ކ. މާލެ
|
9 އޮކްޓޯބަރ 2019 | ބުދަ 09:36
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ 35 ވަނަ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ 35 ވަނަ ބައްދަލުވުމުގެ ތެރެއިން
މަޖިލިސް
19 ވަނަ ރައްޔިތުންގެ މަޖިލީސް
އެންމެ ކުޑަ އުޖޫރަ އަދި ވަޒީފާ ނެތް މީހުންނަށް ދޭ އެލަވަންސްގެ ބިލް ސަބް ކޮމިޓީތަކަށް
 
ބިލުގެ މަސައްކަތް ދެ ހަފްތާގެ ތެރޭގައި ނިންމާނެ
 
ދެ ބިލުގެ މަސައްކަތް ކުރުމަށް އެކުލަވާލީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ސަބް ކޮމިޓީތަކެއް

މި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލާއި، ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސް ދިނުމުގެ ބިލުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ސަބް ކޮމިޓީތަކެއް ހަދާ އެ މަސައްކަތް ފަށައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި އިގްތިސާދީ ކޮމިޓީގެ 35 ވަނަ ބައްދަލުވުން ނިންމީ މި ދެބިލުގެ މަސައްކަތް ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ 2 ސަބް ކޮމިޓީ އެކުލަވާލާ އެ ބިލްތަކުގެ މަސައްކަރް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ބިލުގެ މަސައްކަތް ނިންމާ ބިލުގެ ޑްރާފްޓެއް އިޖްތިސާދީ ކޮމިޓީއަށް ހުށަހެޅުމަށް މެންބަރުން ވަނީ ނިންމާފައެވެ.

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލުގެ މަސައްކަތް ކުރުމަށް ނެގި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރުން އިބްރާހިމް ނާޒިލް، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސް ދިނުމުގެ ބިލުގެ މަސައްކަތް ކުރުމަށް އެކުލަވާލި ސަބް ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގްނީ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހްސިން ހަމީދެވެ.

އަންގާރަ ދުވަހު ބޭއްވި އިގްތިސާދީ ކޮމިޓީން ނިންމީ، ސަބް ކޮމިޓީތަކާއި ހަވާލު ކުރެވިފައިވާ ބިލްތަކުގެ މަސައްކަތްތައް ނިންމާ، އެ ރިޕޯޓްތަށް މުޅި ކޮމިޓީއަށް ހުށަހެޅުމަށެވެ. އަދި އެ ރިޕޯޓް ފާސްކުރާނީ މުޅި ކޮމިޓީގެ މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

އިގްތިސާދީ ކޮމިޓީއަށް ފަސް ބިލެއްގެ މަސައްކަތް ހުށަހެޅިފައިވާ އިރު، ފުރަތަމަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނި މި ބިލުގެ މަސައްކަތް ނަމަވެސް، އިންކަމް ޓެކްސްގެ ބިލާ، ޓުއަރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ފޮރެސްޓްރީ ބިލުގެ މަސައްކަތް ވެސް ސަބް ކޮމިޓީތަކުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އަދި އެބިލްތަކުގެ މަސައްކަތް ކުރުމަށް ސަބް ކޮމިޓީތައް އެކުލަވާލާފައި ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
0%
0%
0%
0%
86%
ކޮމެންޓް