ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 06:40
ޕާކިސްތާން ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅުތައް
ޕާކިސްތާން ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅުތައް
ޕާކިސްތާން ޓުޑޭ
ކޭޓް މިޑްލްޓަން
އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!
 
ކޭޓް މިޑްލްޓަން އާއި ޕްރިންސެސް ޑަޔާނާ ޕާކިސްތާނު ދަތުރުފުޅުގައި ތުރުކުރެއްވި ހެދުންކޮޅުތައް ވަރަށް އެއްގޮތް

އިގިރޭސި ޝާހީ އާއިލާގެ އަމީރު ޑިއުކް އޮފް ކޭމްބްރިޖް ވިލިއަމްސް އާއި އޭނާގެ އަނބިކަނބަލުން ދަ ޑަޗެސް އޮފް ކޭމްބްރިޖް ކޭޓް މިޑްލްޓަން މިހާރު ގެންދަވަނީ ޕާކިސްތާނަށް ހަތަރުދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

ދަތުރުފުޅުގެތެރެއިން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާނާއި ބައްދަލުކުރެއްވުމުގެ އިތުރުން ޕާކިސްތާނުގެ ތާރީޚީ ބިނާތަކަށާއި، ފަތުރުވެރި މަންޒިލްތަކަށް ޒިޔާރަތް ކުރެއްވިއެވެ. ދަތުރުފުޅުގެ ޚަބަރުތައް އިގިރޭސިވިލާތާއި ހުޅަނގުގެ މީޑިއާތަކުންނާއި، ޕާކިސްތާނުގެ މީޑިއާތަކުން ވަރަށް ތާޒާކޮށް ގެނެސްދިނެވެ. އެބޭފުޅުން ޕާކިސްތާނުގައި ވަގުތު ހޭދަކުރައްވާ ގޮތުގެ ތަފްޞީލު މީޑިއާއަށް ހާމަކުރަމުންދިޔައިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ ދަ ޑަޗެސް އޮފް ކޭމްބްރިޖް ކޭޓް މިޑްލްޓަން ޕާކިސްތާނަށް ވަޑައިގެންނެވި އިރާއި އެކި ޙަފުލާތަކަށް ތުރުކުރެއްވި ހެދުންކޮޅުތަކަށެވެ.

ޑަޗެސް އޮފް ކޭމްބްރިޖް ކޭޓް މިޑްލްޓަން އާއި ޕްރިންސެސް ޑަޔާނާ ޕާކިސްތާނު ދަތުރުފުޅުގައި ތުރުކުރެއްވި ހެދުންކޮޅުތައް ވަރަށް އެއްގޮތް

ގިނަބަޔަކު އެންމެ ހައިރާންވި ކަމަކީ ، 1990 އިގެ އަހަރުތަކުގައި ޕްރިންސް ވިލިއަމްގެ މަންމާފުޅު ޕްރިންސެސް ޑަޔާނާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުތަކުގައި އެކަމަނާ ތުރުކުރެއްވި ހެދުންތަކާއި ދާދި އެއް ޑިޒައިންތަކެއްގެ ހެދުންތަކެއް ކޭޓް ތުރުކުރެއްވުމެވެ. ޕާކިސްތާނުގެ މީޑިއާތަކުގެ ފަލަ ސުރުޚީތައް ފަވާލީ އެކަމަނާގެ ހެދުންތަކާއި ބެހޭ ޚަބަރުތަކުންނެވެ. މުސްލިމް ޤައުމަކަށް ޒިޔާރަތްކުރެއްވި އިރު މުސްލިމްވަންތަ ހެދުން ތުރުކުރެއްވުން އެއީ ޕްރިންސެސް ޑަޔާނާ އެޒަމާނުގައި އިޚްތިޔާރު ކުރެއްވި ގޮތެވެ. ޑަޔާނާގެ ގެންގުޅުއްވި އެ ރަނގަޅު ސިފަ ކޭޓް ތަކުރާރުކުރެއްވުން އެއީ ޕާކިސްތާން ރައްޔިތުންގެ ތަޢުރީފް ކޭޓްއަށް އޮހުނު އެއް ސަބަބުވެސް މެއެވެ.

ޑަޗެސް އޮފް ކޭމްބްރިޖް ކޭޓް މިޑްލްޓަން އާއި ޕްރިންސެސް ޑަޔާނާ ޕާކިސްތާނުގެ މިސްކިތަކައް ޒިޔާރަތްކުރެއްވި އިރު ހެދުން ތުރުކުރެއްވީ ދާދި އެއްގޮތަކަށް

ޑަޗެސް އޮފް ކޭމްބްރިޖް ކޭޓް މިޑްލްޓަން ޕާކިސްތާން ދަތުރުފުޅުގައި ތުރުކުރެއްވި ބައެއް ހެދުންކޮޅުތައް ފަރުމާކުރެއްވި ޕާކިސްތާނުގެ މަޝްހޫރު ޑިޒައިނަރ މަހީން ޚާން ބުނީ ކޭޓްއާއި ޑަޔާނާގެ ހެދުންކޮޅުތަކުން އެއްގޮތްކަން ފެނުނުނަމަވެސް އެއީ ޤަސްދުގައި އޭނާ ކުރި ކަމެއް ނޫންކަމަށާއި، އެއީ ހަމަ އިއްތިފާޤެއްކަމަށެވެ.

ޕްރިންސެސް ޑަޔާނާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުތަކުގައި ތުރުކުރެއްވި އެއްވެސް ހެދުންކޮޅެއް އަޅުގަނޑު ނުދެކެން. ޑަޗެސް ކޭޓް ގެ ހެދުންކޮޅާބެހޭ ގޮތުން އަޅުގަނޑު ބުނާނީ އެއީ ހަމަ އިއްތިފާޤެކޭ...ހެދުން ޑިޒައިންކުރި އިރު ވަކި ކުލައެއް ނުވަތަ ޑިޒައިނެއް ސިކުނޑިއަކަށް ނާދޭ. ވިސްނުނުހާވެސް އެއްޗަކީ ކޭޓް ބޭނުންފުޅު ވަނީ ވަރަށް އާދައިގެ ޕާކިސްތާނުގެ ޘަޤާފަތާއި ގުޅޭ ޑިޒައިނެއް ކަން.
މަހީން ޚާން / ކޭޓްގެ ހެދުން ޑިޒައިނަރ
ޑަޗެސް އޮފް ކޭމްބްރިޖް ކޭޓް މިޑްލްޓަން އާއި ޕްރިންސެސް ޑަޔާނާ ޕާކިސްތާނު ދަތުރުފުޅުގައި ތުރުކުރެއްވި ހެދުންކޮޅުތައް ވަރަށް އެއްގޮތް

އުމުރުން 37 އަހަރުގެ ކޭޓް މިޑްލްޓަންގެ ހެދުންކޮޅުތައް ފަރުމާކުރަން ފުރުޞަތު ލިބުމުން އެންމެ އިސްކަމެއް ދިނީ ކޭޓްގެ ހަމުގެ ކުލަޔާއި އެންމެ ގުޅޭ އަދި ޕާކިސްތާނުގެ އަމިއްލަވަންތަކަން ދައްކުވައިދޭ ގޮތައް ހެދުން ފަރުމާ ކުރުމަށް ކަމަށް މަހީން ޚާން ބުންޏެވެ. އެގޮތުން ކޮންމެ ހެދުންކޮޅަކާއެކުވެސް ދޯޕައްޓާއާއި ހަރުވާޅު ތުރުކުރާގޮތައް ޑިޒައިންކުރިއިރު ، ހުރިހައި ހެދުންވެސް ފަރުމާކުރީ ޕާކިސްތާނުގެ އަޞްލު ޘަޤާފަތް ދައްކުވައިދޭ ޝަލްވާޒް ކަމީޒާއި ކުރުތާ އަޞްލަކަށް ބަލައިގެން ކަމަށެވެ.

މަހީން ބުނީ ކޭތްގެ ހެދުންކޮޅު ފަރުމާކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ދެކޭކަމަށެވެ. އޭނާ ހެދުންކޮޅުތައް ފަރުމާކުރީ ކޭޓްއާއި އެއްވެސް ވަރަކަށް މުޢާމަލާތް ނުކުރެވިކަން ފާހަގަކޮށް އޭނާ ބުނީ ހެދުންތައް އެކަމަނާ ގަޔާވުމުން ވަރަށް އުފާވާކަމަށެވެ.

ޑަޗެސް އޮފް ކޭމްބްރިޖް ކޭޓް މިޑްލްޓަން އާއި ޕްރިންސެސް ޑަޔާނާ ޕާކިސްތާނު ދަތުރުފުޅުގައި ތުރުކުރެއްވި ހެދުންކޮޅުތައް ވަރަށް އެއްގޮތް

މަހީން ޚާންއަކީ ޕާކިސްތާނުގެ ޓީވީއާއި ފިލްމީ ފަންނާނުންގެ ހެދުން ފަރުމާކޮށްގެން ގިނަ އެވޯޑްތައް ޙާޞިލްކޮށްފައިވާ މަޝްހޫރު ޑިޒައިނަރެކެވެ. އޭނާ ހެދުންތަކުގެ ތެރެއިން އެންމެ މަޤްބޫލު ހެދުންތަކުގެ ތެރޭގައި ޕާކިސްތާނުގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ ހިމެނެއެވެ. އިގިރޭސި ވިލާތުގެ މެޑަމް ތުސާޑްގައި ހުންނަ ބޭނަޒީރު ބުއްޓޫގެ ވެކްސް ސްޓެޗޫވެސް ހަދާފައިވަނީ މަހީން ފަރުމާ ކުރި ހެދުމެއް ތުރުކުރައްވައިގެން ބޭނަޒީރު ބުއްޓޫ އިންނެވި ފޮޓޮއެއް އަޞްލަކަށް ބަލައިގެންނެވެ.

ކޭޓްގެ ދަތުރުފުޅުގައި މަހީންގެ ހެދުންތައް އިޚްތިޔާރުކުރެއްވި ލަންޑަންގައި ހުންނަ މަހީންގެ ފިހާރައިގަ ހުރި އޭނާގެ ހެދުންތައް ޝާހީ އާއިލާގެ މަންދޫބުންނަށް ކަމުގޮސްގެންނެވެ. އަދި އެ ފެނިގެން އޭނާއަށް ގުޅާ ހެދުން ފަރުމާކޮށްދިނުމަށް އެދުނުކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ހެދުން ފަރުމާކުރުމުގެކުރިން ވެސް އަދި އޭގެފަހުންވެސް ކޭޓާއި ވާހަކަ ދެއްކިފައިނުވާކަމަށް މަހީން ބުންޏެވެ. މަހީން ބުނީ ކޭޓްގެ ދަތުުރުފުޅުގައި އޭނާގެ ހެދުންތައް ތުރުކުރެއްވުމުން ، އޭނާގެ ޑިޒައިންތަކައް އިތުރު މަޝްހޫރުކަމެއް ލިބިގެން ހިނގައްޖެ ކަމަށާއި، ވަކިން ޚާއްޞަކޮށް ޕާކިސްތާނުގެ ދިރިއުޅޭ އާންމުންގެ ތަރުހީބު އޭނާގެ ފަރުމާތަަކަށް ލިބި، ކޭޓް ތުރުކުރެއްވި ފަރުމާތަކުގެ ހެދުން ގަތުމަށް ވަރަށް ގިނަ ފަރާތްތަކުން އޯޑަރު ކުރަމުންދާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
9%
73%
0%
7%
3%
7%
ކޮމެންޓް
18 އޮކްޓޯބަރ 2019 | ހުކުރު 22:28
ފާތު
އެއްގޮތް ކަމުގެ އިންތިހާ.ލޮލް