ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 00:22
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެން
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެން
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސް އެ ވިދާޅުވީ ޙަގީގަތެވެ. ދެން އޮތީ އޭގެ ޙައްލެވެ!
 
ރާއްޖެއަކީ މިއަދު، 567 ގެސްޓު ހައުސްގެ އިތުރުން، 149 ރިސޯޓާއި، 154 ސަފާރީއާ، ޓޫރިސްޓު 10 ހޮޓާ، ހިންގާ ގައުމެއް

ދުނިޔޭގެ ފަތުރުވެރި ކަމުގެ ދުވަހުގެ މުނާސަބާ، ދިވެހިރާއްޖޭގައި ކުލަގަދަކޮށް، ފާހަގަކުރަމުން ގެންދާއިރު، ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސާލިޙު، ދެއްވި ޚިތާބުން، ހާމަވެގެންދާ ޙަގީގަތަކީ، ފަތުރުވެރި ކަމުގެ އާމްދަނީ، ވަކިވަކި ފަރުދުންނަށް، އެނގުންވާ ވަރު، އަދިވެސް މާކުޑަ ކަމެވެ.

ނިމިގެންދިޔަ 2018 ވަނަ އަހަރުގެ ޑިސެމްބަރު 29 ދުވަހުގެރޭ، " ގެންޓް ހައުސް ސިމްޕޯޒިއަމް" ގެ ރަސްމިއްޔާތުގައިވެސް، ރައީސް ސޯލިޙު ވަނީ، އެކަމަށް އިޝާރަތް ކުރައްވައި، މި މައްސައަށް އެދެވޭ ހަލެއް ހޯދިދާނެ، މޭރުމަކުން، ވާހަކަ ފުޅު ދައްކަވައިފައެވެ.

އެރޭ، އެމަނިކުފާނު ދެއްވީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާފައިވާ އުސޫލަށްވުރެ، ދިވެހި މުވައްޒަފުން އިތުރަށް ގެންގުޅޭ ރިސޯޓުތަކަށް، ޓެކްސް ލުއިކޮށްދެއްވާނެ ކަމުގެ އިޝާރާތެކެވެ. މި ވާހަކަ ފުޅު، މި މޭރުމުން، 29 ޑިސެމްބަރު 2018 ގައި، "މިހާރު އޮންލައިން" ގައި ވެސް، ޝާއިޢު ކޮށްފައި އޮތެވެ.

ރައީސް ސޯލިޙުގެ، އެ އިޝާރާތްޕުޅުން އެނގެނީ، ފަތުރުވެރި ކަމުގެ ދާއިރާގައި، ދިވެހިންނަށް ވަޒީފާގެ ފަހިކަން ހޯއްދަވައި ދެއްވަން، ސަރުކާރުން ބާރު އަޅާ މިންވަރެވެ. އަދި ވަޒިފާ ދިނުމުގައި، ޓޫރިޒަމުން ކަނޑަ އަޅައިފައިވާ މިންވަރަށްވުރެ ގިނައިން، ބިދޭސީންނަށް ވަޒީފާ ދިފައިވާ ރިސޯޓުތަކުން، ޓޫރިޒަމްގެ މިންގަނޑަށް، ނުވަތަ އެއަށްވުރެވެސް ދިވެހިންނަށް ފަހިވާ ގޮތަށް، އެނބުރި ރުޖޫޢަވާން ސަރުކާރުން ބާރުއަޅާ މިންވަރެވެ.

ކޮންމެއަކަސް، ދިވެހީންނަށް ރިސޯޓު ތަކުން ވަޒީފާ ދިނުމުގައި، މިވަގުތު ގިނަ ރިސޯޓުތަކުން ޢަމަލު ކުރަމުން ގެންގޮސްފައިވި، ސިޔާސަތު ހާމަވާން އޮތީ، ދާދިފަހުން، ލޭބަރ ރިލޭޝަންސުން މިކަމާބެހޭ ގޮތުން، 30 ރިސޯޓެއްގެ ޙާލަތު ސާވޭ ކުރުމުނ،ް ދެއްކި މަންޒަރުންނެވެ.

މި ސާވޭން ދެއްކި ގޮތުގައި، 150 މުވައްޒަފުން ތިބި ރިސޯޓެއްގައި، އެންމެ 5 ދިވެހިން ވަޒިފާ އަދާކުރާ މަންޒަރަކީ، ހައިރާން ކުރުވި މަންޒަރެކެވެ. ހަމަ އެހެންމެ، 90 އިންސައްތަ ބިދޭސީން، ވަޒީފާ އަދާކުރާ ރިސޯޓުތައްވެސް، މިދެންނެވި ސާވޭން ދެއްކިއެވެ.

