ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ރިޕޯޓު - މަގޭ ރިޕޯޓް

ފިޔަވަޅު ނޭޅޭނަމަ ''ކުރީ ސަރުކާރު'' ކިޔުން ހުއްޓާލާ!

  • ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންތައް ރައްޔިތުންނަށް އެނގޭ
  • ހަމައެކަނި ކުރީ ސަރުކާ ކިޔުމުގެ ބަދަލުގައި ފިޔަވަޅު އެޅުން މުހިންމު

އަލީ ސަމާޚް
AliSamah8

ކ. މާލެ 23 އޮކްޓޯބަރ 2019 | ބުދަ 03:07 2,653

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ރައީސް އޮފީސް

އަބްދުﷲ ޔާމީނަކީ ކާކުކަން ޮޅެނެ ރައްޔިތަކު މަދުވާނެއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ، ސަރުކާރުން ހިންގި އަނިޔާވެރި އަމަލުތަކާއި، ކޮރަޕްޝަނާއި، ފަސާދައިގެ އަމަލުތަކަކީވެސް ރައްޔިތުންގެ ލޯ ކުރިމައްޗަށް ފެނިގެންގޮސްފައިވާ ހަޤީޤަތްތަކެކެވެ.

ޖުޑިޝަރީ ތެރެއަށް އަތްބާނައި، ފަޅުތަކުގެ އިތުރުން ރަށްތަށް ގާތް މީހުންނަށް ''ބަހާ'' ހުސްކޮށްލި ވާހަކައަކީ މިއަދު އާ ވާހަކަ ތަކެއް ނޫނެެވެ. މުއައްސަސާތައް ހަރާބުކޮށް، މުޅި ނިޒާމް ގަނޑުބަނޑުކޮށްލިގޮތް ރައްޔިތުންނަށް ވަނީ ފެނިފަ އެވެ. އެންމެ ކުޑަމިނުން ތަނަކަށް މުވައްޒިފަކު ނެގުމަށް އޮތް އުސޫލުތައްވެސް އެމަނިކުފާނުގެ ވެރިކަމުގައި އޮތީ ހަރަބުކޮށްލާފަ އެވެ.

އެ ހުރިހާ ކަންތައްތަކެއް ހަމަޔަކަށް އަޅުވައި ކޮރަޕްޝަނާ ފަސާދައިން ގައުމު ސަލާމަތުގެ އައްސޭރި އަށް ގެންދިޔުމުގެ ހުރިހާ ކަމެއްވެސް ކުރަން ޖެހުނީ މިި ސަރުކާރަށެވެ. ސަރުކާރު ވުޖޫދަށް އައުމާއި އެކު އަވަސްވެގަތީ ކަންތައްތައް ހަމަޔަކަށް އަޅުވައި، ނުވެހުރި ކަންތައް ބާރުމިނެއްގައި ކުރިޔަށް ގެންދިޔުމަށެވެ.

އިގްތިސާދީ ގޮތުން ރާއްޖެ ވެއްޓިފައި އޮތް ވަޅުގަނޑުން ސަލާމާތްކޮށް ބައިނަލްއަގްވާމީގޮތުން ކެނޑިފައި އޮތް ގުޅުން އިޔާދަކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. ''ވަގަށް'' ނެގި ފައިސާ އާއި ދަވާލީ ފައިސާތަކުގެ ތަހުގީގުތައް ދަނީ ކުރިޔަށެވެ.

މި ސަރުކާރަށް އަހަރެއް ފުރެން ކައިރިވެފައިވާއިރު ރައްޔިތުންނަށްވެފައިވާ ގިނަ ވައުދުތަކެއް ވަނީ މިހާތަނަށް ފުއްދާފައެވެ. އެހެން ސަރުކާރުތަކާއި އަޅައިބަލާއިރު ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތައް ގިނަވެފައި ދުވެލިވެސް އެހާމެ ބާރެވެ. ސަރުކާރުން ދާދީ ފަހުން ވަނީ މި ފަސް އަހަރުގެ ތެރޭގައި ކުރަން ބޭނުންވާ ''ސްޓޭރޭޓެޖިކް ޕްލޭން'' ވެސް އިފްތިތާހު ކޮށްފައެވެ.

