އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
މަގޭ ރިޕޯޓް

މުޅި ދައުލަތް ފަސާދަވެފައިވާކަން އެނގިވަޑައިގެން ފިޔަވަޅުނާޅުއްވާ އެ ވާހަކަދެއްކެވުމަކީ ލަދުވެތިކަމެއް!

  • ބިޝާމް ޕީޖީއަކަށް އައްޔަން ކުރީ 2015 ވަނަ އަހަރު
  • ވެރިކަން ބަދަލުވެ އަހަރު ދުވަސްވީ އިރުވެސް ބިޝާމް މަގާމުން ވަކިނުކުރެވުނު
  • ބިޝާމް މަސައްކަތް ކުރަނީ މަގާމު ދިފާއުކުރަން

ކ. މާލެ | 28 އޮކްޓޯބަރ 2019 | ހޯމަ 17:00 | 2,090

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް (ވ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) - މުހައްމަދު ފަޒީން

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމޭ ބުނުމުން އެކަމާއި ދެބަސްވާނެ ރައްޔިތަކު ނުހުންނާނެ އެވެ. މައްސަލަ ތަހުޤީޤް ކުރިއަށްދާވަރަކަށް، މައްސަލައިގެ ތެރެއަށް އިތުރަށް ފީނާ ބަލާ މިންވަރަކަށް ހިޔާނާތުގެ ބޮޑުމިިން އަންނަނީ ބޮޑުވަމުންނެވެ. އެންމެފަހުން ދައުލަތުގެ އިދާރާތަކުން ހާމަކުރި ހިސާބުތައް ދައްކާގޮތުން މި ހިޔާނާތުގެ ޖުމްލަ މިހާރު 4 ބިލިއަނާ ގާތްކުރެ އެވެ.

ދައްކަން މިއުޅެނީ ހިޔާނާތުގެ ބޮޑު ކުޑަ މިނުގެ ވާހަކައެއް ނޫނެވެ. ނަމަވެސް ހިޔާނާތުގައި އެންމެ ގިނަ ތުހުމަތުތަކެއްކުރެވޭ ބޭފުޅުންނާއިމެދު މިހާތަނަށްވެސް ފިޔަވަޅު އަޅާފަނުވާކަމުގެ ވާހަކަ އެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްއަކަށް އާއިޝަތު ބިޝާމް ހުންނަވާ އަދިވެސް އެ މައުލޫމާތުތައް ސިއްރުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ވާހަކަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޕްރޮސިކިއިުޓަރ ޖެނެރަލް އާއިޝަތު ބިޝާމް ހާމަކުރެއްވި މައުލޫމާތުތަކުން އެނގޭގޮތުގައި، ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ޤާއިމްކުރުމަށް ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންވެސް ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގައި ބައިވެރިވެފަ އެވެ. ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ޤާނޫނު ހަދާ މަޖިލީހުގައި، ރައްޔިތުން އެ މައްޗަކަށް އަމަލުކުރަންޖެހޭ ޤާނޫނުތައް ހެދުމުގައިވެސް އެމްއެމްޕީއާރުސީގެ ވައްކަމުގެ ބައިވެރިން ތިބިކަން ބިޝާމް ހާމަކުރެއްވި އެވެ. އަދިކިޔެއްތަ ދައުލަތުގެ އިދާރާތަށް ޖަވާބުދާރީކޮށް، ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ކަށަވަރުކުރާކަން ޔަޤީންކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގައިވެސް ތިއްބެވި ބޭފުޅުން މިބޮޑު ވައްކަމުގައި ބައިވެރިވެފައިވާކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާކަން އެކަމަނާގެ ވާހަކަތަކުން އެނގެ އެވެ.

ނަމަވެސް ކޮމެޓީއަށް ވަޑައިގެން، ކޮމެޓީ ސިއްރުކޮށްގެން މޮޅެތި ވާހަކަތަކެއް ދެއްކެވުން ނޫން އިތުރުކަމެއް، މި ދެންނެވި ބޮޑު ހިޔާނާތާއި ގުޅިގެން، ޕީޖީ ބިޝާމް ކުރައްވާފައިނުވާކަމީ މިއަދު ހުރިހާ ރައްޔިތުންގެ ލޯ ކުރިމައްޗަށް ފެންނަން ހުރި ހަޤީޤަތްތަކެވެ. އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް މި ހުރިހާ ތުހުމަތެއް ކުރެވުނު އިރުވެސް ޕީޖީއަކަށް ހުންނެވީ ހަމަ އާއިޝަތު ބިޝާމް އެވެ. އޭރުގައިވެސް ހަނު ހުންނެވުން ނޫން އިތުރުކަމެއް ކުރައްވާފައެއް ނުވެ އެވެ. އޭރުގެ ސަރުކާރުން ބޭނުންވެވަޑައިގެންނެވިގޮތަށް އެ މައްސަލާގައި ދައުވާއެއްކޮށްފައިވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޒިޔާތުގެ މައްޗަށް އެކަނި އެވެ. އެއީވެސް ކޮން ބޭނުމެއްގައި، ކާކު ވިދާޅުވެގެން ކުރެއްވިކަމެއްކަން އޮޅޭނެ ދިވެހި ރައްޔިތަކު ނުހުންނާ އެވެ.

މިއަދުވެސް ޕީޖީ ބިޝާމްގެ ފަރާތުން ފެނިވަޑައިގަންނަވަނީ ހަމަ އެއްކަމެއް ކުރައްވާ މަންޒަރު އެވެ. އައު ކަމަކަށް މިހާރު ހަމައެކަނި ކުރައްވާ ކަމަކީ މީގެކުރިން ސިއްރިއްޔަތުގައިވެސް ދައްކަވަން ކެރިވަޑައިނުގެންނެވި ލިސްޓުގެ ވާހަކަ މިއަދު ދައްކަވަން ކެރިވަޑައިގަތުމެވެ. ފަހަރުގައި އެ ލިސްޓެއްގެ ވާހަކަ ސިއްރިއްޔާތުގައިވެސް ދައްކަވަން ކެރިވަޑައިގެން އެ އުޅުއްވަނީ މަޤާމު ދިފާއުކުރެއްވުމުގެ ބޭނުމުގައިކަމަށްވެދާނެ އެވެ. ނުވަތަ ބޭރުފުށަށް ރައްޔިތުންނަށް ކޮންމެވެސް މަންޒަރެއް ދައްކަވަން ބޭނުފުޅުވެވަޑައިގެން ކުރައްވާކަމަކަށްވެސް ވެދާނެ އެވެ.

މިކަމުގައި ގޯހީ ބިޝާމް އެކަންޏެއް ވެސް ނޫނެވެ. ބޮޑު އަޣްލަބިއްޔަތަކުން އައި ސަރުކަރަކާއެކު މިހާތަނަށް ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި މަޖިލީހުގައި ސުޕަރމެޖޯރިޓީ ލިބިވަޑައިގަތުމުންވެސް ބިޝާމް މަޤާމުން ދުރުކުރެވޭނެ ގޮތެއް ހޯދެވިފައެއް ނުވެ އެވެ. ތަންކޮޅެއް ތިލަކޮށް ބުނާނަމަ، ބިޝާމް ހުރިތަނުން ލުހެލާނެހާ ބާރެއްވެސް މިވެރިންގައިގައި ހުރިތަނެއް ނުފެނެ އެވެ.

ބިޝާމް ވަކިކުރުމަށް މިސްރާބުޖަހާ ކޮންމެވަގުތެއްގައި އެ މައްސަލަ ކޮންމެވެސް ގޮތަކުން ގެއްލޭތަން ނޫނީ މިއަދުވެސް ނުފެނެ އެވެ. ފަހަރުގައި ނުފޫޒުގަދަ ބޭފުޅުން އަދިވެސް ބިޝާމްގެ ބޭނުން ހިތްޕަވަން ބޭނުންފުޅުވެވަޑައިގަންނަވާލެއް ބޮޑީކަމަށްވުން އެކަށީގެންވެ އެވެ.

