ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - މަޖިލިސް

އިންޓަވިއުތައް ލައިވް ކުރަން ގަވާއިދުގައި ހިމެނިއިރު، މަޖިލީހުގެ އިދާރާގައި އެކަން ކުރެވޭކަށްނެތް!

  • މަޖިލީހުގެ ޖަލްސާ ކުރިއަށްދާއިރު، ކޮމެޓީ ލައިވް ކުރެވޭނެ އިތުރު ގޮތެއް ހޯދަންޖެހޭ
  • ކޮމެޓީ ރޫމްތަކުގަ އާއި މަޖިލީހުގެ އިދާރާއިން އެ ތައްޔާރީތައް ވެފައެއް ނެތް

މުހައްމަދު ފަޒީން
phaxyn

ކ. މާލެ 22 އޮކްޓޯބަރ 2019 | އަންގާރަ 13:42 1,788

އިގްތިސާދީ ކޮމެޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން - ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން އެމީހުންނާ އިންޓަވިއު ކުރަންޖެހޭއިރު، އެކޮމެޓީ ލައިވް ކުރަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވީނަމަވެސް މަޖިލީހުގެ އިދާރާއިން އެކަމަށް ތައްޔާރު ވެފައިނެތްކަން ހާމަވެއްޖެ އެވެ.

މަޖިލީހުގެ ގަވާއިދަށް އަލަށް ގެނެސްފައިވާ އެއިސްލާހުގައި ބުނާގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް މަޖިލީހުން އައްޔަން ކުރަންޖެހޭ ނުވަތަ ރުހުން ދޭންޖެހޭ ފަރާތްތަކާ އިންޓަވިއު ކުރާއިރު އެކޮމެޓީ ލައިވް ކުރަން ޖެހެއެވެ.

އަންގާރަ ދުވަހު މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް އެޖެންޑާ ކޮށްފަ އެވެ. އެގޮތުން އަންގާރަ ދުވަހުގެ 09:30 އިން 11:30 އަށް ކުރިއަށް ގެންދިޔަ ކޮމެޓީގެ ވަގުތުގައި އިންޓަވިއު ކުރައްވާފައިވަނީ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިސްމަގާމުތަކެއް ފުރުއްވި، އަދި މިހާރު ދިރާގުގައި އިސްމަގާމެއް ފުރުއްވަމުން ގެންދަވާ ތ ތިމަރަފުށި ފިނިފެންމާގެ، ފަތުހުﷲ ޖަމީލް އެވެ.

ފަތުހުﷲ އާއި ކޮމެޓީން އިންޓަވިއު ކުރަމުން ދިޔަ ވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޖަލްސާއެއްވެސް ހިނގަމުންދިޔަ ވަގުތެއް ކަމަށްވާތީ، އާއްމުކޮށް، މަޖިލީހުގެ ޖަލްސާތައް ލައިވް ކުރަމުންދާ ޓީވީ ޗެނަލްތަކުން ވެސް ލައިވް ކުރަމުން ދިޔައީ މަޖިލީހުގެ ޖަލްސާ އެވެ.

ފަތުހުﷲ އާއި އިންޓަވިއު ކުރި ކޮމެޓީގެ ބައްދަލުވުން ކަވަރކުރުމަށް ދިޔައީ ރާއްޖެޓީވީ އެކަންޏެވެ. ރާއްޖެޓީވީން އެކޮމެޓީ ލައިވް ކުރެވޭ ގޮތަށް ދިޔަ ނަމަވެސް، މަޖިލީހުގެ ޖަލްސާ ކުރިއަށްދާތީ ރާއްޖެޓީވީން ވެސް ލައިވްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާ އެވެ. ކޮމެޓީގެ އެބައްދަލުވުން ލައިވްއެއް ނުކުރެ އެވެ.

މަޖިލީހުގެ ޖަލްސާތައް ކެމެރާކޮށް މަންޒަރާއި އަޑުގެ ލައިވް ފީޑް ދޫކުރުމުގެ ހުރިހާކަމެއް ކުރަމުންދަނީ މަޖިލީހުގެ އިދާރާއިން ނެވެ. އެ ލައިވް ފީޑް ބޭނުންކޮށްގެން ބައެއް ޓީވީ ޗެނަލްތަކުން މަޖިލީހުގެ ޖަލްސާތައް ލައިވް ކުރަމުންދިޔަ ނަމަވެސް މަޖިލީހުގެ ކޮމެޓީތަކުގެ ލައިވް ފީޑް ދޫކުރުމުގައި، އަދި ހާއްސަކޮށް، މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ވަގުތުގައި އެފަދަ ކޮމެޓީއެއްގެ ބައްދަލުވުމެ ލައިވްފީޑް ދޫކުރުމަށް މަޖިލީހަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ.

ފަތުހުﷲ އާއި އިންޓަވިއުކުރި ކޮމެޓީގެ ބައްދަލުވުން ބޭއްވި ކޮމެޓީ ރޫމުގައި، އެކޮމެޓީ ލައިވް ކުރުމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ނެތެވެ.

ފަތުހުﷲ ގެ އިންޓަވިއުއަށްފަހު، ފަތުހުﷲ އާއެކު ހަމަ އެމަގާމަށް ކުރިމަތިލެއްވި އިސްމާއިލް ނާޝިދުއާ އިންޓަވިއު ކުރުމާއި، ޑެޕިއުޓީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށް ވެސް ވަނީ އެކޮމެޓީން އެޖެންޑާ ކޮށްފަ އެވެ.

ފަތުހުﷲ އާއި އިންޓަވިއުކުރި ކޮމެޓީގެ އެއް ބައްދަލުވުން ލައިވް ކޮށްފައި ނުވާތީ، އެކޮމެޓީގެ ބައްދަލުވުން ކުރިއަށް ދިޔައީ މަޖިލީހުގެ ގަވާއިދާ އެއްގޮތައްތޯ ކަމާމެދު ސުވާލު އުފެދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް