ކ. މާލެ
|
13 މާރޗް 2017 | ހޯމަ 16:13
މަރާލައިފައިވާ ކިމް ޖޮން ނަމް
މަރާލައިފައިވާ ކިމް ޖޮން ނަމް
ގޫގުލް
ކިމް ޖޮން ނަމް މަރާލުން
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
 
މަރާލި އުތުރު ކޮރެއާގެ ރައްޔިތަކީ ކިމް ޖޮން ނަމް ކަން މެލޭޝިއާގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައި

މެލޭޝިއާގެ އެއާޕޯޓެއްގައި މަރާލާފައިވާ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން ފިންގާ ޕްރިންޓް ޑޭޓާ އަދި އެހެނިހެން ވެސް މައުލޫމާތު މެލޭޝިއާ އަށް ފޯރުކޮށްދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކިމް ޖޮން ނަމްގެ ފިންގާޕްރިންޓް މައުލޫމާތު ޖަޕާނަށް ލިބުނު ލިބުމާ ގުޅޭ ގޮތުން، ޖަޕާނުގެ ކިއޯޑޯ ނޫސް އެޖެންސީން އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ، ފިންގާޕްރިންޓް މައުލޫމާތު ލިބުނީ 2001 ވަނަ އަހަރު ޖަޕާނަށް ކިމް ޖޮން ނަމް ފޭކް ޕާސްޕޯޓެއްގައި ވަންނަން އުޅުމާ ގުޅިގެން، ނަރީޓާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން އޮފިޝަލުން އޭނާ ހައްޔަރު ކުރުމާ ގުޅިގެން ކަމަށެވެ. މީގެ އިތުރުން ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ކިމް ޖޮން ނަމްގެ "ފިޒިކަލް ކެރެކްޓެރިސްޓިކްސް" އަދި ކިމް ޖޮން ނަމްގެ "މަގްޝޮޓް" ހިމެނޭ ގޮތަށް، މެލޭޝިއާގެ ތަހުގީގުކުރާ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކިމް ޖޮން ނަމް ޖަޕާނަށް އެތެރެވުމަށް މަސައްކަތް ކުރީ އޭނާ ބުނި ގޮތުން ޓޯކިއޯގެ ޑިޒްނީލޭންޑް އަށް ޒިޔާރަތް ކުރުމަށެވެ.

މިދިޔަ މަހު މެލޭޝިއާގެ އެއާޕޯޓެއްގައި މަރާލި އުތުރު ކޮރެއާގެ ރައްޔިތަކީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ކަން މެލޭޝިއާގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މެލޭޝިއާ ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ހާލިދް އަބޫބަކުރު ހުކުރު ދުވަހު މިކަން ނޫސްވެރިންނަށް ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މިހާރު ގާނޫނީ ގޮތުން، އެއީ ކިމް ޖޮން ނަމް ކަން ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން މެލޭޝިއާ ފުލުހުން ކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ ކިމް ޖޮން ނަމް ކަން ފުލުހުން ކަށަވަރުކޮށްފައި ވަނީ ކިހިނެއްކަން ތަފްސީލްކޮށްދެވޭކަށް ނެތް ކަމަށާއި އެއީ "މަންޒަރުދުށް މީހުންގެ" ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލާފައި ވަނީ ދެ އަންހެނުން ވެގެން ކިމް ޖޮން ނަމް ގައިގައި ބާރުގަދަ ވިހައެއް ހާކައިގެންނެވެ. މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލައިފައި ވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ދެއަންހެނަކަށް މެލޭޝިއާއިން ދައުވާ އުފުލާފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ. ފުލުހުން ދަނީ އުތުރު ކޮރެއާގެ ހަތް ރައްޔިތަކު ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް ހޯދަމުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އެމީހުންގެ ގައުމު، އުތުރު ކޮރެއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަނެއް ތިން މީހުންނާ މެލޭޝިއާ ފުލުހުން ތަހުގީގަށް މައުލޫމާތު ސާފުކުރަން ބޭނުންވާއިރު އެމީހުން ތިބީ ކުއަލަ ލަމްޕޫރުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް