ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 17:56
ރާއްޖޭގެ ބައެއް ދީނީ އިލްމްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖޭގެ ބައެއް ދީނީ އިލްމްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އެމްޑީއެންގެ ރިޕޯޓް: ދަނޑިވަޅަކަށް އިންތިޒާރުކޮށްގެން ތިބި ފަރާތްތަކަށް ލިބުނު ފުރުސަތެއް!
 
ސިޔާސީ ފަރާތްތަކުން ގެންދަނީ ދަނޑިވަޅުގެ ބޭނުން ހިފައި، ބޭނުންވާ ކަންކަން ހާސިލްކުރުމަށް މަސައްކަތްކުރަމުން

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއިމެދު ބަހުސްކުރާނެ އެއްވެސް ޖާގައެއް ނެތެވެ. އެއީ ނެރެވިގެންވާނެފަދަ ރިޕޯޓެއް ނޫނެވެ. ވަކިން ހާއްސަކޮށް، މުސްލިމު ޤައުމެއްގައި، ދީނަށް ފުރައްސާރަކުރުމުގެ ޖާގަ އެއްވެސް ފަރާތަކަށްދިގެން ނުވާނެ އެވެ. އަދި އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅުވެސް އަޅަންޖެހޭނެ އެވެ. އެއީކީވެސް ބަހުސެއްކުރަންޖެހޭ ފަދަކަމެއް ނޫނެވެ.

ރިޕޯޓުގެ މައްސަލަ ފެންމަތިވުމާއެކު ސަރުކާރުން ވަނީ ވަގުތުން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާކަމަށް ހާމަކޮށްފަ އެވެ. އަދި އެ މައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ދީފައިވެއެވެ. ހަމައެކަނި އެހެން ބުނެ، ހާމަކުރުމުގެ ބަދަލުގައި ސަރުކާރުން ވަނީ އެ ރިޕޯޓް ނެރުނު ޖަމިއްޔާގެ ހަރަކާތްތައް ސަސްޕެންޑްވެސްކޮށްފަ އެވެ. އަދި ނުވިތާކަށް ރިޕޯޓް ތައްޔާރުކުރި މީހުން ތަހުޤީޤަށް ހާޒިރުކުރުމުގެ މަސައްކަތްވެސް ފަށާފައިވެއެވެ.

ދައްކަން މި އުޅެނީ މައްސަލަ މިހާރު ގޮސްފައިވާ ހިސާބުގެ ވާހަކައެއް ނޫނެވެ. އަދި ރިޕޯޓުގައި ހުރި ވާހަކަތަކުގެ ވާހަކައެއްވެސް ނޫނެވެ. ނަމަވެސް ދަނޑިވަޅުގެ ބޭނުން ހިފާ ބަޔަކު މީހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ އެވެ. ދީނީ ތަކިހާ ތުރުކުރައްވައިގެން ތިއްބަވާ، މުޅި މުޖުތަމައު ނަފްރަތާއި، ފަސާދައިގެ އަދަވަޅަކަށް ވައްޓާލުމަށް ބަޔަކުކުރަމުން އަންނަ މަސައްކަތުގެ ވާހަކަ އެވެ.

އޭގެތެރޭގައި ސީޔާސީ ޕާޓީއެއް، ދީނީ އިލްމުވެރިއެއް، ހައްދުފަހަނަ އެޅި ފަރާތްތަކެއް ތަފާތެއް ނެތެވެ. މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ސަރުކާރުންދީފައިވަނިކޮށް، ސިޔާސީ ޕާޓީއަކުން ފޫގަޅާލީ، "އަންނަނީ" ނަމުގައި ޖަލްސާތައް ބޭއްވުމަށެވެ. ސިޔާސީ ޕާޓީއަށް މީހުން އެއްކޮށް، ފަސާދަވެރި ވާހަކަތައް ފެތުރުމަށެވެ. މުޖުތަމައުގައި އެތް އެއްބައިވަންތަކަން ނަގާލުމަށެވެ. ޖީބަށް އަތް ޖައްސަވައިގެން ހުންނަވާ، ދެކޮޅަށް މައިކް ހިތްޕަވައިގެން ހިންގަވަމުންގެންދެވިއިރު، އަމިއްލަ ފުޅު ފަސްބައި ކިލަނބުވެފައިހުރީ ކިހާވަރަކަށްކަމެއް އެންމެ ފަހަރަކުވެސް ވިސްނާލާފައެއް ނުވެއެވެ. އަދި ކިޔެއްތަ؟ އެއީ އެމަނިކުފާނުގެ ވެރިކަމުގައި، އެމަނިކުފާނުގެ އިސްލާމިކް މިނިސްޓްރީގެ ބަސް ހިމަނައިގެން ނެރެފައިވާ ރިޕޯޓެއްކަންވެސް ބަލާލާފައެއް ނުވެ އެވެ.

