ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 00:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ކައުންސިލަކާއެކު ކުރިއަށްދިޔަ ބައްދަލުވުމެއްގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ކައުންސިލަކާއެކު ކުރިއަށްދިޔަ ބައްދަލުވުމެއްގައި
ރައީސް އޮފީސް
މަގޭ ރިޕޯޓް
"މޮހޮނަށް ދޯނި ދިނުމަށް" ބައްޓަންވެފައި އޮތް ނިޒާމު، އެފުށް މިފުށަށް!
 
ކައުންސިލްތައް ބާރުވެރިކުރުމަށް ޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައި

މިއަދު، ޢަމަލް ކުރަމުން މިގެންދާ ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހަކީ، އެ މަޖިލީހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު، އަޅުގަނޑަށްވެސް ލިބިގެންދިޔަ މަޖިލީހެކެވެ. އައު ޤާނޫނު އަސާސީ ގެ 8 ވަނަ ބާބަކީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ކަނޑައެޅި ބާބެވެ.

މިދެންނެވި ބާބުގައި، ކައުންސިލްތައް އިންތިޚާބު ކުރުމާއި، މަސްއޫލިއްޔަތުތަކާއި، ޤާނޫނުގެ އިމުގެތެރޭގައި ޤަވާޢިދުތައް ހެދުމާއި، މުދާ މިލްކު ކުރުމާއި، ދަރަންޏަށް ޒިންމާވުމުގެ ބާރު، ފަދަ، ކަންކަމާމެދު، ބަޙުސްތައް ހިނގައި ގޮސް، އެ ކަންކަން ފާސްވެގެން ދިޔައެވެ.

އެދުވަހު، މި ނިޒާމާމެދު، ރައްޔިތުން ކުރަމުންއައި ފޮނި އުންމީދުގެ އަޑު، ޚުދު އަޅުގަނޑުވެސް އެހީމެވެ. ރައްޔިތުން އޭރު ދެކެމުންދިޔަ ހުވަފެނަކީ، މި ނިޒާމުގެ ތެރެއިން، ބާރު ދުވެލީގައި ރަށްފުށަށް، ތަރައްޤީ، ގެނެވޭ މަންޒަރެވެ. ދެކެމުން އައީ އެހާވެސް ފޮނި ހުވަފެން ތަކެކެވެ.

އަޅުގަނޑު މި ދަންނަވައިލީ، "ލާމަރުކަޒީ ނިޒާމު" ރާއްޖެއަށް ތަޢާރަފުވާ ޚަބަރު އަހައި، މީގެ 8 އަހަރުގެ ކުރިން، ރައްޔިތުން އެކަން ސިފަކުރި ގޮތެވެ. އެ ދުވަހުގެ ޝުޢޫރު ތަކެވެ. އެމީހުންގެ ކަންކަން ނިންމަން ތިބޭނެ ބަޔަކީ، އެމީހުންގެ ވޯޓުން އިންތިޚާބުކުރާ ބަޔަކަށްވުމީ، މިދެންނެވި އުންމީދުތައް ކުރެވުނު، އެއް ސަބަބެވެ.

އެހެން ނަމަވެސް، މި ނިޒާމު، ވޭތުވެ މިދާ 8 އަހަރުގެ މާޒިގައިވެސް، ހިނގަމުން އައީ، ދިވެހި މިސާލު ބަހެއްގައި ބުނާ އުސޫލުންނެވެ. "މޮހޮނަށް ދޯނި ދިނުން" ފަދައިންނެވެ.

މޮހޮނަށް ދޯނި ދިނުމޭ ބުނެވެނީ، އެއްވެސް ބޭނުމެއް ނުކުރެވޭ ގޮތަށް މީހަކަށް އެއްޗެއް ދިނުމެވެ. ނުވަތަ އިޚްތިޔާރެއް ނެތް ގޮތަށް ކަމަކާ ޙަވާލު ވުމެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފާއި ޙަވާލާދީ، "މިހާރު" އޮންލައިންގައި، މިކަން ސިފަކޮށްދީފައި އޮތީވެސް، މިފަދަ މޭރުމަކުންނެވެ.

ކައުންސިލްތަކަށް ސަރުކާރުން ބާރުތައްދީ، ފަހިކަން ގެނެސްދީފައި ނުވާ ކަމަށެވެ. ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައި ނެތް ކަމެވެ. އަދި އެކަށީގެންވާ ބަޖެޓު ފޯރުކޮށްދީފައި ނެތް ކަމެވެ.

މިއީ، މީގެ 8 އަހަރު ކުރިން ރައްޔިތުން އެ ކުރި، އުންމީދު ތަކުގައި ޙަގީގީ ކުލަ ޖެހިގެން ނުދިޔަ މައިގަނޑު ސަބަބެވެ. މީގެ އިތުރުން، އޭރަކު އޮންނަ ސަރުކާރެއްގެ "ދޮންދަރިއެއް" ގެ ސިފައިގައި، އެ ސަރުކާރަށް ނިސްބަތްނުވާ ކައުންސިލަރުން އިންތިޚާބު ވެފައި އޮންނަ ކައުންސިލް ތަކާއިމެދު، ގެންގުޅު ވިސް ނުމަކީވެސް، ސަބަބު ތަކަށް ގެތޭނެ ބޮޅެކެވެ.

އެއަށް ވުރެވެސް ބޮޑު ސަބަބަކީ، މި ނިޒާމު، އޭގެ ޙަގީގީ މާނައިގައި ހިންގައިދޭނެ އިޚްލާސްތެރި ހިތެއް ނެތުމެވެ. ކުރުކޮށް ދަންނަވާނަމަ، މާލީ އަދި އިޚްތިޔާރާއި ގޮތުން، ރައްޔިތުންގެ އަތް މައްޗަށް ބާރުތައް، ދޫކޮށްލާނެ އިޚްލާސްތެރި ވެރިއެއް ނެތުމެވެ.

ކޮންމެއަކަސް، ފެނިގެން އެ ދިޔައީ މާޒީއެވެ. 17 އޯގަސްޓު 2016 ގައި، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން، މަޖިލީހަށް ހުށަހެޅި، ޙާޒިރުވެ ވަޑައިގެން ތިއްބެވި 61 މެންބަރުންގެ ތެރެއިން، 38 މެންބަރުންގެ ވޯޓުން، މިދެންނެވި އިސްލާޙު ފާސްވެ، ކައުންސިލަރުންގެ ޢަދަދު، މަދުވެގެން ދިޔަ ދުވަހަކީވެސް މާޒީއެވެ. ކައުންސިލްތައް ސަސްޕެންޑު ކުރުމާއި، ކައުންސިލް ތަކުން ކުރަމުން އައި މަސައްކަތްތައް، ކައުންސިލްތަކުގެ ޒިންމާތަކުން، ވަކިކުރެވިގެން ދިޔަ ދުވަސް ތަކަކީވެސް، މާޒީއެވެ.

މި މޭރުމުން 8 އަހަރުގެ މާޒީގެ ހިތި ތަޖުރިބާތައް ލިޔަން ފަށައިފިނަމަ، މައުޟޫގައި އިންސާފުރަން ބޭނުންވި މަންޒިލް ލޮލަށް ގެއްލި، މި މައުޟޫ "ކަރުނައިގެ ފަރަކަށް" އެރުން ގާތެވެ. އެހެން ކަމުން މާޒީން ނިކުމެ، މުސްތަޤުބަލަށް ބަލައިލަން އެބަ ޖެހެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިހުގެ ސަރުކާރަކީ، ޙަޤީގީ މާނައިގައި، ކައުންސިލްތައް ބާރުވެރި ކުރުވާނެ ކަމަށް، ފާޅުގައި ބުނަމުން އަންނަ ސަރުކާރެވެ. މި ސަރުކާރުން ބުނަމުން ގެންދަނީ، ރަށްރަށުގެ އިޙުތިސާސް، ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގަން އޮތް، ގާނޫނުގައި، ކަނޑައަޅާނެ ކަމަށެވެ. އެރަށެއްގެ މުއްސަނދިކަން އެރަށަކަށް ހޯދައިދޭނެ ކަމަށެވެ. ބިމާއި، ރަށާއި، ފަޅާއި، ފަރުފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 އިންސައްތަ، ކައުންސިލު ތަކަށް ދޭނެ ކަމަށެވެ.

