ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ކްރިމިނަލް ކޯޓު

ރައީސް ޔާމީންގެ ޝަރީޢަތުގެ ޚުލާސާ ބަޔާން އިއްވައި ނިންމައިފި، ޙުކުމް ކުރުން ނޮވެމްބަރު މަހުގެ 5 ގައި!

  • މަނީ ލޯންޑަރިންގެ ދައުވާ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވާ މިންވަރަށް ކަނޑައެޅުމަށް ދައުލަތުން ވަނީ އެދިފައި
  • ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި ހުށައެޅީ އެންމެ ހެއްކެއް
  • ދައުލަތުގެ ފަރާތުން ހުށައެޅީ އަށް ހެކި

ކ. މާލެ | 9 އޮކްޓޯބަރ 2019 | ބުދަ 17:13 | 13,040

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރާއްޖެ އެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީޢަތުގެ ޚުލާސާ ބަޔާން އިއްވައި ނިންމައިފއެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށްކުރާ ދަޢުވާގައި ވަނީ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމާއި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އެފައިސާގެ އަޞްލު އޮޅުވާލާފައިވާ ކަމަށެވެ. ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯފު ޗެކެއް މެދުވެރިކޮށް ޖަމާވެފައިވާ ފައިސާއަކީ ގއ. ވޮޑަމުލާ ނަމަކަށް ކިޔުނު ފަޅުރަށް ކުއްޔަށް ދޫކުރުމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ޝަފަހީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާތާއި، މުޙައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުޙައްމަދު ލުވެއިޒް އާއި މުޙައްމަދު ޝަރީފެވެ.

ހެކިބަސް ދެެއްވަމުން މުއައްވިޒު ވިދާޅުވެފައިވަނީ އެއްބަސްވުމުގައި ވާނީ ވަކި ފައިސާއެއް އެ އެކައުންޓަށް ޖަމާކުރަން ކަމަށާއި ޖަމާކުރަން ޖެހޭނީ އެސްއޯއެފްއިން ޖަމާކުރި ފައިސާ ކަމަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ޖަމާކުރެއްވީ އެހެން ފައިސާއެއް ކަމަށެވެ. އެސްކްރޯ އެކައުންޓަށް ޖަމާވާން ޖެހެނީ ކޮން ފައިސާއެއްކަން އެއްބަސްވުމުގައި އެބައޮތް ކަމަށާއި މި އަހަރުގެ މާޗް މަހުގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް އެ އެއްބަސްވުމުގައި އޮތް ނަމަވެސް ގޮތް ކަނޑަނޭޅި އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ނޫން އެހެން ފައިސާއެއް އެ އެކައުންޓަށް ޖަމާކުރުމުން ކަމަށް ވިދާޅުވިއެވެ. އަދި އެކަން ރައީސް ޔާމީނަށް ވެސް އަންގަވާފައިވާނެ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

މުއައްވިޒު ވިދާޅުވީ އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާއި ބެހޭގޮތުން އެމަނިކުފާނާއި އެ ކޮމިޝަނުން ސުވާލުކުރި ކަމަށާއި އެ ފައިސާއަކީ ސިޔާސީ ކަންކަމަށް ޚަރަދު ކުރަން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ ޙަވާލު ކޮށްފައިވާ ފައިސާކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެކޮމިޝަނަށް ފެންނާތީ ފައިސާ ޙަވާލުކުރަން ރައީސް ޔާމީންގެ ކިބައިން އެދުނު ކަމަށް ވިދާޅުވިއެވެ. އަދި އެސްކްރޯ އެކައުންޓެއް ޔާމީނާއި އެ ކޮމިޝަނާއި ދެމެދު ހަދަން ނިންމީ އެމަނިކުފާނުގެ އެދިލެއްވުމަށް ކަމަށާއި ނަމަވެސް އެކައުންޓަށް ޖަމާކުރެއްވީ އެހެން ފައިސާއެއް ކަމަށް މުއައްވިޒު ވިދާޅުވިއެވެ. އެކަން އެނގުނީ ޝައްކުކުރެވޭ ކަންތައްތަކެއްހުރި ކަމަށް ބުނެ އެކަމުގެ މަޢުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) އިން އެކޮމިޝަނަށް ފޮނުވުމުން އެ ކޮމިޝަނުން އިތުރަށް ބެލިބެލުމުން ކަމަށް ވިދާޅުވިއެވެ.

ޝަރީއަތުގައި ރައީސް ޔާމީންގެ ވަކީލުން -- ފޮޓޯ: ރާއްޖެ.އެމްވީ

ރައީސް ޔާމީން މީގެކުރީ އަޑުއެހުމުގައި ވަނީ އެމަނިކުފާނުގެ ނަންފުޅުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ކެމްޕެއިން ފައިސާ ކަމަށެވެ.

ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސަކަށް ހުންނެވުމާއެކު ކެމްޕެއިން ފައިސާ އޭނާ ގެންގުޅުއްވާ ކަމަށާއި ކެންޕެއިނަށް ލިބޭ ފައިސާއަކީ ފަންޑު ރެއިސްކޮށްގެން ހޯދި ފައިސާ ކަމަށެވެ. އެ ފައިސާ ބޭނުން ކުރަނީ ކެމްޕެއިނެއް ކައިރިވުމުން ކަމަށާއި މީހެއްގެ އަތުން ލިބެނީ ވެސް އެއް ލައްކަ، ދެ ލައްކައެއްހާ ރުފިޔާ ކަމަށެވެ. އަދި މިލިއަނުން ފައިސާ ނުލިބޭ ކަމަށެވެ.

ހެކިބަސް ދެއްވަމުން ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ފަރާތުން އޯޑަރު ލިބިލެއްވި ކަމަށެވެ. އެކަމުގެ ކިތާބީ ހެއްކެއް ނުހުންނާނެ ކަމަށާއި މުޢާމަލާތްތައް ކުރީ ރައީސް ޔާމީނާއި ފޯނުން ގުޅުއްވައިގެން ކަމަށެވެ.

ޒިޔަތު ވިދާޅުވީ ގއ. ވޮޑަމުލާ ދޫކޮށްގެން ލިބުނީ އެއް މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ އެއް މިލިއަން ޑޮލަރުގެ ޗެކު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމަށް ޙަވާލުކުރީ އެސްއޯއެފް ކުންފުނީގެ އަޙްމަދު އިޝްފާހު ޢަލީއާ ކަމަށާއި އެގޮތަށް ކަންތައްތައް ކުރެއްވީ އަދީބު މާލޭގައި ނެތުމުން، ޗެކު އިޝްފާހުއާ ޙަވާލު ކުރަން އަދީބު އެންގެވުމުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތު -- ފޮޓޯ: ރާއްޖެ.އެމްވީ

ޒަމީރު ހެކިބަސް ދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވީ މުދަލެއް ވިއްކާލައިގެން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކަމަށެވެ. ފައިސާ ޖަމާކުރަން ލަސްވެގެން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު ގުޅުއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީނަށް ދެއްވީ ކީއްވެކަމެއް ޒަމީރު ވިދާޅެއްނުވެއެވެ.

ވަސީމް ވިދާޅުވީ ޒަމީރުގެ ގޯއްޗެއް ދެ މިލިއަން ޑޮލަރަށް ބައްލަވައި ގެންނެވި ކަމަށެވެ. އޭގެ ފަހުން އޭނާ ކުރެއްވި މަސައްކަތަކަށް ބޭނުންފުޅުވެގެން ޒަމީރުގެ އަތުން އަނބުރާ ދައްކާ ގޮތަށް 15 މިލިއަން ރުފިޔާ ނަގުދު ފައިސާ ނެންގެވި ކަމަށް ވަސީމް ބުންޏެވެ.

ޝަރީޢަތުގައި ޝަރީފް ހެކިބަސް ދެއްވަމުން ވިދާޅުވީ އޭސީސީގެ އޭރުގެ ރައީސް ލުޠުފީ އޭނާއަށް ގުޅުއްވުމަށް ފަހު އެސްކްރޯ އެކައުންޓް ގެ ޕްރޮސެސް އޮތް ގޮތް އެއްސެވި ކަމަށެވެ. އަދި ރައީސް ޔާމީނާއި ބީއެމްއެލް އާމެދު އެކްސްކްރޯ އެކައުންޓް ހުޅުވުމަށް ފަހު އެކަން އެނގުނު ކަމަށާއި އެކަމުގައި ޢަމަލީ ގޮތުން ބައިވެރިވެފައި ނުވާނެ ކަމަށެވެ. އެކައުންޓް ހުޅުވުނު ފަހުން ލިޔުމެއް ބޭނުންވާ ކަަމަށް ރައީސް އޮފީހުން ޢާޒިމާ ޝުކޫރު އެދިލައްވާފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ބީއެމްއެލްގެ ބޯޑު މެންބަރު ލުވެއިޒް ވިދާޅުވީ ރައީސް ޔާމީންގެ ފައިނޭންޝަލް ޓްރާންސްއެކްޝަނަކާ ގުޅޭގޮތުން ޢާޒިމާ ގުޅުއްވި ކަމަށެވެ. އޭނާއަކީ މިނިވަން ބޯޑު މެންބަރެއް ކަމަށް ވުމުން އެކަން ބީއެމްއެލްގެ އޭރުގެ ސީއީއޯ އެންޑްރޫ ހީލީގެ ސަމާލުކަމަށް ގެންނެވި ކަމަށާއި އޭގެ ފަހުން އެކަމުގައި އިތުރު އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާ ކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ހައިލަމް -- ފޮޓޯ: ރާއްޖެ.އެމްވީ

ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށައަޅާފައިވަނީ އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުޤީޤު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައެވެ.

ދިފާޢުގައި ރައީސް ޔާމީން ހުށައެޅުއްވީ ހެކީގެ ގޮތުގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް އެކަންޏެވެ. ނަމަވެސް ހެކި ނެގި ޝަރީއަތަށް އަޒީމާ ވަނީ ކޯޓަށް ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވެ ކޯޓަށް ސިޓީއެއް ހުށަހަޅުއްވާފައެވެ.

ކިތާބީ ހެކީގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ދިފާޢުގެ ގޮތުގައި ހުށައެޅުއްވީ އަލްޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރެޑައިސް" ރިޕޯޓުގައި ހުރި ކަންކަން ދޮގުކޮށް އެމްއެމްއޭއިން ނެރުނު ބަޔާނާއި އެމްއެމްއެމްޕީއާރްސީ އާއި އެސްއޯއެފްއާ ދެމެދު ހިނގި މުޢާމަލާތުތަކާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމެއް ވެސް ވަނީ ކިތާބީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށައަޅާފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވަކީލުން -- ފޮޓޯ: ރާއްޖެ.އެމްވީ

ޚުލާސާ ބަޔާން އިއްވަމުން ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި ކުށް ކުރުމުގެ ނިޔަތުގައި ޤާއިމުކޮށްދީފައި ނުވާކަމާއި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކެއް ނެތް މިންވަަރަށް ބުނެވިފައި ނުވާ ކަމަށެވެ.

ޚުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނެފައިވަނީ އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް އެފައިސާ ނޫން އެހެން ފައިސާއެއް އެހެން ފަރާތެއް މެދުވެރިކޮށް ހޯދި އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓުގައި ބެހެއްޓި ކަމަށާއި އެފައިސާގެ އަޞްލު އޮޅުވާލާފައިވާ ކަމަށް ދައުލަތުން ހުށައެޅި ޝަފަހީ ހެއްކާއި ކިތާބީ ހެކިން ހާމަވާ ކަމަށެވެ. އެ ހެއްކަށް ބަލާއިރު ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ޤާނޫނު ޢަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންވާ މިންވަރަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި ދެއްވުމަށް އެދޭކަމަށެވެ.

މި ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވާ ނިމިފައިވާއިރު މައްސަލަ ބައްލަވާ އިސް ގާޒީ އަޙްމަދު ހައިލަމް ވިދާޅުވީ މި ޝަރީޢަތުގައި ދެން އޮންނާނީ ޙުކުމް އިއްވުންކަމަށެވެ. ހުކުމް އިއްވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.