ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 02:11
ލުބްނާން މުޒާހަރާގައި އެތަކެއް ހާސް މީހުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލަނީ
ލުބްނާން މުޒާހަރާގައި އެތަކެއް ހާސް މީހުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލަނީ
ލުބްނާން މުޒާހަރާ
މުޒާހަރާ ކުރިޔަސް ސަރުކާރާއި ވަކިވުމުގެ ވިސްނުމެއް ނެތް: ނަސްރަﷲ
 
ފަޤީރު ޙާލަތުގައި ތިބި ބަޔަކު އަތުން އައު ޓެކްސް ނެގުމަކީ ހިޒްބުﷲ ޖަމާއަތުން ރުހޭކަމެއް ނޫން: ނަޞްރަﷲ
 
މުޒާހަރާ ކުރާތާ މިއަދަށް ހަތަރުވަނަ ދުވަސް
 
މުޒާހަރާ ކުރަނީ އައު ޓެކްސްތަކެއް ތަޢާރަފުކުރާނެކަން އިޢުލާންކުރުމާއި ގުޅިގެން

ލުބްނާނު ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާ ދިގުލައިގެން ދިޔަ ނަމަވެސް ހިޒްބުﷲ ޖަމާޢަތުން ސަރުކާރާއި ވަކިވުމުގެ ވިސްނުމެއް ނެތްކަމަށް އެޖަމާޢަތުގެ ލީޑަރު ޙަސަން ނަޞްރަﷲ ވިދާޅުވެއްޖެއެވެ.

ލުބްނާނު ސަރުކާރުން އައު ޓެކްސްތަކެއް ތަޢާރަފުކުރާނެކަން އިޢުލާންކުރުމާއި ގުޅިގެން އެކަމާއި ދެކޮޅުކަން ދެއްކުމުގެ ގޮތުން އެޤައުމުގެ ގިނަ ޢަދަދެއްގެ މީހުން މުޒާހަރާ ކުރަން ފެށި މިދިޔަ ބުރާސްފަތި ދުވަހުއެވެ. ސަރުކާރާއި ދެކޮޅު މުޒާހަރާއަށް މިއަދު ހަތަރުދުވަސް ވެފައިވާއިރު،މުޒާހަރާއަށް ނިކުންނަ މީހުންގެ ނިޞްބަތްވަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ބޮޑު ވަޒީރު ސާދް އަލް-ހަރީރީގެ ޕާޓީ ހިމެނޭގޮތައް ލުބްނާނުގައި މިދިޔަ އަހަރު އެކުލަވާލި ގުޅިފައިވާ ސަރުކާރާއި މެދު އެޤައުމުގެ ޢާންމުން ހިތްހަމަ ނުޖެހެނީ ސަރުކާރަކުން ތަންފީޒް ކުރަން ހެޔޮ ނުވާވަރުގެ ކަންކަން ތަޢާރަފު ކުރަމުންދާތީކަމަށް ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އާ ސަރުކާރު އުފެދުނު ފަހުން އެޤައުމުގެ ސަރުކާރު އަނދަވަޅަކަށް ވެއްޓިފައިވާކަމަށް އެޤައުމުގެ ރައްޔިތުން ޤަބޫލުކުރެއެވެ.

ހަރީރީ ވިދާޅުވަނީ ޤައުމުގެ އިޤްތިޞާދު ހީނަރުވެ، ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު ފޭލި ވަނީ ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކުގެ ސަބަބުންނެވެ. އެޕާޓިތަކުން ސަރުކާރުގެ ސިޔާސަތުތައް ބަލައިނުގަނެ ސަރުކާރުން ތަންފީޒް ކުރަން ބޭނުންވާކަންކަމަށް އެކަށީގެންވާ މިންވަރަށް އެއްބާރުލުން ނުދޭތީކަމަށެވެ. ބައިނަލް އަޤުވާމީ މަޞްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގުޅިފައިވާ ސަރުކާރުން އެދެވޭ ނަތީޖާއެއް ނުނެރެވެނީ ސަރުކާރުގައި ހިމެނޭ ބައެއް ޕާޓީތަކުގެ މެދުގައި ހުރި ދީނީ އަދި ނަޞްލީ ޚިލާފުތަކާ ހުރެއެވެ.

ސަރުކާރާއި ދެކޮޅު މުޒާހަރާ ދިގުލައިގެންދާއިރު ، ސަރުކާރުގައި ހިމެނޭ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ވިދާޅުވީ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށް ސަރުކާރު އިސްތިޢުފާ ދިނުމަށް ގޮވާލުމަކީ ބޭކާރުކަމެއް ކަމަށެވެ. ޓީވީ މެދުވެރުކުރައްވާ އެޖަމާޢަތުގެ ލީޑަރު ޙަސަން ނަޞްރަﷲ ވިދާޅުވީ، ސަރުކާރުގެ ނާޤާބިލިއްޔަތުކަން ދައްކާ ސަރުކާރު އިސްތިޢުފާއަށް ގޮވުމަކީ މުޒާހަރާގެ ބައިވެރި ކުރާ ބޭކާރުކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ވައްޓާލިޔަސް މިހާރު ސަރުކާރުގައި ސިޔާސީ ގްރޫޕުތަކާއި ޖަމާޢަތްތައް މެދުވެރިވެ އަނެއްކާވެސް އާ ސަރުކާރެއް އާވިސްނުމަކާއެކު އެކުލަވާލާނެކަމަށެވެ. މުޒާހަރާ ކުރުން އެއީ ބޭކާރުކަމެއްގެ ގޮތުގައި ސިފަކުރައްވާ ނަޞްރުﷲ ވަނީ އާ ހިތްވަރަކާއެއްކު އާ އެޖެންޑާއަކާއިގެން ނިކުތުމަށް ބޮޑު ވަޒީރު ޞާދު އަލް- ހަރީރީއަށް ގޮވާލައްވާފައެވެ. އަދި ސަރުކާރަށް މުޒާހަރާއާއި ގުޅިގެން ކިތަންމެ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް ސަރުކާރާއި ވަކިވުމުގެ ވިސްނުމެއް އަދި ނެތްކަމަށް ނަޞްރަﷲގެ ޓީވީ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ފަޤީރު ޙާލަތުގައި ތިބި ބަޔަކު އަތުން އައު ޓެކްސް ނެގުމަކީ ހިޒްބުﷲ ޖަމާއަތުން ރުހޭކަމެއް ނޫންކަން ފާހަގަކުރައްވާ ނަޞްރަﷲ ވިދާޅުވީ ޓެކްސް ނުނެގުމަށް ސަރުކާރަށް ބާރު އަޅުއްވާނެކަމަށެވެ.

ބުރާސްފަތި ދުވަހު ލުބްނާނުގައި ފެށި މުޒާހަރާ ވަރުގަދަވުމުގެ ސަބަބުން ސިފައިން ވަނީ މަގުތަކުގައި ޕެޓްރޯލްކޮށް،މުޒާހަރާގައި ޤާނޫނާއޮ ޚިލާފަށް ޢަމަލުކުރާ ގިނަ ޢަދަދެއްގެ މީހުން ހިފާ ހައްޔަރުކޮށްފައެވެ. ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ހުންނަ ސަރުކާރުގެ މައި އިދާރާތަކުގެ ކުރިމަތީގައި މުޒާހަރާ ކުރަމުންދާއިރު،ހައިވޭތަކާއި މައިމަގުތައް ތޮތްޖެހި އާންމު ދިރިއުޅުމަށް ވަނީ ދަތިވެފައެވެ. ބައެއް ޞަރަޙައްދުތަކުގައި ކަރުނަ ގޭހާއި ފެން ޕްރެޝަރުގައި ދޫކޮށްގެން މުޒާހަރާ ރޫޅާލިކަމަށް ލުބްނާންގެ ސިފައިން ބުނެއެވެ.

ލުބްނާން ސަރުކާރަށް ފޫނުބެއްދޭ ވަރަށް ސަރުކާރުގެ ދަރަނި ބޮޑުވެ، ރައްޔިތުން އަތުން ނަގާ ޓެކްސްގެ މިންވަރު ބޮޑުކުރުމާއި ގުޅިގެން އެޤައުމުގެ ރައްޔިތުންނަށް ވަނީ އިޤްތިޞަދީ ހީނަރުކަމާއި ކުރިމަތިލާން ޖެހިފައެވެ. އަދި ސަރުކާރާއި ދެކޮޅަށް ފަހަކަށް އައިސް ކުރަމުންދާ މުޒާހަރާތަކާއި ހުރެ ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފައެވެ.

ލުބްނާނު ސަރުކާރުން އައު ޓެކުހެއް ތަޢާރަފު ކުރަން މަސައްކަތް ކުރަނީ ވޯރލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ މާލީ އެހީ ހޯދުމުގެ ބޭނުމުގައެވެ. އެއީ ބޭންކުތަކުން އެހީ ހޯދާނަމަ ޤައުމުގެ އިޤްތިޞާދީ އަދި މާލީ އޮނިގަނޑު އެތަންތަނުން ކަނޑައަޅާ މިންގަޑެއްގައި ހިފަހައްޓަން ޖެހޭތީއެވެ.

ލުބްނާނަކީ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިޞްބަތަށް ބަލާއިރު ދުނިޔޭގެ އެންމެ ދަރަނި ބޮޑު އެއްޤައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
33%
33%
0%
0%
33%
ކޮމެންޓް