ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 08:52
ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން
ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން
ސަން
ކްލަބްތަކުގެ މާލީ ހާލަތު
ކްލަބްތަކަށް އެހީ ކަނޑާލުމަކީ ޓޭންކެއްގައި ވެލައެއް ބޮޑުކޮށްފައި މޫދަށް ދޫކޮށްލުންފަދަ ކަމެއް: ސުޒެއިން
 
ނިމިދިޔަ ރިޔާސީ އިންތިހާބު ތެރޭގައިވެސް ކްލަބްތަކަށް ފައިސާ ނުދޭނެ ކަމަށް ބުނެފައެއް ނުވޭ

ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކަށް އެހީވުމުގެ ގޮތުން މިދިޔަ ސަރުކާރުން ފެށި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) "އެސިސްޓެންޓްސް ޕްރޮގްރާމް" ހުއްޓާލުމަކީ ޓޭންކެއްގައި ވެލައެއް ބޮޑުކޮށްފައި މޫދަށް ދޫކޮށްލުންފަދަ ކަމެއް ކަމަށް ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ސުޒެއިން ބުނީ، ކްލަބްތަކަށް އިތުރު ގޮތްތައް ހޯދައިނުދީ ކުއްލިއަކަށް ތިން މިލިއަން ރުފިޔާ ނުދޭން ނިންމުމުން އެ ކްލަބްތަކަށް ގެއްލުންވާނެ ކަމަށާއި، ވެލައަށްވެސް ކުއްލިއަކަށް ކަނޑަށް ދޫކޮށްލުމުން ފުރަތަމަ ހަ މަސް ދުވަހު ކައިގެން އުޅޭނެ ގޮތެއް ނޭނގޭނެ ކަމަށެވެ.

ސުޒެއިން ބުނީ، ނިމިދިޔަ ރިޔާސީ އިންތިހާބު ތެރޭގައިވެސް ކްލަބްތަކަށް ފައިސާ ނުދޭނެ ކަމަށް ބުނެފައިނުވާ ކަމަށާއި، އެ ފައިސާ ކުއްލިއަކަށް މި ސަރުކާރުން ކަނޑާލުމަކީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށެވެ.

ކުއްލިއަކަށް ކްލަބްތަކަށް ދެމުން އައި ތިން މިލިއަން ރުފިޔާގެ އިނާޔަތެއް އަންގާލުމެއް އެއްވެސް ކަމެއް ނެތި، ރިޔާސީ އިންތިހާބު ތެރޭގައިވެސް ނުލިބޭނެ ކަމަށް އެއްވެސް އިޝާރާތެއް ނެތި ކުއްލިޔަކަށް ކަނޑާލުން މިއީ ހަމަ އެއްކަލަ ގޭގެ ޓޭންކުގައި ގެންގުޅޭ ވެލައެއް ބޮޑުކޮށްފައި މޫދަށް ދޫކޮށްލުން ކަހަލަ ކަމަކަށް ވާނީ. އެއަށް ނޭގޭނެ ފުރަތަމަ ހަ މަސް ދުވަހު ކައިގެން އުޅޭނެ ގޮތެއްވެސް. ދުނިޔޭގައި އޮތީޔާ އޮތީ. ނެތިއްޔާ ނެތް. އެކަހަލަ ގޮތަކަށް މި ދާނީ
ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން

ކްލަބްތަކަށް ފައިސާ ދޭން ނުޖެހޭ ކަމަށް އެހެން ކުޅިވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިތުރުން އެހެން ތަންތަނުގައި ތިއްބަވާ ނުފޫޒުގަދަ ބޭފުޅުން ވިދާޅުވެދާނެ ކަމަށާއި، އެކި ބޭފުޅުންގެ ވިސްނުން ތަފާތުވެދާނެ ކަމަށް ސުޒެއިން ވަނީ ބުނެފައެވެ.

އެގޮތުން އެކި މީހުންގެ ވިސްނުން ތަފާތުވާނެކަން ފާހަގަކޮށް ސުޒެއިން ބުނީ، ރާއްޖޭގެ ގަލޮޅު ދަނޑު ފިޔަވައި އެހެން ތަންތަނުގައި ކުޅިވަރު ކުޅޭ ތަންތަން ހުންނަން ޖެހޭތޯ ބައެއް ބޭފުޅުން ސުވާލުކުރާ ކަމަށާއި، އެތަނުން ގޯތި ދިނުމަށްވެސް އެދޭ ކަމަށެވެ.

ނަމަވެސް ސުޒެއިން ބުނީ، ކްލަބްތަކަށް ލިބެމުންދިޔަ ތިން މިލިއަން ރުފިޔާ އެއްކޮށް ކަނޑާލުމުން އެ ފައިސާ އެ ކްލަބްތަކަށް ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ސަރުކާރުން އެ ފައިސާ ނުދޭން ނިންމީ މާލީ ކަންތައްތައް ދަށަށް ދިޔުމުން ކަމަށް ވެދާނެ ކަމަށް އޭނާ ބުންޏެވެ.

ދެމުން އައި އެހާ ބޮޑު އަދަދެއް ނޫނީ ވަރަށް ހަމަ އެކަށީގެންވާ އަދަދެއް މިގޮތަށް ކަނޑާލުން، ކުއްލިއަކަށް ކަނޑާލުން މިއީ ވަރަށް ދެރަ ކަމެއް. ދެން އެހެން ކުޅިވަރުތަކުގައި ތިބޭ ބައެއް ބޭފުޅުން ސަރުކާރުގަ އާއި އެތަން މިތާ ނުފޫޒްގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވިދާޅުވެދާނެ ނުޖެހެއޭ ކޮންމެހެން ދޭކަށް. ބައެއް ބޭފުޅުން ވިދާޅުވޭ ރާއްޖޭގެ ގަލޮޅު ދަނޑު ނޫނިއްޔާ ކުޅިވަރު ކުޅޭ ބިންތައް އޮންނަންޖެހޭ ހޭ އެތަނުން ގޯތިވެސް ދޭންވީ ނުންހޭ. އެކި މީހުންގެ ވިސްނުން ހުނާނީ އެކި ގޮތަށް. އެހެން ނަމަވެސް ކުޅިވަރު މިގޮތަށް ދަންޏާ، އެގޮތަށް ދެމުން އައި އެއްޗެއް ކުއްލިއަކަށް ކަނޑާލީމަ ކްލަބްތަކަކަށް އެ ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެ
ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން

ސުޒެއިން މިހެން ބުނެފައިވާއިރު، ކްލަބްތަކަށް ދެމުން އައި ތިން މިލިއަން ރުފިޔާ ނުދޭން ނިންމި ނިންމުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ފުރަތަމަ ޑިވިޝާންގެ ގިނަ ކްލަބްތައް މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ގިނަ ކްލަބްތަކަށް ކުޅުންތެރިންނަށް މުސާރަ ނުދެވި އެބަ ތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
29%
0%
71%
0%
0%
0%
ކޮމެންޓް