ދެން އޮތީ ބިޝާމަށް ސަނާކީ މީހުންގެ ވާހަކައެވެ. އެއިރު ސަރުކާރުގެ ތިބި އަދި މިހާރު އިދިކޮޅުކަމަށް ދައުވާކުރާ ބަޔަކު ދަނީ ބިޝާމްހާ ގޯސް މީހެއްވެސް ނެތް ކަމަށް ބުނަމުންނެވެ. ސަރުކާރުގައި އެބޭބޭފުޅުން ތިއްބެވިއިރު، އެވަރެއް ނެތިގެން އުޅުނު ބިޝާމްއަށް މިއަދު ދިނީ ފެންކައްކާ ބޮލީގެ އިއްޒަތެވެ. ގޮވަމުންދަނީ ބިޝާމް ވެސް ބޭރުކުރަންށެވެ. ވާނީ ވެސް އެހެންތާއެވެ. ފަހަރުގަައި އެއިރު ފޮރުވި ވާހަކަތައް މިއަދު މަގާމުގެ ދިފާއުގައި ބިޝާމް ދައްކަމުން ގެންދާތީ ހުން އަންނަނީކަމަށް ވެދާނެ އެވެ.

އިދިކޮޅުން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަހާލާ ބެރެއްހެން ބިޝާމް ވަކިކުރުމުގެ ބައިތު އެވެރިން ދަނީ ކިޔަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އެ ބޭފުޅުންގެ ސަރުކާރުގައި ޕީޖީ އުފުލާ ހުރިހާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްކަމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ބުނަމުން ދިޔަކަމަށެވެ. އެގޮތުން އޭރު ބިޝާމް ފަދަ ގޯސް މީހެއް ނެތް ކަމަށާއި، އެހެން ނަމަވެސް މިހާރު ޕީޖީ ވަރުގެ ''ރަނގަޅު'' މީހެއް ނެތް ކަމަށެވެ. އެމްޑީޕީ ބައެއް މެމްބަރުންގެ ވާހަކަތައްވެސް ހުރީ ހަމަދާދި އެއްގޮތަކަށެވެ. އޭރުގައި ބިޝާމް ގޯސްވެގެން އެވާހަކަދެއްކިއިރު، މިއަދު އެކަމަނީ މަޤާމުން ދުރުނުކުރެވިގެން އުޅޭ ބޮޑު ސުވާލު ހަމަ ކޮންމެ މެމްބަރަކުވެސް ކުރެ އެވެ.

ބޮޑެތި ލިސްޓުތައް ހިއްޕަވައިގެން މޮޅު ވާހަކަތަކެއްގެ ގޮތުގައި މުޅި ނިޒާމް ހަރާބުވެ، ފަނޑިޔާރުންނާއި، ވަޒީރުނާއި، މެމްބަރުންވެސް ވައްކަމުގައި ބައިވެރިވިކަމުގެ ތުހުމަތުކުރައްވަމުން ވަޑައިގަންނަވާއިރު، ބިޝާމް އަމިއްލަ ނަފްސަށްވެސް ލަދުވެތިވާންޖެހެ އެވެ. އެހެނީ މި ހުރިހާ ކަންކަމެއް އެނގިވަޑައިގެން ހުންނަވާ 4 އަހަރަށްވާއިރުވެސް ފިޔަވަޅު އަޅުއްވާފަ ނުވާތީ އެވެ. ޑިމޮކްރަސީއާއި، އުސޫލުތައް ކިރިޔާވެސް ގަބޫލުކުރައްވާ ބޭކަނބަލެއްނަމަ މަޤާމުން ބިޝާމް މިހާރު ހުންނަވާނީ އިސްތިއުފާދެއްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.