ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 00:03
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް އަދި ނިއުސްޑިރެކްޓަރ ޒިހްނަތު ހަސަން
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް އަދި ނިއުސްޑިރެކްޓަރ ޒިހްނަތު ހަސަން
ރާއްޖެއެމްވީ
ރާއްޖެޓީވީ
ފާއިތުވި ދުވަސްތަކުގައި ބްރޯޑްކޮމްއިން ކުރިހާވެސް މަސައްކަތަކީ ރާއްޖެޓީވީ ފަހަތުން ބިސްމަޅި ދުއްވުން :އާމިރު
 
މީޑިއާ ރެގިއުލޭޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށް ވިދާޅުވި
 
އާމިރު ވިދާޅުވީ އުޅެނީ އިހުލާސްތެރިކަމުގެ މައްސަލައާއި މޮނިޓަރ ކުރުމުގެ މައްސަލަ ކަމަށް
 
މި މުއައްސަސާތަކުގައި އުޅެނީ އަދަދުގެ ނުވަތަ ތަޖުރިބާގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވި

ފާއިތުވި ދުވަސްތަކުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އިން ކުރިހާވެސް ،މަސައްކަތަކަށް ވެފައި އޮތީ ރާއްޖެ ޓީވީ ފަހަތުން ބިސްމަޅި ދުއްވުން ކަމަށް ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯރޑިނޭޝަން އާމިރު ސަލީމް ވިދާޅުވެއްޖެއެވެ.

އާމިރު މިހެން ވިދާޅުވީ ހޯމަ ދުވަހު މީޑިއާ ކައުންސިލާއި، ބްރޯޑްކޮމް އެއްކުރުމާއި ގުޅޭ މައްސަލަ ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ސަބް ކޮމެޓީން މީޑިއާތަކުގެ އިސްވެރިންގެ ޚިޔާލު ހޯދުމަށް ހޯމަދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އާމިރު ވިދާޅުވީ ޙަޤީގަތަކީ މި ދެ މުއައްސަސާވެސް އޮތީ ފެއިލްވެފައި ކަމަށެވެ. އަދި މި މުއައްސަސާތަކުގައި އުޅެނީ ޢަދަދުގެ ނުވަތަ ތަޖުރިބާގެ މައްސަލައެއް ނޫން ކަމަށާއި، މައްސަލައަކީ އިޚުލާސްތެރިކަމުގެ މައްސަލައާއި މޮނިޓަރ ކުރުމުގެ މައްސަލަ ކަން އާމިރު ފާހަގަކުރައްވިއެވެ.

މިސާލަކަށް ބްރޯޑްކާސްޓިންގް ކޮމިޝަންއަކީ ރަނގަޅު ގާނޫނެއްގެ ދަށުން އުފައްދާފަ އޮތް ރަނގަޅު ކޮމިޝަނެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެބޭފުޅުން ވޭތުވެ ދިޔަ ދުވަސްތަކުގައި، އެބޭފުޅުންގެ މައިގަނޑު މަސައްކަތަކީ ރާއްޖެޓީވީ ފަހަތުން ބިސް މަޅި ދުއްވުން. އެހެންމަ އެނޫންކަމެއް ނުކުރަންޏާމުން ދެން ހީވަނީ 7 މެމްބަރުން ތިބެގެން ކުރާނެ މަސައްކަތެއްވެސް ނޯވޭ ހެން. 7 މެމްބަރުންނެއް ނޫން، އަޅުގަނޑަށް ހީވަނީ ދެ މެމްބަރުންނަށް ވެސް ކުރާނެ މަސައްކަތެއް ނޯންނާނެ ކަންނޭގެ ވަކި ޓާގެޓު މަސައްކަތެއް ބަޔަކު ކުރަން ގޮސްގެން އެނޫން ކަމެއް ކުރުމުގެ ވިސްނުން ގެންގުޅެންޏާއެއް.
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް

އާމިރު ވިދާޅުވީ ކޮމިޝަނެއް ހެދުމަށްފަހު، މީޑިއާ ރެގިއުލޭޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރަން ޖެހޭ ކަމަށެވެ. އަދި ޤަވާއިދުން މޮނިޓަރ ކޮށްގެން ކަންތައްތައް ގެންދެވޭނަމަ މީޑިއާ ރެގިއުލޭޓު ކުރަން އޮންނަ ކޮމިޝަންތައް ޖަވާބުދާރީވަނިވި ގޮތަކަށް ހިންގޭނެ ކަމަށެވެ.

ކޮމެޓީއަށް ހާޒިރުވި ބައެއް މީޑިއާތަކުގެ އިސްވެރިން، މީޑިއާއަކީ ރެގިއުލޭޓް ކުރަން ޖެހޭ ބައެއް ނޫން ކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވަމުން އާމިރު ވިދާޅުވީ ފަހަރުގައި އެއީ ރަނގަޅު ވާހަކައަކަށް ވެދާނެ ކަމަށެވެ. ނަމަވެސް މީޑިއާތައް ތަރައްޤީކުރަން ކޮންމެވެސް ބަޔަކު ތިބެންވާނެ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ބްރޯޑްކާސްޓިންގް ކޮމިޝަންގައި ކަންތައްތައް ހިނގާ ދިޔަ ގޮތް ފާހަގަ ކުރައްވަމުން އާމިރު ވިދާޅުވީ، އެ ބޭފުޅުންގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮތީ ފިޔަވަޅު އެޅުމާއި ޖޫރިމައިނާ ކުރުން ކަމަށެވެ. މީޑިއާތައް ކުރިއަރުވާ ތަރައްޤީ ކުރުމަށް އެއްވެސް މަސައްކަތެއް މީޑިއާގެ ބެލެނިވެރި ފަރާތްތަކުން ނުކުރާ ކަން އާމިރު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އާމިރު ވިދާޅުވީ ކޮމިޝަނެއް ހަދާއިރު ތަޖުރިބާކާރު މީހުންގެ އިތުރުން މީޑިއާ ނުވަތަ ބްރޯޑްކާސްޓިންގ ދާއިރާގެ ފަންީ މީހުން ހިމެނުން މުހިއްމު ކަމަށެވެ.

އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި އެބަހުރި މިދިޔަ ދުވަސްތަކުގެތެރޭގައި ބްރޯޑްކާސްޓިންގް ކޮމީޝަނުން ރާއްޖެޓީވީ ހާޒިރު ކުރި ބައެއް ފަހަރުތަކުގައި އެބަހުރި ޑިލޭ ލާނީ ކިހިނެއްތޯ އަހާފަ. ބީޕް ލާނީ ކިހިނެއްތޯ ހަދާފަ. އެހާކަންހާވަރު ބްރޯޑްކާސްޓް ކޮމިޝަންގެ މެމްބަރުން ގެންގޮސް އެހީމަ ދެން އެއީ ތަންކޮޅެއް ދެރަވަރޭ އަޅުގަނޑު ހިތައް އަރަނީ. އެހެންވިމަ ކޮންމެވެސް ވަރަކަށް ޓެކްނިކަލް މަސައްކަތް ދަންނަ މީހުން އެއަށް ލުމަށްވެސް ތިބޭފުޅުން ސަމާލުކަން ދެއްވައިގެން އެކަން ކުރައްވައިފިއްޔާ އަޅުގަނޑަށް ހީވަނީ މިއަށް ވުރެ މާރަނގަޅުވާނެ ހެން.
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް

ދެ މުއައްސަސާ އެއްކޮލާ މީޑީއާ ކޮމިޝަނެއް އެކުލަވާލުމަކީ އެއްވެސް މީހަކު ދެބަސްވާނެކަމެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ ގޮތަށް 5 މެމްބަރުންނާއި މިހާރު މީޑިއާ ކައުންސިލްއުން ގެންގުޅޭ މޮޑެލްގައި އޮންނަ ގޮތަށް ވެސް މީޑިއާތަކުން ދެ މީހަކު އިންތިޚާބު ކުރެވިދާނެ ކަމަށް އާމިރު ޚިޔާލު ހުށަހެޅުއްވިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި މި ބައްދަލުވުމަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތް އެއް އިދާރާއަކުން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއިން ގެންގުޅޭ ވިސްނުމަށް ޚިޔާލު ހޯދުމަށް މީޑިއާތަކާއި މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
0%
25%
0%
ކޮމެންޓް