ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 19:29
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މުވައްޒަފުންނާއި ނައިބް ރައީސް ބައްދަލުކުރައްވަނީ
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މުވައްޒަފުންނާއި ނައިބް ރައީސް ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ނައިބް ރައީސް
އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން: ނައިބު ރައީސް
 
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވެސް މިފަދަ މުބާރާތްތަކާއި ހަރަކާތްތައް ބޭއްވުމަށް އިސްކަންދިނުމަށް ގޮވާލެއްވި

އެންމެ އިސް ވާޖިބަށް ވާންޖެހޭނީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ބުދަ ދުވަހު މެންދުރުފަހު ކުރެއްވި ޒިޔާރަތެއްގައި އެ މުއައްސަސާގެ މުވައްޒަފުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކީރިތި ޤުރުއާނަށްވުރެ މާތް ފޮތެއް މި އުއްމަތަށް ލިބިފައިނުވާ ކަމަށާއި، މިހާތަނަށް އައި ކޮންމެ ސަރުކާރަކުންވެސް އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ތިމާއަށް ލިބިފައިވާ ހުނަރަކާއި ޢިލްމެއް އަނެކާއަށް އުނގަންނައިދިނުމަކީ އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާ، އެކަމުން އެތަކެއް ދަރުމައަކާއި ޘަވާބެއް ލިބިދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިސްނަންގަވައިގެން މިއަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށް ވިދާޅުވެ، އެ މުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކުގެ މަސައްކަތް ފާހަގަކުރައްވާ، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި ބާއްވާ މިފަދަ މުބާރާތްތަކަކީ މާލެއަށް ޢަމާޒުވެފައިވާ ކަންކަމަށް ނުހައްދަވައި، މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ވެސް މިފަދަ މުބާރާތްތަކާއި ޙަރަކާތްތައް ބޭއްވުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.

މާލެ ފިޔަވާ އެހެން ޞަރަޙައްދުތަކަށް ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫއުތައް ގެންދެވިފައިނުވުމަކީ ހިތާމަކުރައްވާކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ހޯދަދިނުމުގެ އެންމެ ބޮޑު އެއް ޢަމާޒަކީވެސް މާލެއާ ރާއްޖޭގެ އެހެން ސަރަޙައްދުތަކާ ހުރި ފަރަޤު ކުޑަކޮށް، ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެންދިއުން ކަމުގައެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ 37 ގޮފި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ޤާއިމުކުރެވިފައިވާއިރު، އޭގެތެރެއިން މިހާރު ކިޔަވައިދިނުން ހުއްޓިފައިވާ ރަށްރަށުގެ ގޮފިތަކުގައި އަލުން ކިޔަވައިދޭން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ފުރުޞަތެއްގައި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން މިސަރުކާރުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފައިވަނީ އެމަރުކަޒުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބޭރު ޤައުމުތަކުން ޤާރީން ގެންނަން ޖެހުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށާއި، ޤުރުއާން މުދައްރިސުންނާއި ޤާރީން ތަމްރީނުކުރަން ޖެހިފައިވާ މިންވަރު މިކަމުން ވަޒަންކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެމަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެމަރުކަޒުގެ ޢިމާރާތުގެ ޙާލަތުވެސް ބައްލަވާލެއްވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް