އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
ލާމަރުކަޒީ ގާނޫނު

މާލޭ ރަށްވެހިންނަށް އެކަނި ހުޅުމާލެއިން ހިލޭ ބިން ދޫކުރާ އުޞޫލާ މެމްބަރުން ދެކޮޅު!

  • މިކަމާއި ދެކޮޅަށް ފުރަތަމަ ހިޔާލު ފާޅުކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
  • ނަޝީދުގެ ވާހަކަފުޅަށް ތާއީދުކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  • މި ވާހަކަތައް ދެއްކެވީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލައި ހުށަހަޅި ޤަރާރުގެ ބަހުސްގެ ތެރެއިން

ކ. މާލެ | 8 އޮކްޓޯބަރ 2019 | އަންގާރަ 18:27 | 24,647

މަޖިލީހުގެ 19 ވަނަ ދައުރުގެ 50 ވަނަ ޖަލްސާގެ ތެރެއިން - ރައްޔިތުންގެ މަޖިލިސް

މާލޭ މީހުންނަށް އެކަނި ހުޅުމާލެއިން ހިލޭ ބިން ދޫކުރާ ގޮތަށް ކަނޑައަޅާފައިވާ އުޞޫލާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ދެކޮޅުހަދައިފިއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ 50 ވަނަ ޖަލްސާގައި، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލައި ހުށަހަޅި ޤަރާރުގެ ބަހުޘް މަރުޙަލާގައި ވާހަކަފުޅު ދައްކަވަމުން މި މައްސަލައާ ދެކޮޅަށް ފުރަތަމަ އަޑު އުފުއްލެވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

ނަޝީދު ވިދާޅުވީ ހުޅުމާލެއަކީ، ހަމައެކަނި މާލޭ ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ތަނެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެތަނަކަށް ފައިސާ ދަައްކާގޮތަށް ހިއްކާފައިވާ ބިމެއް ކަމުގައެވެ. އަދި ހުޅުމާލެއިން މާލޭ މީހުންނަށް ބިން ދޫކުރާ އުޞޫލުން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބިން ދޫކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބޮލުގަ ދަރަންޏެއް އަޅުވާފަ ހުޅުމާލެ ހިއްކާފަ އެއޮތީ. ހަމައެކަނި މާލޭ މީހުންގެ ބޮލުގަ ދަރަންޏެއް އަޅުވާފައެއް ނޫން ހުޅުމާލެ ހިއްކާފަ އެއޮތީ. އަަޅުގަނޑުމެންނަށްވެސް ހުޅުމާލެއިން ބިން ލިބެން ޖެހޭނެ، މާލޭ ރައްޔިތުންނަށް ބިން ލިބޭ ކަމަށް ވެއްޖެއްޔާ. އަޅުގަނޑުމެންވެސް މިއީ ދިވެހި ރައްޔިތުން.

~ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ

މެމްބަރު ނަޝީދުގެ ވާހަކަފުޅަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ފޮނަދޫ ދާއިރާގެ މެމްބަރު ސިރާޖު ވިދާޅުވީ މާލޭ މީހުންނަށް ލިބޭ ޙައްޤުތައް އަތޮޅުތެރޭ މީހުންނަށްވެސް ލިބެން ޖެހޭ ކަމަށެވެ. އަދި މާލެއަށް މަރުކަޒީ ކޮށްގެން މާލެއިން ހުރިހާ ކަމެއް ވާން އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ. ސިރާޖު ވަނީ މި ސަރުކާރުން އަތޮޅުތެރޭގެ މީހުންގެ ކަންކަން ޙައްލުކުރައްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ، އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުމަކީ މި ސަރުކާރުގަ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މި މެޖޯރިޓީއާ އެކީގައި ރާއްޖެތެރޭ ރަށް ރަށުން ރާއްޖެތެރޭ މީހުންނަށް ކަންކަން ހަމަޖެހޭނެ ގޮތަށް ކޮށްދޭނެކަމަށް.

~ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ސިރާޖު އިތުރަށް ވިދާޅުވީ، މާލޭ މީހުންނަށް ވެސް ބޯހިޔާވަހިކަން ލިބެން ޖެހޭ ފަދައިން ހަމަ ރާއްޖެތެރޭ މީހުންނަށް ވެސް ބޯހިޔާވަހިކަން ލިބެންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ސިރާޖު ވިދާޅުވީ މާލޭ މީހުންނަށް ހުޅުމާލެއިން ނުވަތަ ގުޅީފަޅުން ހިލޭ ބިން ދިނުމާ ސީދާ އިދިކޮޅު ކަމަށެވެ. އަދި މާލޭ މީހުން ބިން ދޫކުރީމާ ހުޅުމާލެއިން ބިން ލިބޭ އުޞޫލުން، ރާއްޖެތެރޭ މީހާއަށް ވެސް އެ ޙައްޤު އޮންނަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ ރާއްޖެތެރޭ މީހުން، ރާއްޖެތެރެއަށް ހައްގުތައް ލިބެން ޖެހޭނެ. މާލޭ މީހުންނަށް ވެސް ހައްގުތައް ލިބެން ޖެހޭނެ. މާލޭ މީހުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ޖެހޭނެ. އެހެން ނަމަވެސް، އަޅުގަަނޑުވެސް ހަމަ ދިމާ އިދިކޮޅު މާލޭ މީހުންނަށް ހިލޭ ހުޅުމާލެއިން ނުވަތަ ގުޅީފަޅުން ބިން ދިނުން. ރާއްޖެތެރޭ ރައްޔިތުންވެސް ބިން ދޫކުރީމަ އެހެން ވެއްޖެއްޔާ ހުޅުމާލެއިން ލިބެން ޖެހޭނެ. ހުޅުމާލެއަކީ ރައްޔިތުންގެ ލާރިން ހިއްކާފަ އޮތް ތަނެއް.

~ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ހަމަ އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ މިހާރުވެސް އޮންނަ ގޮތަކީ މާލެއިން ފްލެޓެއް ބޭނުންވެއްޖެ ޙާލަތެއްގައި ދަފްތަރުގައި ޖެހުން ކަމަށެވެ. ނަސީރު ވިދާޅުވީ، މާލެއަށް ހިޖުރަކޮށްގެން ކުލި ދައްކައިގެން އުޅޭ ފަރާތްތަކަށް ވެސް ފްލެޓަށް އެދެވެން ޖެހޭނެ ކަމަށެވެ. ނަސީރު ވިދާޅުވީ ރާއްޖެތެރެއިން މިތަނަށް ހިޖުރަ ކުރާ މީހުންނަކީ ބޮޑު ޚަރަދުކޮށްގެން މާލޭގައި ދަރިންނަށް އުގަންނައިދީ، އިޤްތިޞާދީ މަސައްކަތުގައި އުޅުއްވާ ފަރާތްތައް ކަަމަށެވެ.

އަޅުގަނޑުމެން ރާއްޖެތެރެއިން މިތަނަށް ހިޖުރަކޮށްގެން ކުލީގެ ގޮތުގައި އުޅޭ ފަރާތްތަކަށް ވެސް، މާލެއާ މާލެ ކައިރިން ފްލެޓަށް އެދެވެން ޖެހޭނެ. ލިބެން ޖެހޭނެ. ސަބަބަކީ އަޅުގަނޑުމެން މިއުޅެނީ ބޮޑު ކުލީގައި. ބޮޑެތި ހަރަދު ކޮށްގެން ދަރިންނަށް ކިޔަވައިދިނުމާއި އަދި އިގްތިސާދީ ބައެއް މަސައްކަތްތައް ކުރުމުގައި. މި ފުރުސަތު އެހެން ރައްޔިތުންނަށް އޮންނަ ފަދައިން، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ދިނުން އެއީ އަޅުގަނޑުވެސް އެދޭ އެދުމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން.

~ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު

މިހާރު އޮންނަ އުޞޫލަށް ބަލާނަމަ، ހުޅުމާލެ އަދި ގުޅީފަޅުގައި ހުންނަ ބިން ތަކަށާއި އެތަންތަނުގައި ސަރުކާރުން އަޅާ ފްލެޓްތައް ދިނުމުގައި އިސްކަން ދެނީ މާލޭގެ ރަށްވެހިކަން އޮންނަ ފަރާތްތަކަށެވެ. އަދި މި ބިންތަކަށާއި ފްލެޓްތަކަށް އެދޭއިރު، މާލޭ ރައްޔިތެއް ނޫންނަމަ އޮންނަ އުޞޫލަކީ އެމީހެއްގެ އުފަން ރަށެއްގެ ރަށްވެހިކަން ދޫކޮށްލުމަށް ފަހު، މާލޭ ދަފްތަރުގައި ޖެހުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.