ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 07:32
ްޤާސިމް އިބްރާހިމް، ކޯޓުން ނިކުމެވަޑައިގެން އާންމުންނާއި ސަލާމްކުރައްވަނީ
ްޤާސިމް އިބްރާހިމް، ކޯޓުން ނިކުމެވަޑައިގެން އާންމުންނާއި ސަލާމްކުރައްވަނީ
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
ޤާސިމް އިބްރާހިމް: އޭރުވެސް މިހާރުވެސް ޓެކްސް ނެގުމާއި ދެކޮޅު!
 
މީގެކުރިންވެސް ޓެކްސް ނިޒާމް ގެނައުމަށް ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި ޤާސިމް ހިމެނިވަޑައިގަންނަވާ

ބޯދާގޮތް ދޫކޮށް، ފުރިހަމަ ޓެކްސް ނިޒާމަކަށް ރާއްޖެ މިސްރާބުޖެހީ މީގެ ގާތްގަނޑަކަށް 10 ވަރަކަށް އަހަރުކުރިންނެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ރާއްޖެ ފުރިހަމަ ޓެކްސް ނިޒާމަކަށް ކުރި ދަތުރުގައިވެސް އެންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީ މަހުޖަނުންގެ ފަރާތުންނެވެ. ރައްޔިތުންނަށް ކަންކަމުގެ ހަޤީޤަތް އޮޅުވާލާ، އެވެރިން މުޅިންވެސް މަސައްކަތްކުރަމުން ގެންދިޔައީ، އެވެރިންގެ ޖީބު ބޮޑުކުރެވެން އޮތްހާ ގޮތަކަށޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އަދި ފުރިހަމަ ޓެކްސް ނިޒާމަކަށް ކުރި ދަތުރުގައި ރައްޔިތުންނަށް ފެނިގެންދިޔަ އަސްލު މަންޒަރަކީވެސް އެއީ އެވެ.

އޭގެތެރެއިންވެސް ވަކިން ހާއްސަކޮށް، މަހުޖަނަކު ގެންދެވީ ސިޔާސީ ފަރާތްތައް އެއްކޮށް، ޓެކްސް ނިޒާމާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ. އޭރުގައިވެސް މަހުޖަނު ކިޔަމުންދިޔައީ ހަމަ އެއް ލަވައެއްކެވެ. ޓެކްސް ނިޒާމެއް ތައާރަފްކޮށްފިނަމަ ރާއްޖޭގެ އިޤްތިސާދު އެއްކޮށް ފުނޑުފުޑުވެ، ރައްޔިތުންނަށް ކާނެ އެތިކޮޅެއްވެސް ނުލިބޭނެކަމަށް ވިދާޅުވެ، ކިޔަމުންދިޔަ ލިވަތަކެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ބުނެ ދައްކަމުންގެންދެވީ ހަމަ އެއް ވާހަކަތަކެކެވެ.

އޭގެ 10 ވަރަކަށް އަހަރު ފަހަށް، މިއަދަގެ ހަޤީޤަތަށް ޖެހިލާއިރުވެސް ފެންނަނީ ހަމަ މި ދެންނެވި މަހުޖަނު ޓެކުހެއް ތައާރަފްކޮށްފާނެތީވެ، އެކަމާއި ދެކޮޅަށް ދައްކަވަމުންގެންދަވާ ވާހަކަތަކެވެ. އެ ދުވަހުވެސް ކަންކުރެއްވިގޮތަށް، ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅުވާލެއްވުމަށް މަހުޖަނު ކުރައްވަމުންގެންދަވާ މަސައްކަތްތެކެވެ.

އަންގާރަ ދުވަހުގެރޭ، މަހުޖަނު ޤާސިމް އިބްރާހިމްގެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވަނީ އެންމެ ކުޑަމިނުން ދެވޭ އުޖޫރަ 8000 ރުފިޔާއަށް ހަދައިފިނަމަ، އޭގެ އަސަރު އިޤްތިސާދަށް ކުރާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ ސަބަބުން އިޤްތިސާދު ހަލާކުވުމުގެ ފުރުސަތު އޮތްކަމަށް މަހުޖަނު ޤާސިމް ވިދާޅުވި އެވެ.

ދެން ވިދާޅުވަމުންގެންދެވީ އިންކަމް ޓެކްސް ނެގުމާއި ދެކޮޅަށް ދެއްކެން ހުރި ބަހަނާތަކުގެ ވާހަކަ އެވެ. މަހުޖަނު ވިދާޅުވިގޮތުގައި ވަކި ބަޔަކު ބައިވެރިކޮށްގެން ނުވަތަ އިސްތިސްނާ ކޮށްގެން އިންކަމް ޓެކްސް، ނުވަތަ އާމްދަނީން ޓެކުހެއް ނެގުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. ސަބަބެއްކަމަށް މަހުޖަނު ވިދާޅުވީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން ޒިންމާތައް އަދާކުރުމުގައި އެންމެ މުއްސަނދި މީހާ އާއި ފަގީރު މީހާ ހަމަހަމަވާނެތީކަމަށެވެ.

އިންކަމް ޓެކްސްއަކީ ފުރިހަމަ ޓެކުހުގެ ނިޒާމަކަށް ނުހަނު ބޭނުންތެރި، މުހިންމު ޓެކުހެކެވެ. ނަމަވެސް މިހާތަނަށްވެސް އިންކަމް ޓެކްސް ނުނެގިއޮތީ ހަމަ ޤާސިމް ފަދަ ބޭފުޅުންގެ ސަބަބުންނެވެ. ބޮޑު މަހުޖަނަށް، ލިބޭ އާމްދަނީން ބައެއް، ރައްޔިތުންގެ ކުރިއެރުމަށް ހަރަދުކުރަން ބޭނުންނުވާތީ އެވެ. މިނިމަމް ވޭޖަށް ބެލިނަމަވެސް ކަން އޮތީ ހަމަ މި ދެންނެވިގޮތަށެވެ. އެންމެ ކުޑަ މިނުންދެވޭ އުޖޫރަ ކަނޑަނޭޅި އޮތީ ޤާސިމްފަދަ ރިސޯޓުތައް ހިންގަވާ ބޮޑުންގެ ނުފޫޒުންނެވެ.

އެހެންގޮތަކަށް ބުނާނަމަ، ރައްޔިތުންނަށް ކުޑައީންވެސް ފައިދާއެއްވާގޮތަށް، ހުށަހެޅޭ ކަންކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ފޫގަޅާލާ އެއް ބޭފުޅަކީ މަހުޖަނު ޤާސިމް އިބްރާހިމެެވެ. ޖީއެސްޓީ ތައާރަފްކުރިއިރު، ކުރި މުޒާހަރާތަކާއި، އޭރުގައި ދެއްކެވި ވާހަކަފުޅުތަކުންވެސް އެކަން އޮތީ މި ދެންނެވިގޮތަށް ފެންނަންށެވެ. މިއަދުގެވެސް ހަޤީޤަތަކީ މޮޅެތި ވާހަކަތަކާއެކު ބަހަނާތައް ދެއްކުން ނޫން އިތުރުކަމެއް ކުރައްވަމުން ނުގެންދަވާކަމެވެ. އެންމެފަހުން އިންކަމް ޓެކްސްގެ ބިލް ދިރާސާކުރުމަށް ކޮމެޓީ ބައްދަލުވުން ފެށުމުން، ކޮމެޓީ ދޫކުރައްވާ ވަޑައިގެންނެވީވެސް ހަމަ ޤާސިމް އިބްރާހިމެވެ.

ޤާސިމަކީ ހަމައެކަނި ޓެކުހުގެ ބިލްތަކާއި، އެންމެ ކުޑަ މިނުންދެވޭ އުޖޫރަ ފަދަ ބިލްތަކާއި ދެކޮޅު ބޭފުޅެއް ނޫނެވެ. އޭގެއިތުރުން އެންމެފަހު، ވިސިލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލާ ދެކޮޅަށްވެސް ވޯޓުދެއްވި މެމްބަރަކީ މަހުޖަނު ޤާސިމް އިބްރާހިމެވެ. މި ބިލަކީ ކޮރަޕްޝަނާއި، ވައްކަންތައް ފަޅާއަރުވާލާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލެކެވެ. ނަމަވެސް އެފަދަ މުހިންމު ބިލަކާއި ދެކޮޅަށްވެސް ވޯޓުދެއްވީ ހަމަ ޤާސިމެވެ. ފަހަރުގައި ހިންގަވާފައިވާ ޖަރީމާތަކުގެ ސަބަބުން، ކޮރަޕްޝަން ފަޅާއަރުވާލާ ފަރާތަކަށް ރައްކާތެރިކަމެއް ދިނުމަށް ބިރުގަންނަނީކަމަށް ވެދާނެ އެވެ.

ހުރިހާކަމެއްގެ ތެރެއިން މިއަދު ފެންނަން އޮތީ އެންމެ ހަޤީޤަތެކެވެ. ޤާސިމް އިބްރާހިމަކީ މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިގެންދިޔަ ޤާސިމް އިބްރާހިމްކަމެވެ. ރައްޔިތުންގެ ކަންކަމަށްވުރެ، އަމިއްލަ މަސްލަހަތު އިސްކުރައްވައި، ވެރިކަމަށް ފެންބޮވައިގެންފައި ހުންނެވި ބޭފުޅާކަމެވެ. އެހެން ނޫންކަމުގައިވާނަމަ ރައްޔިތުން މިއަދު އެދިއެދި ތިބި މިފަދަ ބިލްތަކާއި ދެކޮޅަށް މަހުޖަނު މަސައްކަތެއް ނުކުރައްވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
14%
0%
0%
71%
0%
14%
ކޮމެންޓް