ދައްކަން މި އުޅެނީ ދެ ސަރުކާރުގެ ތަފާތު ވާހަކައެއް ނޫނެވެ. އަދި ވައުދުތައް ފުއްދުނު މިންވަރުގެ ވާހަކައެއްވެސް ނޫނެވެ. ނަމަވެސް ސަރުކާރަށް އަހަރެއްވާއިރު، އަދިވެސް އެންމެ ގަދަޔަށް ކިޔާ އެއް ލަވައެއްގެ ގޮތުގައި "ކުރީ ސަރުކާރު"ގެ ލަވަ ކިޔާ ވާހަކަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމެޓީތައް އަދި ސަރުކާރުން ބާއްވާ ޖަލްސާތައް ބައްލަވާ ފަރާތަކަށް މި ދައްކަން އުޅޭ ވާހަކަ ވަރަށްވެސް ސާފުވާނެ އެވެ. ކަމެއް ގޯސްވެ، އެކަމެއްގެ ސުވާލުތައް ބަންޑުންކޮށްލެވޭއިރު، އެންމެ ގިނައިން އެ ޖަވާބެއްގެ ތެރެއިން އިވޭނީ "ކުރީ ސަރުކާރުން" އެވެނިކަމެއް، މިވެނި ގޮތަކަށް ކޮށްފައިވެޔޭ ވިދާޅުވެ ދައްކަވާ ވާހަކަތަކެވެ. އެވެނި ފަރާތަކުން، މިވެނިކަމެއް އޭރުގައި ކޮށްފައި އޮތުމުން، ކަމެއް ނުކުރެވިގެން އުޅޭކަމަށް ވިދާޅުވާ ވާހަކަތަކެވެ. އެއީ ސިއްހީ މަރުކަޒަކަށް ނަރުހަކު އައްޔަންކުރުންކަމުގައިވިޔަސްވެސްމެއެވެ. އެންމެ ގިނައިން އިވޭ ވާހަކައަކީ އެއީ އެވެ. ރަށެއްގެ ބަނދަރެއް ނުހެދުނަސް، ހިޔާނާތުގެ ފައިސާގައި ހިފި މީހުންނަށް ފިޔަވަޅު ނޭޅިގެން ވެސް އުޅޭނީ ހަމަ ''ކުރީ ސަރުކާރު''ގެ ސަބަބުންނެވެ.

ތެދކެވެ. މި ސަރުކާރު ހަވާލުވިއިރު ކަންތައްތައް އޮތީ ހަމަ ގޯހުް ގޯހުގަ އެވެ. ހަމަ ކޮންމެކަމެއްވެސް އޮތީ އަލުން ބަލުން ފަށަންޖެހިފަ އެވެ. ނަމަވެސް ގޯސް ހެދިމީހުންނަށް ފިޔަވަޅު ނާޅާ، ކޮންމެ ކަމެއްގެ ހުޖަތަކަށް ކުރީ ސަރުކާރޭ ކިޔުމުގެ ބޭނުމެއް އޮތްތޯ އެއީ އުފައްދާލުން މުހިންމު ސުވާލެކެވެ.

ރައްޔިތުން މި ސަރުކާރު ގެނައީ ކުރީ ސަރުކާރު ބޭނުންނުވާތީއެވެ. އެ ސަރުކާރުގައި ޖަރީމާ ހިންގި ފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ. އިރުއިރުކޮޅާ ކަރުގެ ނެތް ބާރު މީނުގައި އަޑުން އަޑު ނަގައި ކުރީ ސަރުކާރުގެ ވާހަކަތައް ރައްޔިތުންނަށް ހަނދާން ކޮށްދޭކަށް ނުޖެހޭއެވެ. ބަދަލުގައި އެ ވާހަކަދައްކަނާމަ، ހަމަ އެވާހަކަދައްކާ ބާރުމިނުގައި އެ މީހުންނައިމެދު ފިޔަވަޅުވެސް އަޅަންޖެހެ އެވެ. އެ މީހުންނަށް ހައްޤު އަދަބުދޭންޖެހެ އެވެ.

އެ ސަރުކާރުން ކޮށްފައި ހުރި ކަންތައްތައް ހައްލު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ބުނެދެންވެސްޖެހެ އެވެ. އެ މީހުން ނުކުރި ކަންތައްކޮށް އެމީހުންނަށް ވުރެ ރަނގަޅު ނިޒާމެއްގެ ތެރެއިން ކަންތައްތަކެއް ކުރެވޭކަން ހާމަވެސްކޮށްދޭންޖެހެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް