ކ. މާލެ
|
19 އޮކްޓޯބަރ 2019 | ހޮނިހިރު 21:03
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ކިޔު ދަމާލާފައި ތިބި ބިދޭސީންތަކެއް
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ކިޔު ދަމާލާފައި ތިބި ބިދޭސީންތަކެއް
މުހައްމަދު ފަޒީން
މަގޭ ރިޕޯޓް
މިއީ ބޮޑު ޖަރީމާއެއް! އަޑީގައި ތިބި ބަޔަކު ހިފާ ހައްޔަރުކުރޭ
 
މިއީ ޒަމާންތަކެއް ވަންދެން އިމިގްރޭޝަނާއި ރެކްރޫޓްމަންޓް އެޖެންސީތައް ގުޅިގެން ހިންގި ބޮޑު ހިޔާނާތެއް
 
ގަވައިދާ ހިލާފަށް އުޅެނީ ކިތައް ބިދޭސީން ކަމެއް ވެސް ނޭނގޭ

ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅޭ ވާހަކައަކީ މި ގައުމުގެ އެކަކަށް ވެސް އައު ވާހަކައެއް ނޫނެވެ. ވެގެން ވެސް ނުވާނެއެވެ. މިއީ މި ގައުމަށް މަސައްކަތްކުރަން އެވެރިންނަށް އެތެރެވާން ފުރުސަތު ދިނީއްސުރެން ބޮޑުވަމުން އައިސްފައިވާ މައްސަލައެކެވެ. އެކަމަކަށް ހައްލެއް ގެންނަން އެތައް ސަރުކާރަކަށް ނުކުޅެދިފައި އޮތް ކަމެކެވެ. މިއަދު އެކަންތައް ބޮއްސުން ލައިގެން ގޮސް ހާލަތު އޮތް ހިސާބުން ހަމަ އަންތަރީސް ވެއްޖެއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ގަވައިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ހުޅުވާލުމާ އެކު، މިކަންތައް ގޮސްފައި އޮތް ހިސާބު ރައްޔިތުންގެ ލޯ މައްޗަށް ފާޅުވާން ފެށިއެވެ. ރެގިއުލަރައިޒޭޝަން ޕްރޮގްރާމް އިއުލާން ކުރުމާ އެކު، ދަމާލި ކިއުތަކުން އެތައް ބަޔަކު ދައްކަމުން އައި ވާހަކަތަކުގައި ހުރި ބުރަދަން ފެންނާން ފެށިއެވެ.

ދިންހާ އަތްވެއްގައި، ވެހުނުހާ ވާރެއެއްގައި ތިބީ ހަމަ އަހަރަމެން ކަހަލަ އިންސާނުންނެވެ. ކޮންމެ ގައުމަކަށް ނިސްބަތް ވިޔަސް، އަދި ކޮންމެ ނަސްލެއްގެ މީހަކަސް، އެއީ އަހަރަމެންނަށް ވުރެ އެއް ތަންކޮޅު ވެސް އިންސާނީ ހައިސިއްޔަތު ދަށް ބައެއް ނޫނެވެ. ނަމަވެސް، މި ގައުމުން އެވެރިންނަށް އިހުމާލު ވެފައި އޮތް މިންވަރު ފެނި، މިކަންކަން ބަލަން ދައުލަތުން ބޮޑު މުސާރަ ދީފައި ތިބި ވެރިންނާއި، އެވެރިންގެ ދަށުގައި ތިބި މީހުން ދެކެ، ރުޅި ނޫން އިތުރު އެއްޗެއް އާދެވެން ނެތީއެވެ.

މިކަން ބޮއްސުންލައިގެން ގޮސްފައި އޮތް މިންވަރު ހޮނިހިރު ދުވަހު ގަލޮޅު ދަނޑު ކައިރިއަށް ދިޔަ ކޮންމެ މީހަކަށް ފެންނާނެއެވެ. މީޑިއާތަކުންނާއި ޓީވީތަކުން އެ މަންޒަރުތައް ދައްކާތާ ދުވަސްތަކެއް ވެފައިވާ އިރު، މި މަންޒަރުތައް ފެނި އެތައް ބަޔަކު އާޝޯޚު ވިއެވެ. ރާއްޖޭގައި ކުރި އެންމެ ބިޔަ ބޮޑެތި މުޒާހަރާތަތަކަށް ވުރެ މީހުންގެ އަދަދު ގިނައެވެ. 8000 މީހުންގެ ޖާގައިގެ ގަލޮޅު ދަނޑުގެ ގޮނޑިބަރިތައް ހުސްވެ، އެތަނުގެ ދަނޑުމަތީގައި ބޭތިއްބިޔަސް އެތަން ކުޑަވާނެހެން ހީވާ ކަހަލައެވެ.

ކޮންމެއަކަސް، ދެން ވީކަމެއް ވީއޭ ކިޔާ އަތް އުރާލައިގެން ތިބެވޭކަށް ނެތެވެ. މިކަމުގެ އަޑީގައި ތިބި އިމިގްރޭޝަންގެ އޮފިޝަލުންނާއި ބަނޑުފުރާ އެވެރިންގެ ލާރި ކައިގެން ތިބި ވިޔަފާރިވެރިންނަކީ ކޮން ބައެއްކަން ހޯދާ، ހިފާ ހައްޔަރު ކުރަންވީއެވެ. އިމިގްރޭޝަން ތެރެއިން، ރިޝްވަތު ނަގައިގެން ނުހައްގު މުއްސަންދިކަން ހޯދާފައި ތިބި އެތައް ބައެއްގެ ވާހަކަ އަބަދުވެސް އިވެއެވެ. ފުލުހުން އެ މީހުންގެ މައްސަލަތައް ބަލާ ތަހުގީގުކޮށް އިންސާފުގެ ކުރި މައްޗަށް ގެންނަން މާ ލަސްވެސް ވެއްޖެއެވެ. ވަޒީފާގެ ދަޅަ ދައްކައިގެން ގެނެސް ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ތިބި ރެކްރޫޓްމަންޓް އެޖެންސީތައް ހިންގާ ފަރާތްތައް ވެސް ހިފާ ހައްޔަރު ކުރަންވީއެވެ.

މިކަންތައް ބޮޑު އިންސާނީ ކާރިޘާއަކަށް ވެގެން ދިޔަ އިރު، އަތް އުރާލައިގެން ތިބި ސަރުކާރުގެ އޮފިޝަލުން ވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާން ވަގުތު ކުޑަތަން ވެއްޖެއެވެ. ލަދުގެ ކަންފުޅެއް ހުރި ނަމަވެސް، މައާފަށް އެދެން ވީއެވެ. ދިވެހި ރައްޔިތުން ކުރެންނާއި ލާޗާރު ބިޗާރަށް ތެޅެން ދޫކޮށްލި ބިދޭސީންގެ ކިބައިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
14%
7%
3%
67%
5%
3%
ކޮމެންޓް
20 އޮކްޓޯބަރ 2019 | އާދީއްތަ 21:15
ސަޒަން
އެއީތެދެއް، އިމިގްރޭޝަން މުއައްޒަފުން މިކަމުގައި ބައިވެރިވެފައިހުރިވަރުބަލާ މިމީހުންގެމައްޗައް ޝަރީއަތް ހިންގަންޖެހޭ ނޫންނަމަ ރޮހިންޖާ މީހުންނައް ދިމާވިކަހަލަ ކަންތައްގަޑެއް ދިމާވާނެކަމީ ކަށަވަރުކަމެއް ހަމަގައިމުވެސް އަހަރެން ގަބޫލެއްނުކުރާނަން މިމީހުނަކީ ދިވެހިންކަމަކަށް ހަމަ އެއުސޫލުން އަންސަންގްސޫޗީވެސް އަދި މިއަންމާ ސިފައިންވެސް ކަންކުރީ ހަމަ މިކަންތައް އަދި މިގައުމުން ފެންނާނެކަން ޔަގީން މުޅިދުނިޔެ އެހެންހަދައިގެންނުވާނޭ ބުންޏަސް އެކަންވާނީ ހަމަ އެހެން ..... ވ. ސަލާމް
19 އޮކްޓޯބަރ 2019 | ހޮނިހިރު 21:10
ތިމަންނަ
ރާއްޖެއަކީ ދުނިޔެމަތީ ސުވަރުގެއޭ ބުނަނީ މި ހެން ކަންތައްތައް ހުރީމައެވެ.
19 އޮކްޓޯބަރ 2019 | ހޮނިހިރު 21:10
ތިމަންނަ
ރާއްޖެއަކީ ދުނިޔެމަތީ ސުވަރުގެއޭ ބުނަނީ މި ހެން ކަންތައްތައް ހުރީމައެވެ.
19 އޮކްޓޯބަރ 2019 | ހޮނިހިރު 21:10
ތިމަންނަ
ރާއްޖެއަކީ ދުނިޔެމަތީ ސުވަރުގެއޭ ބުނަނީ މި ހެން ކަންތައްތައް ހުރީމައެވެ.