ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ވެންގާ

ޕްރިމިއަރ ލީގުގެ ކްލަބެއްގެ ކޯޗު ކަމުން ދެން ނުފެންނާނެ : ވެންގާ

  • ވެންގާ ވަނީ އާސެނަލް އާއެކު 22 ސީޒަން ހޭދަކޮށްފައި

ކ. މާލެ | 8 އޮކްޓޯބަރ 2019 | އަންގާރަ 19:19 | 2,917

އާސެން ވެންގާ - ގެޓީ އިމޭޖާސް

އިނގިރޭސި ކްލަބް އާސެނަލް އާއެކު 22 އަހަރު ހޭދަކުރި އާސެން ވެންގާ އަށް ޕްރިމިއަރ ލީގުގެ ގިނަ ކްލަބްތަކަކުން ފުރުޞަތު ލިބުނު ކަމަށާއި ނަމަވެސް ދެން ޕްރިމިއަރ ލީގުގެ ކްލަބަކުން ނުފެންނާނެ ކަމަށް ވެންގާ ބުނެފިއެވެ.

2018 ގެ ސީޒަނުގައި އާސެނަލް ދޫކޮށްލުމަށްފަހު ވެންގާ އިތުރު ކްލަބަކުން އަދި ފެނިފައިނުވާއިރު ވެންގާ ބުނީ އިނގިރޭސި ގިނަ ކްލަބްތަކުން ހުށަހެޅުންތަށް ލިބިފައިވާ ކަމަށާއި ނަމަވެސް އިނގިރޭސި ކްލަބެއްގެ ކޯޗުކަމުން ނުފެންނާނެ ކަމަށެވެ.

އަދިވެސް ހިތް އޮތީ އާސެނަލުގައި ކަމަށް ބުނަމުން ވެންގާ ބުނީ އާސެނަލްގައި އޭނާ ހޭދަކުރި 22 އަހަރަކީ ހަނދާނުން ނުފިލާނެ ދުވަސް ތަކެއް ކަމަށެވެ. ވެންގާ އިތުރަށް ބުނީ އޭނާ އަށް ހުށަހެޅުންތަށް ލިބިފައިވަނީ މަޝްހޫރު ބޮޑު ކްލަބްތަކުން ކަމަށާއި ނަމަވެސް އެ ކްލަބްތަށް ހާމަކުރަން ބޭނުންނުވާ ކަމަށެވެ.

ދާދިފަހުން ވެންގާ ފީފާގެ އިސްމަޤާމަކާއި ޙަވާލުވާން އުޅޭކަމުގެ އަޑުވަނީ ފެތުރިފައެވެ.

މަޝްހޫރު ކުޅިވަރު މީޑިއާ ބީން ސްޕޯޓްސްގެ ފުޓުބޯޅަ އެނަލިސްޓެއްގެ އިތުރުން ފުޓުބޯޅަ ކޮންސަލްޓަންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ ވެންގާ ދާދި ފަހުން ބުނީ، އަލުން ބެންޗުގައި ހުރެ ފުޓުބޯޅައިގެ ޕްރެޝަރާއި، އިހުސާސުތައް އަލުން ތަޖުރިބާކުރަން ބޭނުންވާ ކަމަށެވެ.

ވެންގާ ވަނީ މީގެކުރިން މިއަހަރުގެ ޖެނުއަރީ މަހު ކްލަބަކާ ހަވާލުވާނެކަން އިއުލާންކޮށްފައެވެ. ނަމަވެސް މިހާތަނަށް އޭނާ ރަސްމީކޮށް އެއްވެސް ކްލަބަކާ ހަވާލެއް ނުވެއެވެ.

އާސެނަލްގެ ކޯޗުކަމުގެ މަގާމާ ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޕްރިމިއަރ ލީގުގައި އޭނާ އެ ޓީމަށް 823 މެޗުގައި އިރުޝާދު ދީފައިވާއިރު މިއީ ރެކޯޑެކެވެ.

ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް އިން 1549 ލަނޑު ޖަހާފައިވާއިރު އޭނާ އެ މަގާމު ދޫކޮށްލީ ސަޕޯޓަރުންގެ ފަރާތުން ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިން ޕްރިމިއަރ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފައެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރުގެ ޕްރިމިއަރ ލީގުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ އުފުލާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.