ކ. މާލެ
|
13 މާރޗް 2017 | ހޯމަ 16:06
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބު ޖަހަނީ
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބު ޖަހަނީ
ގޫގުލް
އިރާގުގެ މޫސަލް
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
 
އިރާގުގެ މޫސަލްގައި ހުރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީ މޫސަލް އިން ވަނީ "ފިލައިފި"

އިރާގު މޫސަލްގައި ބާކީ ތިބި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އެ ސިޓީގައި ވާނީ މަރު ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން އޮޕަރޭޝަން ކޯޑިނޭޓު ކުރަމުން ދާ މަންދޫބު ބްރެޓް މެކްގާކް ވިދާޅުވެއްޖެއެވެ.

އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކޯލިޝަންގެ ސީނިއާ އެމެރިކާ އޮފިޝަލެއް މިހެން ވިދާޅުވިއިރު އިރާގު ސިފައިން މިހާރު ވަނީ މޫސަލް އިން ބޭރުވުމަށް މިހާރު އޮތް ހަމައެކަނި މަގު ބަންދުކޮށްފައެވެ. އެހެންކަމުން އައިއެސްގެ ހަނގުރާމަވެރިން މިހާރު ވަނީ މޫސަލްގައި ތާށިވެފައެވެ.

އިރާގު އަސްކަރިއްޔާ އިން މިހާރު މޫސަލްގެ އިރުމަތީ ސަރަހައްދު ކޮންޓްރޯލް ކުރާއިރު، އެމެރިކާ އިން މަދަދުދީގެން މާޗް މަހު އިރާގު ސިފައިން އައިއެސްއާ ދެކޮޅަށް ދިން ހަމަލާތަކުގައި، މޫސަލްގެ ހުޅަނގުގެ މައި ސަރަހައްދުތަކުން އައިއެސް ވަނީ ފައްސާލާފައެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތްދަށުން މޫސަލް އަތުލުމަށް އިރާގު ސިފައިން އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހުކުރު ދުވަހު، ހުޅަނގު މޫސަލްގެ އެތެރެއަށް ބޮޑަށް ދަތުރުކޮށްފައިވާ ކަމަށާއި އަދި ހަނގުރާމަވެރިންގެ ހަމަލާތައް މިހާރު މަދުކަމަށް ފެންނަ ކަމަށް އިރާގު ކޮމާންޑަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.

އިރާގުގެ މޫސަލްގައި ހުރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީ މޫސަލް އިން "ފިލައިފި" ކަމަށް އެމެރިކާގެ އޮފިޝަލުން ދާދިފަހުން ވަނީ ބުނެފައެެވެ. އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ބަޣްދާދީ "ފިލާފައިވާ" ކަމަށް ބެެލެވެނީ އޭނާގެ ބާރުތައް މޫސަލްގައި ތިބޭ އައިއެސް ކޮމާންޑަރުންނާ ހަވާލުކޮށްފައެވެ. އެމެރިކާ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނަނީ ބަޣްދާދީ މޫސަލްއިން ފިލާފައި ވަނީ އިރާގު ސިފައިން މިމަހުގެ ކުރީކޮޅު މޫސަލްގެ މައި މަގު ހިފުމުގެ ކުރިންނެވެ. ސީރިޔާގެ ބިންތަކާއި، އިރާގުގެ ބިންތައް ހިމެނޭ ގޮތުން އިސްލާމިކް ސްޓޭޓްގެ ނަމުގައި "ޚިލާފަތެއް" އުފެއްދިކަން ބަޣްދާދީ އިއުލާން ކުރީ 2014 ވަނަ އަހަރު މޫސަލްގެ މިސްކިތެއްގައެވެ.

އިރާގު ސިފައިން މޫސަލްގެ ތިގްރިސް ކޯރުމަތިން އަޅާފައިވާ އަލް ހުއްރިއްޔާ ބްރިޖް ވެސް ދާދިފަހުން ވަނީ ހިފާފައެވެ. އައިއެސްގެ އަތްދަށުން މޫސަލް އަތުލުމަށް އިރާގު ސިފައިން އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި، ހުއްރިއްޔާ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ އަތްދަށަށް ގެނައުމުން އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ފަސް ބްރިޖްގެތެރެއިން ދެ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް އައީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް