ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 16:44
ވެމްކޯގެ އަންހެންވެރިން މާލޭގެ މަގުތައް ސާފުކުރުމުގައި
ވެމްކޯގެ އަންހެންވެރިން މާލޭގެ މަގުތައް ސާފުކުރުމުގައި
މޯލްޑިވްސް އިންޑިޕެންޑެންޓް
ވެމްކޯ
މާލެ ސަޅިކޮށްލަނީ މި އަންހެންވެރިންގެ ބުރަ މަސައްކަތުން!
 
ހިމަފޮދު ވާރެޔާ ތެމިގެންވެސް މަސައްކަތް ކުރުމުގައި އުޅެނީ އަވަދަނެތިކޮށް

ހެނދުނު ހެނދުނާ މާލޭ މަގުމައްޗަށް ނިކުމެގެން ހިނގާލާއިރު ފެންނަނީ މަގުތައް ޗާލުކޮށްލާފައި އޮންނަ ތަނެވެ. ރޭގަނޑު ކުނިން ''ހަރާބު'' ވެފައި އޮންނަ މަގު ހެނދުނު ކުނިކޮޅެއްގެ ނިޝާނެއްވެސް ފެންނާކަށް ނުހުރޭއެވެ.

އެހާ ރީތީކޮށް މަގުތައް އޮންނަ ސަބަބު ހޯދަން ވެގެން ރޭގަނޑު 11:30 ގައި އަޅުގަނޑާއި ކެމެރާމަން އާއި ދެމީހުން މަގުމައްޗަށް ނިކުމެ ހުރަވީ ބިލްޑިންއާ ދިމާލަށް ހިނގައިގަތީ ރޭގަނޑު އެންމެން ގަދަ ނިދީގައި ތިބޭއިރު މާލޭގެ މަގުތައް ސާފުކުރަން ނިކުންނަ ވެމްކޯގެ ''ނައިޓް އެންޖެލް'' އެއްގެ އިންޓަވިއު ހޯދަންވެގެންނެވެ. އެތަނުން އެންމެ ފުރަތަމަ ފެނުނީ ބިޒީކޮށް ކުނިކަހަމުން ދިޔަ ޒުލޭހާ އައިޝަތުއެވެ.

ކޮންމެ ރެއެއްގެ އެގާރަ ޖަހާއިރަށް ހުރިހާ އަންހެންވެރިން ޖަމާވަނީ އެމީހުންނަށް ހާއްސަކޮށްފައިވާ ސަރަހައްދު ނުވަތަ އެމީހުން ކިޔާގޮތުންނަމަ ''ސްޓޭޝަން'' ތަކަށެވެ.

ޒުލޭހާ ބުނީ ''10:45 އަށް އަންނަން ޖެހޭނެ އެއީ ފަނަރަ މިނިޓް ކުރިން. އައިސްފައި ހަމަ ސޮއިކޮށްލާގާ އެގާރަ ޖަހާއިރު ސްޓާޓް ކުރަން ޖެހޭނެ'' އެވެ.

އެގާރަ ޖަހާއިރު ފަށާ މަސައްކަތް ނިމެނީ ފަތިހު ފަހެއް ޖަހާއިރުއެވެ. މަސައްކަތް ނިންމާލާއިރު ''ބްރޭކް'' އަށް ލިބެނީ އެންމެ 15 މިނިޓެވެ. ޒުލޭހާ ބުނީ، ކުރިން ބްރޭކަށް 30 މިނިޓް ލިބުނަސް މިހާރު ލިބޭ 15 މިނިޓް ބްރޭކްގައި ގިނަ ފަހަރު ވަރުބަލިވެސް ނުފިލާ ކަމަށެވެ. ޒުލޭހާ މަސައްކަތް ކުރާ ޒޯނުގައި 19 އަންހެންވެރިން އޭނާއާ އެކު މަސައްކަތް ކުރާއިރު އެމީހުން ބަހާލެވިފައިވަނީ ކޮންމެ ތިން އަންހެނަކު އެއް މަގަށެވެ.

މަސައްކަތުގައި އެންމެން ބުރަކޮށް އުޅޭ ގަޑީގައި ވާރެވެހެން ފަށައިފިނަމަ ވަންނާނެތަން ނެތުމުން އަންހެންވެރިންނަސް ގިނަ ފަހަރު އުދަގޫ ތަކާކާއި ދިމާވެއެވެ.

ދެން އަހަރުމެން މިސާލަކަށް އެތިބި ދިމާލެއްގައި ހިޔާވަނެ ތަންކޮޅަކަށް ދުވަނީ ހިޔާވަން. މިސާލަކަށް މި ހިސާބުގައި ވެއްޖެޔާ ހުރެވިގެން ނޫނީ ވެލާނާގެ އެހެން ތަންތަނުގައި ވެއްޖެއްޔާ ހިޔަވާނީ ކޮންތަނެއްގައިތޯ؟ ވަންނާނެ ތަނެއްނޯވޭ.
ޒުލޭހާ އައިޝަތު ~ ވެމްކޯގެ އަންހެން ކަނބަލެއް

ބައެއް ފަހަރު ވާރެޔާ ހިޔާވުމުގެ ގޮތުން އަންހެންވެރިން ބޯހިޔާ ކުރުމަށް ޑަސްބިންކޮތަޅުވެސް ބޮލުގައި އަޅަން ޖެހޭއެވެ.

ޒޯން ނުވައެއްގައި ވަރަށް ބުރަކޮށް މަސައްކަތުގައި އުޅެމުން ދިޔަ އައިޝަތު ވަރުދާ ބުނީ، އޭނާގެ ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް ގޮސް ގްރޭޑް އަށެއްގައި އުޅޭ އޭނާގެ ދަރިފުޅަށް ސައިހަދާފައި ސްކޫލަށްލާފައި އަރާމުކުރަން ލިބެނީ އެންމެ ހަތަރު ގަޑިއިރުކަމަށެވެ. ބާރަ ޖެހުމުން ވަރުދާ އަވަސްވެގަންނަނީ ދަރިފުޅު ސްކޫލަށް ބަލާދިޔުމުގެ އިތުރުން އެހެން ކަންތައްތަކުގައެވެ.

ޒުލޭހާ އައިޝަތު ރާއްޖެ.އެމްވީ އަށް އިންޓަވިއުދެނީ -- ފޮޓޯ: ރާއްޖެ.އެމްވީ

މާލެތެރެ ސާފުކުރަން މަސައްކަތްކުރާ ވެމްކޯގެ ހުރިހާ އަންހެންވެރިންނަށް އޮފް ދުވަހެއްގެ ގޮތުގައި ލިބެނީ އަންގާރަ ދުވަހެވެ.

ސިކް ލީވް އާއި އަހަރީ ޗުއްޓީ ނުވެއް ހިމެނެއެވެ.

ވަރުދާ ބުނީ، އޮފް ދުވަސް ހުކުރު ދުވަހަށް ބަދަލުކުރުމަށް މީގެ ކުރިންވެސް އެދުނު ކަމަށެވެ. ވެމްކޯ އުފެދިނީއްސުރެ އެތަނުގައި މަސައްކަތް ކުރާ ވަރުދާ ބުނީ، އަހަރެއްގެ ތެރޭގައި ވާރެވެހިގެން މަސައްކަތަށް ނުނިކުމެވުނީ އެންމެ ރެއެއްގެ ކަމަށާއި، އެހެން ނޫނީ ހިމަފޮދުވާރެގައިވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އޭނާ އެރޭ މަސައްކަތް ނުކިނުންނަށް ޖެހުނު ސަބަބު ކިޔާދިނެވެ.

އެއްރޭ ވިއްސާރަ ވެހުނު ރޭއެއްގައި އެމްޑީ ވިދާޅުވީ ކަމަށްވަނީ ކުނިކަހާ އަންހެނުން މަގުމައްޗަށް ނުނެރޭތިއޭ މިރޭގައި. އަނެއް ކެންސަލް ކޮށްލާށޭ. އެރޭގައި ގޭގައި ތިއްބާ. ކިތަންގެ ބޯކޮށް ވާރެވެހުނަސް ނިކުންނަށް ޖެހޭ.
އައިޝަތު ވަރުދާ ~ ވެމްކޯގެ އަންހެން ކަނބަލެއް

ވަރުދާމެން ސަރަހައްދުގައި މަސައްކަތް ކުރާ ގްރޫޕްގެ މީހުން ވާރޭވެހިގެން ގެއަށް ފޮނުވާލާފައިވަނީ ހަތަރު ރޭއެވެ. އޭނާ ބުނީ، ކުނި ނުކެހޭނެ ހެން ހީވާ ގިނަ ރޭތަކުގައިވެސް ކުނި ކަހަން ތިބެންޖެހޭ ކަމަށެވެ.

ވަރުދާގެ ނަޒަރުގައި، ރޭގަނޑު ނުނިދާ ހޭލާ ތިބެގެން ކުރާ މަސައްކަތަށް ލިބޭ މުސާރައަކީ މިންވަރުން ކުޑަ މުސާރައެކެވެ.

7500 ރުފިޔާ އަސްލު މަދު. ކުރީގައި ބުނި ފުލް މުސާރައަކީ އެއީއޭ. އެކަމަކު މިހާރު އިންނަނީ ބޭސިކް އެލަވެންސް ކިޔައިން ގޮތަކަށް މުސާރަކަމަށް ކަނޑައަޅާފައި އަސްލު އިންނަނީ 2000 ރުފިޔާ.
އައިޝަތު ވަރުދާ ~ ވެމްކޯގެ އަންހެން ކަނބަލެއް
ވަރުދާ ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ވެމްކޯގެ ހިތްވަރުގަދަ އަންހެން ކަނބަލުން ބުނާ ގޮތުންނަމަ ރޭގަނޑު ކުނި ކަހަން ދާއިރު އެންމެ ދަތިކަމަށްކަށް ދިމާވަނީ އެއް ސަރަހައްދަކަށް މާ ގިނަ ކުނި ޖަމާކޮށްފައި ހުންނާތީއެވެ.

އެތަނުން އެއް ސަރަހައްދަކީ ޖިންސުއްލަތީފް ފިހާރަކަން ފާހަގަކުރަމުން އަންހެނަކު ބުނީ، އެ ތަނުގައި ބިދޭސީން ދިރިއުޅޭ ގެއިން ވަރަށް ގިނަ ކުނި ބޭރުކޮށްފައި ހުންނަ ކަމަށާއި، އޭގެ ސަބަބުން އުދަގޫ ތަކާއި ދިމާވާ ކަމަށެވެ. އެމީހުންނަކީ އަންހެނުންނާވާތީވެ ބައެއް ފަހަރު ޖިންސީ ފުރުއްސާރައާވެސް ދިމާވެއެވެ. އެގޮތުން ބައެއް މީހުން އެމީހުން މަގުމަތީގައި ކުނިކަހަން ތިބޭއިރު ސައިކަލް މަޑުކޮށްލުމަށްފަހު ސައިކަލަށް އަރަން ބުނާ ކަމަށް ބައެއް އަންހެންވެރިންގެ ވާހަކައިން ވަނީ ހާމަވެފައެވެ. އެފަދަ މައްސަލަތައް އެމީހުން ވަނީ މީގެ ކުރިން ފުލުހަށްވެސް ހުށައަޅާފައެވެ.

ކުރިން ކުނިކެހުމަކީ މީހުންގެ މެދުގައި ހަޑި މަސައްކަތެއް ގޮތުގައިވިޔަސް ފަހަކަށް އައިސް އެ މަސައްކަތް ދަނީ ދުވަހެއް ދުވަހަކަށް މީހުން ބަލައިގަންނަ މަސައްކަތަކަށްވަމުންނެވެ.

ކުރިން ވާހަކަ ދައްކާލި ވަރުދާ ވަނީ އެކަން ކިޔާދީފައެވެ. ވަރުދާ ބުނީ، މިހާރު ކުނިކަހަން ނިކުންނަ އަންހެނުން އިހުނަށްވުރެ ގިނަވެގެން އަންނައިރު އެހެން މީހުންގެ ފަރާތުން ތައުރީފް ލިބެމުން އަންނަ ކަމަށެވެ. އެ ދާއިރާއަށް ނިކުމެ ގައުމީ މަސައްކަތެއްގެ ގޮތުގައި އެކަން ކުރަން ބޭނުންވާ މީހުންނަށް ވަރުދާ ދޭން ބޭނުންވާ މެސެޖަކީ ފައިސާ ހޯދުމަށް ކުނިކެހުމަކީ ވެސް ހަޑި ކަމެއް ގޮތުގައި ނުދެކުމަށެވެ.

މުޅި މާލެ ސާފު ތަނެއްގެ ގޮތުގައި ފެންނަނީ ޒުލޭހާ އާއި ވަރުދާ ފަދަ އެތަކެއް އަންހެނުންގެ ބުރަ މަސައްކަތުންނެވެ. މުޅި މާލެއަށް ލުއިކަން ލިބި، އެންމެ ތަންމަތީގައި އޮށޯވެ ނިދާއިރު، މި އަންހެން ކަނބަލުން މަގުތަކަށް ނުކުމެ ކުރާ ބުރަ މަސައްކަތަކީ މިއީ އެވެ. ހެނދުނު އެންމެންތަށް ހޭލަންވައިރަށް މުޅި މާލޭގެ މަގުތަށް ސާފުކޮށްލާ ބުރަ މަސައްކަތްތެރިންނަކީ މިއީ އެވެ. ހަމަ ހަޤީޤަތުގައިވެސް މި މީހުންނަށް ތައުރީފް ހައްޤު އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
83%
0%
11%
6%
0%
ކޮމެންޓް