ބިމުގެ ކުލީގެ 100 އިންސައްތަ ދޭނީ ކައުންސިލު ތަކަށެވެ. އަދި ދައުލަތުގެ ބަޖެޓުގެ 5 އިންސައްތަ، ދޭނީވެސް ކައުންސިލް ތަކަށެވެ. މީގެ އިތުރުން ކޮންމެ ކައުންސިލަކުންވެސް ކުންފުނި، ކޯޕަރޭޓިވްސް އުފައްދައިގެން، ވިޔަފާރި ކުރެވޭނެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ސަރުކާރުން މި ދައްކާ ވާހަކަތަކަކީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާ، ލާމަރުކަޒީ ގާނޫނަށް އެ އިސްލާޙުތައް ގެނެސްގެންނާއި ގާނޫނު އަސާސީއަށް، ގެންނާން އޮތް، އިސްލާޙުތައް ގެނެސްގެން ފަހި ކުރެވެން ހުރި ކަންކަމެވެ. ސަރުކާރުން ބުނަކީ، އެކަންކަން އެގޮތަށް ކޮށްގެން، މި ބަދަލުތައް ގެންނާނެ ކަމަށެވެ. ސަބަބަވެސް ވަރަށް ސާފެވެ. މިކަމުގައި ސަރުކާރުން ދައްކާ ސަބަބަކީ، "ރަށުގެ މުއްސަނދިކަން އޮންނަންވާނީ ރައްޔިތުންނަށް" ކަމަށެވެ.

ޤާނޫނީ ސިފަ، އެކަންކަމަށް އައުމުގެ މަރުޙަލާގައިވާ، މި ދެންނެވި ބާރުތަކަކީ، ދިވެހިރާއްޖޭގެ ޙަޔާތުގައިވެސް، ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލި، އަދި ދޫކޮށްލަން ކެރުނު ބާރުތަކެއް ނޫނެވެ. މި ވާހަކަތައް އިވުމުން، އިނގިލިކޮޅުގައި ދައިގަނެވޭގޮތް މިވަނީ އެހެން ވީމައެވެ. އެހެން ނަމަވެސް، މަސައްކަތް އެ ހިނގަނީ ސީދާ އެ މަގަށްކަން އެނގެއެވެ. މަންޒަރު ލޮލަށް އެބަ ފެނެއެވެ. އެހެން ކަމުން މި ފެންނަނީ "އުޑުމަތީގައި ފޮޅި އަވީލުން" ފަދަ ޚިޔާލެއް ނޫންކަން މިހާރު ޔަޤީނެވެ.

ކޮންމެ އަކަސް، އުދަރެހުން، މިއަދު ފެންނާން އެ އޮތީ، ރައީސް ޞާލިޙުގެ ސަރުކާރުން، ލާމަރުކަޒީ ނިޒާމަށް ގެންނަން އޮތް، ބަދަލު ތަކެވެ. ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާނެ ބާރުތަކެވެ. މިއީ، މީގެ 8 އަހަރު ކުރީން، ލާމަރުކަޒީ ނިޒާމު، ތަޢާރަފުވި ދުވަހު، ރައްޔިތުން އުންމީދު ކުރަމުން ދިޔަ ބަދަލު ތަކެވެ. ދެކެމުންދިޔަ ހުވަފެން ތަކެވެ.

ސުވާލަކީ، މި ހުވަފެނުގައި ކުލަޖެހެން މިހާދުވަސް މި ނެކީ ކީއްވެ ހެއްޔެވެ؟ އޭގެ ޖަވާބު ކިތަންމެހާވެސް ސާފެވެ. މިއަދާ ހަމައަށް، އިޚުލާސްތެރި ކަމާއެކު، މި ބާރުތައް، ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަން ކެރުނު ސަރުކާރެއް ނެތީއެވެ. އެފަދަ އިޚުލާސްތެރި ހިތެއް ނެތީއެވެ. ބާރުތައް މުށުތެރޭން ނެރެ، ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަން ކެރެނީ މަދު ފަހަރަކު މަދު ލީޑަރަށެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ވަޢުދަކަށް މިކަންވެގެން ދިޔައިރު، އެ ޕާޓީ ލީޑުކުރި ކޮއެލިޝަނުން ނެރުނު، ރިޔާސީ ކެންޑިޑޭޓުގެ މިދެންނެވި ވަޢުދު،ފުއްދޭ ވަގުތަކީ، މޮހޮނަށް ދޯނި ދޭގޮތަށް ބައްޓަންވެފައި އޮތް، ކައުންސިލް ނިޒާމު، އާ ހަޔާތަކަށް ފުރޮޅިލާނެ ވަގުތެވެ. ކުރިން ފެންނާން އޮތް މަންޒަރު އެފުށް މިފުށަށް، ޖެހޭނެ ދުވަހެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
43%
43%
0%
0%
0%
14%
ކޮމެންޓް