ކ. މާލެ
|
10 އޮކްޓޯބަރ 2019 | ބުރާސްފަތި 13:49
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުން
ގޫގުލް
ޝަރުއީ ދާއިރާގެ ގެއްލިފައިވާ އިތުބާރު ހޯދޭނީ ސުޕްރ
ޝަރުއީ ދާއިރާގެ ގެއްލިފައިވާ އިތުބާރު ހޯދޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށްގެން : ރިޕޯޓް
 
ޝަރުޢީ ދާއިރާ ހަރުދަނާކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ވައުދުވެފައިވާ ކަމެއް
 
ސްޕްރީމް ކޯޓަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި އެ ކޯޓު ފެއިލްވެފައިވޭ
 
ރިޕޯޓްގައި އިޝާރާތްކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަށް

ސުޕްރީމް ކޯޓުން ޤާނޫނު އަސާސީއާ ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، އެ އިތުބާރު އަލުން ހޯދޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކޮށްގެން ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާކޮށް ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހްޔާން ކްރީގްލާ ނެރުއްވި ރިޕޯޓުގައި ބުނެފިއެވެ.

ކްރިގްލާގެ ރިޕޯޓްގައި އިޝާރާތްކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަށެވެ. އަދި ފަހުން އެ ކޯޓަށް ޢައްޔަން ކުރި އައިޝާ ޝުޖޫނާއި ޑރ. އަޒްމިރަލްޑާ ޒާހިރުގެ ވާހަކަ މި ރިޕޯޓުގައި ނުހިމެނެއެވެ.

"އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި ބުނެފައިވަނީ ޤާނޫނު އަސާސީން ސްޕްރީމް ކޯޓަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި އެ ކޯޓު ފެއިލްވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ ޑިމޮކްރެޓިކް ވެރިކަމެއް ކުރުމަށް އޮތް ހުރަހެއް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކްރީގްލާގެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުން ޝަރުއީ ދާއިރާއަށް އިތުރުބާރު ނުކުރާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ސުޕްރީމް ކޯޓް ކަމަށެވެ. މީގެ އިތުރުން ސިޔާސީ ގޮތުން ކަންކަން ކުރުމަށް އެއިރު ވެރިކަމުގައި ހުންނެވި ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެތައް ކަމެއް ކުރުވި ކަމަށް ވެސް މި ރިޕޯޓުގައިވަނީ ބުނެފައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެކި އެކި ކަންކަމުގައި ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ އިރު، މީގެ ތެރޭގައި ސިޔާސީ ގޮތުން އައި ކޮރަޕްޝަން ވެސް ހިމެނޭކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ ކޮރަޕްޝަންގެ ކަންކަމުގެ ތުހުމަތު ކުރެވުނީ އެއިރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަމަށް ވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ސުޕްރީމް ކޯޓު ސިޔާސީ ކަންކަމުގެ ތެރެއަށް ވަތްކަމުގެ ކަންބޮޑުވުންތައް އެންމެބޮޑަށް އައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިކަންކަން އެންމެ ބޮޑުވެގެން ދިޔަކަމުގެ އަޞްލަކީ ފެބްރުއަރީ 2018 ގައި އެއިރުގެ ސަރުކާރުން ނެރުނު ކުއްލި ޙާލާތާއި ގުޅިގެން ކަމަށް ވެސް ބުނެފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ ފެބްރުއަރީގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންނާ ވެސް ވާހަކަ ދައްކަން މަސައްކަތް ކުރި ކަމަށާއި، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވެސް ވާހަކަދައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަރާތްތަކުން އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ޤާނޫނާ ޚިލާފް އެތައް ކަމެއްކޮށްފައިވާތީ އެ ކޯޓަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ބިރެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބާ ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ޝަރުއީ ދާއިރާ މިނިވަން ކުރުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓުސް (އައިސީޖޭ) އިންނާއި ސައުތު އޭޝިޔަން ފޮރ ހިއުމަން ރައިޓްސް (އެސްއޭއެޗްއާރު) ގުޅިގެން 2015 ވަނަ އަހަރު ނެރުނު ފެކްޓް ފައިންޑިން ރިޕޯޓްގައި ގޮވާލާފައި ވީނަމަވެސް، އެކަންކަން އިޞްލާޙުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި މުޅި ޝަރުއީ ދާއިރާގެ އޮޑިޓެއް ހަދައި، އެ ދާއިރާގެ ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ވައުދުވެފައިވާ ކަމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް