އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
ފިލްމީތަރި ރިޝްފާ

"ދޭށެ މިބުނާ ލޯބި" އިން ބެލުންތެރިން ދޭން ފެށި ލޯތްބާއެކު ބަބުލްސް ރިޝްފާ އަދިވެސް ބަބުޅަނީ!

  • ރިޝްފާ ބުނީ މިހާތަނަށް ތަފާތު ރޯލުތަކަށް އެކްޓް ކުރެއްޖި ކަމަށް
  • ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ރޯލު ފިލްމަކުން ކުޅެލަން ބޭނުން ކަމަށް އޭނާ ބުނި
  • މިހާރުވެސް ފިލްމީ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރިޝްފާ ބުނި

ކ. މާލެ | 24 އޮކްޓޯބަރ 2019 | ބުރާސްފަތި 07:03 | 26,115

ރިޝްފާ - ފޭސްބުކް

އިންޑަސްޓްރީގައި ހުރި އެންމެ ޗާލު ބަތަލާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ހެދުން އެޅުމުގެ އިތުރުން އެކި ހަފްލާތަކަށް ކުރާ މޭކަޕްތައް ވެސް އެހާމެ ޗާލުވެފައި ރީއްޗެވެ. ކުޅަދާނަ ބަތަލާ އައިމިނަތު ރިޝްފާ (ބަބުލްސް ރިޝް) މީގެ ސަތާރަ އަހަރު ކުރިން ފިލްމީދާއިރާ އަށް ނުކުމެ، ބެލުންތެރިންގެ ހިތްތައް ކަތިލަމުން އަންނަ އިރު އޭނާގެ ލޫޅާފަތިކަމަށް އަދިވެސް ކުޑަވެސް ބަދަލެއް ނާދެއެވެ.

ޒުވާން ބަތަލާ ރިޝް އަކީ އިރެއްގައި ސްކްރީނުން ފެނުން މަޑުޖެހެލި ބަތަލާއެއް ނަމަވެސް މިހާރު އަނެއްކާވެސް މަގުބޫލު ބަތަލާއެކެވެ. އޭނާގެ ރީތި ކަމާއި މޮޅު ހުނަރުގެ ޖާދޫގައި ގިނަ ބަޔަކު ޖައްސަމުން ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި އަދިވެސް ބަބުޅަނީއެވެ.

އިބްރާހިމް ރަމީޒްގެ "ދޭށެ މިބުނާ ލޯބި" ލަވައިން ރިޝްފާ ފުރަތަމަ ފެނިގެންދިޔައިރު މިހާތަނަށް ގިނަ ފިލްމީ މަސައްކަތްތަކެއް ކޮށްފިއެވެ. ނުހަނު ގިނަ ވީޑިއޯ ލަވަތަކާއި ވަރުގަދަ ފިލްމުތަކުގެ އިތުރުން ކާމިޔާބު ޑްރާމާ ސީރީޒްތައް އަދި ބައެއް އިޝްތިހާރުތަކުން ވެސް ރިޝްގެ މޮޅު އެކްޓިން ވަނީ އެންމެ ފުރިހަމަޔަށް ދައްކާފައެވެ.

ފިލްމީތަރި ރިޝްފާ

މިފަހަކަށް އައިސް ފިލްމީދާއިރާގައި އުފައްދާ ގިނަ ފިލްމުތަކުގެ އިތުރުން ޑްރާމާ ސީރީޒްތަކުން ރިޝްފާ ފެންނަ އިރު އޭނާ އެންމެ ފުރަތަމަ ފެނިގެންދިޔަ ފީޗާ ފިލްމަކީ "ދިލަކަނި" އެވެ. އޭގެ ފަހުން ގިނަ ފިލްމުތަކުގެ މުހިއްމު ރޯލުތަކުން ފެންނަން ފެށިއެވެ. މިހާތަނަށް އައި އިރު ހަތް ފީޗާ ފިލްމެއްގައި އޭނާ މަސައްކަތްކޮށްފިއެވެ.

ރާއްޖެ އެމްވީ ދިން އިންޓަވިއުއެއްގައި ފުރަތަމަ ވެސް ރިޝް ބުނީ، ފިލްމީ ދާއިރާގައި 17 އަހަރު ވީއިރު މަސައްކަތް ކުރަމުން އަންނަނީ ދާއިރާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. އަދި އޭނާގެ ފުރަތަމަ ވިޑިއޯ ލަވައިން ބެލުންތެރިންގެ ފަރާތުން ލިބެންފެށި ލޯބި އަދިވެސް ހުއްޓުމެއްނެތި ލިބެމުން އަންނަ ކަމަށް ފާހަގަކުރަމުން އޭނާ ބުނީ، މިހާ ހިސާބަށް އައުމުގައި ސަޕޯޓަރުންގެ ފަރާތުންލިބޭ ހިތްވަރާއި ލޯތްބަކީ އަގު ނުކުރެވޭނެ އެއްޗެއް ކަމަށެވެ.

އަލީ ސީޒަންގެ ފިލްމު "އަހުޝަމް" ގައި ހީވާގި ނަރުހެއްގެ ރޯލު ކުޅުނު ރިޝްފާ ބުނީ ފިލްމީ ދާއިރާގައި ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ހިތްހަމަ ޖެހުނީ "އަދިވެސް އެ ލޯތްބައް ގަދަރު ކުރަން" ޑްރާމާ ސިލްސިލާ އަދި ރާއްޖޭގައި އަލަށް ހެދި ވެބް ސީރީޒް "ހުވާ" ގައި ކުރެވުނު މަސައްކަތާ ދޭތެރޭ ކަމަށެވެ. އޭނާ ބުނީ ކޮންމެ ރޯލެއް ވެސް ކުޅެނީ އެ ރޯލަކަށް ޝައުގުވެރިވެގެން ކުޅޭ ހިތުން ކަމަށެވެ.

2017 ވަނަ އަހަރު ސިނަމާތަކަށް އައި ބޮޑު ފިލްމު "ހައްދު" ގައި ރިޝްފާ ކުޅެން ޖެހުނު ކެރެކްޓާއަށް ހައްދެއް ނެތި އޭނާ ފަލަވާން ޖެހުނު އިރު ރިޝްފާ ބުނީ އެ ފިލްމު އެއީ އޭނާގެ ހަޔާތާވެސް ގުޅުން ހުރި ފިލްމެއް ކަމަށެވެ. އަދި އެ ފިލްމުގެ މަންޒަރެއް ނަގަން އުޅުނު އިރު އަސްލަށް ވެސް ރޮވިގެން އެތަކެއް ގަޑި އިރެއް ވަންދެން އެ މަންޒަރު ނަގަން އުޅެން ޖެހުނު ކަމަށް ވެސް ރިޝްފާ ފާހަގަކުރިއެވެ.

ފިލްމީތަރި ރިޝްފާ

ރިޝްފާ ބުނީ ފިލްމީ ދާއިރާގެ ހުރިހާ ސީނިއާ ކާސްޓުންނާއެކު މަސައްކަތް ކުރެވިއްޖެ ކަމަށާއި ތަފާތު ރޯލު ތަކަށް ވެސް އެކްޓް ކުރެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް މުޖުތަމައުގައި ހާއްސަ އެހީއަށް މީހެއްގެ ރޯލެއް ފިލްމެއް ނުވަތަ ޑްރާމާއެއްގައި ކުޅެލަން ބޭނުން ކަމަށާއި އެފަދަ ރޯލަކަށް "ލުކް ފޯވާޑް" ކުރާ ކަމަށް ވެސް ރިޝްފާ ބުންޏެވެ.

"އުމުރަށް ސަލާން" އަދި "ވަކިވުމުގެ ކުރިން" ފަދަ ޑްރާމާތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ރިޝްފާ ގެ ދެން އެންމެ އަވަހަށް ރިލީޒް ވާނީ "އަނދިރިކަން" އެވެ. އޭގެ އިތުރުން ނިއުމާ މުހައްމަދުގެ "ކަޅަކި" އިން ވެސް އޭނާ ފެންނާނެ ކަމަށް ބުނެއެވެ. އަދި "5.1" ނަމަކަށް ކިޔައި ފިލްމެއްގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ރިޝްފާ ބުނީ، ފިލްމީ ދާއިރާގައި މަސައްކަތް ކުރާތީ ފާޑު ކިޔާ މީހުން ގިނަ ކަމަށާއި ފިލްމު ތަކުގައި ހެދުން އެޅަންޖެހޭ ގޮތުން ފާޑު ކިޔާމީހުން ވެސް އެހާމެ ގިނަ ކަމަށެވެ. އެހެން ނަމަވެސް އެމީހުންނަށް ރައްދު ނުދީ ފިލްމީ ދާއިރާގައި ކުރިޔަށްދާން ވިސްނައިގެން ހުރިކަމަށް އޭނާ ބުންޏެވެ.

ރިޝްފާ އާއި ދަރިފުޅު

ރިޝްފާ އަކީ ބަތަލާއެއްގެ އިތުރުން ހީވާގި މަންމަ އެއްވެސް މެއެވެ. ދަރިފުޅަށް އެންމެ ފުރިހަމަޔަށް ވަގުތު ދެމުން ފިލްމީ ދާއިރާގައި އޭނާގެ އެކްޓިން ދައްކަމުން އަންނަނީ ގިނަ ބައެއްގެ ތައުރީފާއި ތަރުހީބާއި ވެސް އެކުގައެވެ. އޭނާގެ އެ ހުނަރަށް ސާބަސް ދެމުން މި ރިޕޯޓް ކުރުކޮށްލާނީ ރިޝްފާގެ ފިލްމީ މަސައްކަތްތަކަށް އަދަށް ވުރެއް ފެހި މާދަމާ އަކަށް އެދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.