ވައްކަމާއި ފަސާދައަށް ހިތްވަރުދީ ދެއްކެވި ވާހަކަތާއި، ހަލާލު ނޫން އަންހެނުންގެ ވާހަކައަށްދާންދެން ދެއްކެވި ވާހަކަތައް މަތިން ކުޑައީންވެސް ވަރަކަށް ވިސްނާލާފައެއް ނުވެ އެވެ. މިއީ ސިޔާސީ ޕާޓީއަކުން ދަނޑިވަޅުގެ ބޭނުން ހިފުމަށް މަސައްކަތްކުރިގޮތެވެ.

އެކަމުގައި ސިޔާސީ ޕާޓީތަކަށް ދީނީ އިލްމުވެރިންވެސް ކުޑައީންވެސްކޮށް ދުލެއްނުދޭކަން އެ އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. މުޖުތަމައުގައި އަމަން އާންމުކަން ޤާއިމްކޮށް، ދީނުގައި އޮންނަ ރިވެތިގޮތް ބުނެދިނުމުގެ ބަދަލުގައި ދީނީ އިލްމުވެރިން ފޫގަޅާލީ ދަނޑިވަޅުގެ ބޭނުން ހިފައި، އެންމެ ގިނަ އިން ޓުވީޓްކުރެވޭ މީހާއަށްވުމަށެވެ. ވިދިވިދިގެން ޓުވީޓްތައް ކުރައްވަމުންގެންދެވިއިރު، މުޖުތަމައުގައި ފަސާދައާއި، ނަފްރަތުގެ ހުޅުކޮޅު ގެންދެވީ ރޯކުރައްވަމުންނެވެ. އޭގެތެރެއިން ގޮސް، އިލްމްވެރިންގެ ޖަމިއްޔާއެއް އުފައްދާ، ހޮނިހިރު ދުވަހުގެރޭގައި ވަނީ ބާބަކިޔުތައްވެސް ކުރިއަށްގެންގޮސްފަ އެވެ. ބާބަކިޔުތަކާއެކު، އަލިފާނުގެ ހުޅުގަނޑު ޓުވީޓްކޮށް، ނަފްރަތާއި، ހަމަނުޖެހުމުގެ ރަނގަބީލްތައް އަންނަނީ ދެމުންނެވެ.

ދީނީ އިލްމްވެރިންނޭ އެއްވަރަށް، ހައްދުފަހަނަ އެޅި ވިސްނުމުގެ ފަރާތްތައްވެސް ދަނޑިވަޅުގެ ބޭނުން ހިފާކަމީ ގަބޫލުކުރަން ބޭނުންނުވިނަމަވެސް ފެންނަން ހުރި ހަޤީޤަތްތަކެވެ. ރައްޔިތުންގެ ބޮލަށް ތަފާތު ވިސްނުންތައް ވިސްނައިދީ، ހިޔާލު ތަފާތުވާ ކޮންމެ މީހަކީ މަރާލަންޖެހޭ މީހެއްގެ ގޮތުގައި، ނުވަތަ ކަތިލާންޖެހޭ މީހެއްގެ ނުބައި މެސެޖު އަންނަނީ ފަތުރަމުންނެވެ. ލޭ އޮހޮރުވުމާއި، އަނިޔާވެރިކަމަށް ގޮވާލުމަށް އެ ފަރާތްތައް އަންނަނީ ދަނޑިވަޅުގެ ބޭނުން ހިފަމުންނެވެ.

ކެނޑިނޭޅި މަރުގެ އިންޒާރުތައްވެސް އަންނަނީ ދެމުންނެވެ. ދަނޑިވަޅާއެކު، މުޖުތަމައުގައި އެފަދަ ފަރާތްތައް ހިތްޕާލަން ބޭނުންވި ކަންތައްތައް ހިތްޕާލުމަށް ތިބީ ފޫގަޅާލާފަ އެވެ.

މިފަދަ މަންޒަރުތަކަކީ އަޅުގަނޑުމެން ކަހަލަ މުޖުތަމައުއަކުން ފެނިގެންދާންވާނެ ފަދަ މަންޒަރުތަކެއް ނޫނެވެ. ބަޔަކު ގޯހެއް ހެދީތީ، އޭގެ މައްޗަށް އެތަކެއް ގޯސްތަކެއް ހަދަމުންގެންދާއިރު، މި މުޖުތަމައުގެ މަސްލަހަތަށް ވިސްނާލުމަކީވެސް މުހިންމުކަމެކެވެ. ވަކީން ހާއްސަކޮށް، ދީނީ ބޭފުޅުންކަމަށް ވިދާޅުވެ، ތިއްބެވި ބޭފުޅުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
17%
0%
0%
83%
0%
0%
ކޮމެންޓް
20 އޮކްޓޯބަރ 2019 | އާދީއްތަ 18:59
ޙުސެއިން
ހަގީގަތް ފާޅުކުރުމަށް ރާއްޖެ އެމްވީއިން ކުރާ މަސައްކަތަށް ސާބަސް
ގުޅުންހުރި