނުން ވާނެހާ ލަވަތަކާއި އަންބާތަކެވެ. ހާމަކަން ބޮޑުކަމާއި ދެފުށް ފެންނަ އުސޫލުތަކާއި ހަމަތަކުގެ ވާހަކައެވެ.

ނަމަވެސް ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ބިޑަކާ ނުލާ ބަޔަކަށްދޭ ވާޙަކަ އިވުމާއެކު އެއްޗެކޭ ނުބުނެ ހުރުން ބުއްދިވެރިކަމެއްގެ ގޮތުގައި ފަހުމް ނުވީއެވެ. އާނއެކެވެ. އެއީ ގަވައިދާ ގާނޫނޫ ތައާރުޒު ނުވާނެ ކަމަކަށް ވެދާނެއެވެ. ހެދިފައި ހުރި އުސޫލުތަކުގެ ބޭރުން ކޮށްފައިވާ ކަމަކަށް ވެސް ނުވެދާނެއެވެ. ނަމަވެސް، އެއީ ވައުދުވީ ހާމަކަން ބޮޑުކަމާއި ސީދާ ބީރައްޓެހި އުސޫލެކެވެ.

ނިމިދިޔަ ސަރުކާރުގައިވެސް ކަންވީ މިހެންކަން ހަނދުމަފުޅު އަރުވާނަމެވެ. އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވީވެސް، އަވަސް ކޮށްލަން "ޝޯޓް ކަޓް" ނަގަން ހަދައިގެންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުންވެސް ހިޔާނާތްތެރިވީ ހަމަ އަވަސް ކުރުމަށް ކަމަށޭ ބުނެ ނެގި ކަޓުންނޭ ބުނާ އަޑު އަހަމެވެ. ސިނަމާލޭ ބްރިޖްގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅުވާނީ ނުދެއްކުމެވެ. އެއީ އޭގެ ދެބައި އަގުގައި އެޅެން އޮތް ބްރިޖެކޭ ބުނާ އަޑުވެސް އިވެނީ މަދެއް ކޮށެއް ނޫނެވެ.

އެޅި މިސްކިތްތަކާއި ޓާފް ދަނޑުތަކާއި އިމާރާތްތަކުގެ ބަރަފޯހުންވެސް ކުރީ ވައްކަމެވެ. ހައްތަހާވެސް ތަރައްގީ އަވަސް ކުރުމުގެ ނަމުގައި ހިންގި ބިޑްކުރުމެއް ނެތް މަޝްރޫއުތަކުގެ ތެރެއިން ނެގި ކަޓެވެ. މިއީ މިކަން އޮތްގޮތް ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރި ބަޔަކު ހަމަ އެހެން ކަންކުރުމުން ރައްޔިތުން ސުވާލު އުފައްދާނެއެވެ. އިދިކޮޅަށް ވެސް އެ ލިބުނީ ޒަހަމްކުރާން އުކާލާނެ އިތުރު ތީރުތަކެކެވެ. މިއީ ކަމުގެ ހަގީގަތެވެ.

ޝައްކެއްވެސް ނެތް. ތަރައްގީވެސް ބޭނުންވެއެވެ. ބައިނަލްއަގްވާމީ މުޖުމަތަމައުގައި ފައި ހަމަކުރަންވެސް ބޭނުމެވެ. މިރާއްޖެ ކުރިއަރައިގެން ގޮސް ދުނިޔޭގެ ގައުމުތަކަށް ނަމޫނާއަކަށް ވާންވެސް އިހުލާސްތެރިކަމެއް ހުރި ރައްޔިތަކު ވެއްޖެއްޔާ ބޭނުމެވެ. ނަމަވެސް، އަވަސް ކުރުމުގެ ނިޔަތުގައި މިކަމުން ބަޔަކަށް ނާޖާއިޒު ފައިދާއެއް ނެގިދާނެ ދޮރުތަކެއް ހުޅުވޭކަށް ބޭނުމެއް ނެތެވެ.

ދަންނާށެވެ. މިހާރު ތިބި ބަޔަކު އިޙުލާސްތެރިވެސް ވެދާނެއެވެ. ކޮރަޕްޓްވެސް ނުވެދާނެއެވެ. ނަމަވެސް ބަދަލުވާ އޮއެވަރެއްގައި ހަމަތި އުސޫލުގެ ތެރެއިން ބަޔަކު ކަންކަން ކޮށް، ވައްކަން ކުރަން ފެށުމުން ދެން ބުނާނީ ކީކޭ ހެއްޔެވެ؟ ދެން ދައްކާނީ ކޮން ހުއްޖަތެއް ހެއްޔެވެ؟ ލަވަކުޅޭ ބޭންޑް ބަދަލުވިޔަސް، އެއް ރާގުތަކެއް ކުޅެ، އެއް ލަވަތަކެއް ކިޔާނަމަ، އޯޑިއެންސް ފޫހިވުމަކީ ދުނިޔޭގެ ހަމައެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
50%
0%
0%
50%
ކޮމެންޓް