މިކަމަށް އެކަނި ވިސްނާލިޔަސް، މި މަންޒަރުން އެ ދައްކަނީ، ދިވެހީންނަށާއި ބިދޭސީންނަށް، ވަޒީފާ ދިނުމާބެހޭ ގޮތުން، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑު، ކިލަނބު ކޮށްފައި އޮތް މިންވަރެވެ. އަދި މިކަމަކީ، ވޭތުވެދިޔަ ތާނގައި، އެކަންކަން ބަލައި ފިޔަވަޅު އެޅުމުގައި، އިހުމާލުވެފައި އޮތް ކަމެއް ކަމެވެ.

ރާއްޖެއަކީ މިއަދު، 567 ގެސްޓު ހައުސްގެ އިތުރުން، 149 ރިސޯޓާއި، 154 ސަފާރީއާ، ޓޫރިސްޓު 10 ހޮޓާ، ހިންގާ ގައުމެކެވެ. މި ތަންތާގައި 47114 އެނދު، ޓޫރިސްޓުން ނިންދަވާ އެނދުގެ ގޮތުގައި، ފެންނާން އެބަ އޮތެވެ. 1960 ގައި، އެންމެ 60 އެނދާއެކު، ދިވެހިރާއްޖެ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި، ތަޢާރަފު ވެގެން އައީ، ދިވެހިންގެ ދެތިން ހަތަރު އާރުކާޓީންގެ މިންނެއް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. އޭރު، މި ސިނާޢަތުގައި ތިބީވެސް ދިވެހިންނެވެ.

ކޮންމެއަކަސް، 47 އަހަރުގެ މާޒީއެއް، ފަތުރުވެރިކަމުގެ ސިނާޢަތުގައި، ދިވެހިރާއްޖެ ހޭދަކުރި އިރު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިހުގެ ޚިތާބުގައި އެ އިޝާރަތް ކުރެއްވި، "ޓޫރިޒަމްގެ އާމްދަނީ ވަކިވަކި ފަރުދުންނަށް އެނގުންވާވަރު" އަދިވެސް މިދައްކަނީ، މާ ކުޑަ އިންސައްތަ އެކެވެ.

މިކަން، އެހެން ވުމުގައި، ފަތުރުވެރި ކަމުގެ ސިނާޢަތުގެ ވަޒީފާތައް، ބިދޭސީން ޙިސާރު ކޮށްފައި އޮތް އޮތުމަކީ، މީގެ އެއް ސަބަބެވެ. އަނެއް ސަބަބަކީ، ގެސްޓު ހައުސް ވިޔަފާރި، މުޅި ރާއްޖެއަށް ތަޢާރަފު ކުރިލެއް ފަސްކަމެވެ.

އެމްޑީޕީގެ ކުރީގެ ސަރުކާރުގައި، ގެސްޓުހައުސް ގެ އާ ސިނާޢަތެއް، ހިންގުމުގެ ދޮރު ހުޅުވާލުމާއެކު، ކ. މާފުށި ފަދަ، މީހުން ދިރިއުޅޭ އެތައް ރަށެއްގައި، މި ވިޔަފާރި ތަޢާރަފުވިއެވެ. އެތަންތަނުގެ ރައްޔިތުންނަކީ، މިއަދު ރައްޔިތުންގެ ތަނަވަސްކަމާއި، ލިބޭ އާމްދަނީއަށް ބަލާއިރު، މި ޚިދުމަތް ނެތް ރަށްރަށުގެ ރައްޔިތުންނަށްވުރެން، އުފާފާގަތި ބައެކެވެ.

ގެސްޓު ހައުސްގެ ވިޔަފާރިއަކީ، ފެނާ، ނަރުދަމާގެ ޚިދުމަތް އޮތް ރަށްރަށަށް ފަހި، ފުރުސަތަކަށް ވެފައި އޮތް އިރު، އެ ޚިދުމަތް އަދިވެސް ފޯރުކޮށްދެވިފައި ނުވާ ރަށްރަށް އޮތީ، މި ޚިދުމަތުން މަޙުރޫމް ވެފައެވެ. އެހެން ނަމަވެސް، މި ޚިދުމަތް ނެތް ރަށްރަށަށް، ރައީސް ޞާލިޙުގެ ސަރުކާރުން، މި ޚިދުމަތް ފޯރުކޮށްދީ ނިމުމުން، މީހުން ދިރިއުޅޭ ރަށްރަށަށް، ގެސްޓު ހައުސްގެ ދިރުން ލިބެންފަށާނެއެވެ. އެހައިތަނުން، ޓޫރިޒަމްގެ އާމްދަނީ، ވަކިވަކި ފަރުދުންނަށް އެނގުންވާވަރު، އަނެއްކައިވެސް އިތުރު ވެގެން ދާނެއެވެ.

ރާއްޖޭގައި، ޓޫރިސްޓު ރިސޯޓުތައް ނެތް އަތޮޅު ތަކުގައި ރިސޯޓުތައް ހުޅުވިގެން އައުމަކީވެސް، ޓޫރިޒަމްގެ އާމްދަނީ، ވަކިވަކި ފަރުދުންނަށް އެނގުންވާން ފަށާނެ ކަމެކެވެ.

ހަމަ އެހެންމެ ގެސްޓުހައުސް ހިންގަން ބިން ދޫކުރަން އަލަށް ހުޅުވާލި، ހއ. އުލިގަމާއި، އެއަތޮޅު ފިއްލަދޫގެ ދައްޕަރާއި، ކެލާގެ އިތުރުން، އައްޑޫ އަތޮޅަށް އަމާޒުވެފައިވާ 8 ހާސް އެނދުގެ ތެރެއިން، 6 ރަށެއްގައި އަލަށް ތަޢާރަފުވާ 4 ހާސް އެނދަކީވެސް، އަދި އެހެން އަތޮޅު ތަކުގައި ހުޅުވިގެންދާ، މިފަދަ އައު ފުރުސަތު ތަކަކީވެސް، ޓޫރިޒަމްގެ އާމްދަނީ، ވަކިވަކި ފަރުދުންނަށް އެނގުންވާ ވަރުގެ އެއްޗަކަށް ވުމުގެ ނިސްބަތް، އިތުރު ވެގެން ދާނެ ކަމެކެވެ.

ފަތުރުވެރިކަމުގައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، ޓޫރިޒަމްގެ އާމްދަނީ، ވަކިވަކި ފަރުދުންނަށް އެނގުންވާވަރުގެ އެއްޗަކަށް ވެގެންދާއިރު، ޓޫރިޒަމް މިނިސްޓްރީން، ދިވެހިންނަށް ވަޒީފާ ދިނުމަށް، ރިސޯޓުތަކަށް ކަނޑައަޅާފައިވާ މިންގަޑަށް، ރިސޯޓު ތަކުން ރުޖޫޢަ ވުމަކީވެސް، މި ދެންނެވި މަގުސަދު ހާސިލް ކުރުމުގައި، އަވަސް ދައުރެއް އަދާކުރާނެ ކަމެކެވެ.

ހަމަ އެހެންމެ، ހޮޓެލް ސްކޫލަކީ، ފަތުރުވެރިކަމުގެ ދާއިރާއަށް ޤާބިލް ދަރިންތަކެއް ބިނާކޮށްދިން މަރުކަޒެއް ކަމުގެ ޙަޤީގަތް ގަބޫލުކޮށް، ރާއްޖޭގެ ވަކި ރަށެއްގައި މި މަރުކަޒު އަލުން ޤާއިމްވުންވެސް އެހާމެ މުހިންމެވެ. އެ މަރުކަޒަކީ، ކިޔަވައިގެން ނިކުންނަ އައު ދިވެހި ޖީލަށް، ޝައުގުވެރި ތަނަކަށްވެ، މި ދާއިރާގެ މުސާރަ އާއި ޢިނާޔަތްތަކަކީވެސް، އިތުރު ޝައުޤުވެރި ކަމެއް، އުފައްދާނެ ކަންކަމަށް ވެއްޖެ ނަމަ، ރައީސް ސޯލިޙު، އެ އިޝާރަތް ކުރެއްވި މައްސަލައިގެ ޙައްލަށް، ވާސިލުވާން އޮތް މަގު، ބޮޑުތަނުން ކޮށިގެންދާނެއެވެ. ތެދެކެވެ. ރައީސް އެ ވިދާޅުވީ ޙަޤީގަތެކެވެ. ދެން ހޯދަންވީ އޭގެ ޙައްލެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
40%
40%
0%
20%
0%
0%
ކޮމެންޓް