ބުދަ 25 ނޮވެންބަރު 2020
12 ނޮރަ
1442 ރަބީޢުލްއާޚިރު 09
ފަތިސް 04:38
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:17
އިރުއޮއްސޭ 17:52
އިޝާ 19:08
19 ވަނަ ރައްޔިތުންގެ މަޖިލިސް

ބަޔަކު ހުރަސްއެޅިނަމަވެސް، މަޖިލީހުން ބިލްތަކުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހުރަހެއް ނެތް: ރައީސް ނަޝީދު

  • ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީތަކުން ވަނީ ފަށާފައި
  • އާ ގަވާއިދުގެ ދަށުން މި ކަމަށް ހުރަހެއް ނެތް ކަމަށް
  • އެ މަސައްކަތް ހިނގަމުން ދަނީ ކޮމިޓީއެއްގެ މަސައްކަތެއްގެ ގޮތުގައި

ކ. މާލެ | 9 އޮކްޓޯބަރ 2019 | ބުދަ 14:22 | 5,080

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ޤާނޫނު އަސާސީގެ މާއްދާއެއް ވިދާޅުވަނީ - މަޖިލިސް

މަޖިލީހުން މިހާރު އަމަލުކުރަމުން އަންނަ އާ ގަވާއިދުގައިވާގޮތުން އަޢުލަބިއްޔަތު އޮންނަ ޕާޓީއަށް ހުރަސްއެޅުމަށް ސަރުކާރު އެހެން ގޮތަކަށް އޮތް ކަމުގައި ވީނަމަވެސް، އެ ޕާޓީއަށް މަޖިލީހަށް ބިލް ހުށަހެޅޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލްތައް ސީދާ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ޑްރާފްޓްކުރުމުގެ މަސައްކަތްތަކެއް ކުރަން ފެށުމާއެކު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެކަމާ ނުރުހުން ފާޅު ކުރައްވާ ޓުވީޓެއް ކުރައްވާފައި ވަނިކޮށެވެ.

އޭޖީ ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޒު ކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތް ކަމަށެވެ. އަދި ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށެވެ. މަޖިލީހުގެ މި ދައުރަށް ސަރުކާރުން ވަނީ 34 ބިލް ހުށަހެޅުމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ޚިޔާލުތަފާތުވެފައި ވަނިކޮށް ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އަޢުލަބިއްޔަތު އޮންނަ ޕާޓީއަށް ބިލް ހުށަހެޅޭނެ ކަމަށެވެ. އަދި އެއީ ސަރުކާރުން އެކަމަށް ހުރަސް އެޅުމަށް ނޫނީ އެހެން ގޮތަކަށް މަސައްކަތް ކުރެއްވިކަމުގައިވީނަމަވެސް އެކަން އެގޮތަށް ކުރުމަށް ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވާއިދު ތަންދޭކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއަކުން މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރަނީ ވައުދުތަކެއްގެ މައްޗަށް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެހެން ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ރައީސަކު ހުންނެވިކަމުގައިވީ ނަމަވެސް، އައުލަބިއްޔަތު އޮންނަ މަޖިލީހުގެ ޕާޓީގެ މެމްބަރުންނަށް ބިލް ހުށަނޭޅޭނަމަ އެ ވައުދު ފުއްދައިދޭން ގާނޫނުތައް ހަދައިދޭން އުދަގޫވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކައް ބިލް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުވެފައި ވަނީ އެފަދަ ފުށު އެރުން ފޫބެއްދުމުގެ ބޭނުމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު މި ދަންނަވާލަނީ ނިޒާމީ ގޮތުން މި ޤާނޫނު އަސާސީ ހަމަޖެހިފައިވާ ގޮތްތައް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ މި ގާނޫނު އަސާސީ އޭގެ ރޫހާއި އެއްގޮތަށް ތަންފީޒް ކުރަމުން. އަޅުގަނޑު މި ދަންނަވާ ހެން އެމްޑީޕީއަކީ މި ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ.

~ ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ މެމްބަރުން ހިމެނޭ ޕާޓީ، ހުށަހަޅާ ގޮތްވެސް އެއީ ސިޔާސީ ޕާޓީއަކުން ބިލް ހުށަހަޅާ ގޮތް ކަމަށެވެ. އެ މަނިކުފާނު ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކޮމިޓީތަކާއި ހަވާލުކުރީ އެ މަގުން މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ބަންޑާރަނައިބްގެ އޮފީހާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އެކީގައި ކަމަށެވެ. އަދި ބިލާއިގުޅޭ އެހެން ސަރުކާރުގެ އިދާރާއެއް ނުވަތަ ވުޒާރާއެއްވާނަމަ އެ ބައެއްގެވެސް އެހީތެރިކަމާއި އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގެވެސް އެހީތެރިކަމާއި އެކީގައި ކަމަށެވެ. މީގެ އިތުރުންއަދި އަމިއްލަ ފަރާތްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކުގެ އެހީގައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަސައްކަތް ހިނގަމުން ދަނީ ކޮމިޓީއެއްގެ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. މަޖިލީހުގެ އިދާރާއިން ނުވަތަ މަޖިލީހުގެ ރިޔާސަތުން ކޮމިޓީއަކަށް މަސައްކަތެއް ފޮނުވީމައި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ނިންމަނީ އެ ކޮމިޓީއަކުން ކަމަށާއި، ކޮމިޓީގެ މަސައްކަތްނިންމުމަށްފަހު، އެ ކޮމިޓީއަކުން އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށް ދަންނަވަން ބިލްތަކުގެ މަސައްކަތް ކުރުމަށް ވަނީ ކޮމިޓީތަކައް ފޮނުވިފައި، ކޮމިޓީތަކުގެ މުގައްރިރުންނަށް ބިލްތަކުގެ މަސައްކަތް ކުރިއަށް ގެންދަންވީ ގޮތް އެގިވަޑައިގަންނަވާނެ.

~ ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް އެއީ މަޖިލީހުގެ މަސައްކަތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.