ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 18:12
އާޖެންޓީނާ އަދި ޖަރުމަނު ބައްދަލުކުރި މެޗުގެ ތެރެއިން
އާޖެންޓީނާ އަދި ޖަރުމަނު ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އެކުވެރިކަމުގެ މެޗު
ފަހަތުން އަރައި އާޖެންޓީނާއިން ޖަރުމަނު މޮޅުވިޔަ ނުދީ ހިފަހައްޓައިފި
 
މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާ އަކުން

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ބުދަ ދުވަހުގެ ރޭ އާޖެންޓީނާ އާއި ޖަރުމަނު ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޖަރުމަނުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.

މި މެޗު ފަށައިގެން ޖަރުމަނުން ވަނީ ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އާޖެންޓީނާގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީއެވެ. މި ލަނޑާ އެކު ގްނަބްރީ ވެގެން ގޮސްފައިވަނީ 11 މެޗުން ގައުމީ ޓީމަށް 10 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި ލަނޑަށްފަހު ވެސް ޖަރުމަނު ކުޅުންތެރިންގެ ފަރާތުން މޮޅު އެޓޭކިންގ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 22 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާއީ ހަވާޓްޒްއެވެ. އޭނާ މި ލަނޑު ޖެހީ ގްނަބްރީގެ އެހީތެރިކަމާއި އެކުގައެވެ. މިއީ ހަވާޓްޒް ޖަރުމަނުގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އާޖެންޓީނާއިން އެޓީމުގެ ކުޅުން ރަނގަޅުކުރި އިރު އެޓީމުން ވަނީ މި ހާފުގައި ޖަރުމަނުގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ.

އާޖެންޓީނާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް އަލާރިއޯ އެވެ. މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ ފަހު ވަގުތު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް އޮކަމްޕޯސް އެވެ. މިއީ އޭނާ އާޖެންޓީނާގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް