ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 15:53
ޕޮލިސީ ކޮންސެލްޓެންޓް އަރުޝަދު ޖަމީލް
ޕޮލިސީ ކޮންސެލްޓެންޓް އަރުޝަދު ޖަމީލް
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
އިންކަމް ޓޭކްސްއާއެކު ދައުލަތަށް ލިބޭ ޢާމްދަނީ 600 މިލިއަނަށްވުރެ މައްޗަށް އަރާނެ : ފިނޭންސް
 
40،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނަގާނެ
 
އިންކަމް ޓެކްސް 6،000 މީހުންގެ އަތުން ނެގޭނެ

ވަކިވަރަކަށް ވުރެ ޢާމްދަނީ ގިނައިން ލިބޭ ފަރާތްތަކުގެ އަތުން ނެގުމަށް ތައްޔާރުވަމުންދާ އިންކަމް ޓެކްސް އިން ޢާމްދަނީގެގޮތުގައި ދައުލަތައް ލިބޭ ފައިދާގެ ޢަދަދު 600 މިލިއަނަށްވުރެ މައްޗަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.

އަންގާރަ ދުވަހު ބޭއްވި ނުވަގަޑީގައި ވާހަކަދައްކަވަމުން ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ އިންކަމް ޓެކްސްގެ ބޭނުމަކީ ޓެކްސްގެ ނިޒާމް ފުރިހަމަކުރުމާއި، ޢާމްދަނީއަށް ޖަވާބުދާރީ ކުރުވުމާއި، ވަގު ވިޔަފާރިއާއި، ނަހަމަގޮތުގައި މުއްސަނދިވުން ހުޓުވުން ހިމެނޭ ކަމަށެވެ. އަދި މިޓެކްސްގެ ނިޒާމުން މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ކުޑަ ކުރެވިގެންދާއިރު، ދައުލަތަަށް ލިބޭ ޢާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން އިންކަމް ޓެކްސްއިން ގާތްގަނޑަކަށް ދައުލަތަށް އަހަރަކު އާމްދަނީގެ ގޮތުގައި 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް އަރުޝަދު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 680 މިލިއަން އަޅުގަނޑުމެން މިހާރު ލަފާކުރަނީ. ދެން ހިސާބު ކުރުމުގައި އަޅުގަނޑުމެންނަށް ވަރަށް އުދަނގޫވި. އާމްދަނީގެ މައުލޫމާތު ހޯދުން ވަރަށް ވަރަށް ދަތިވި. އެންމެ ބޮޑު އެއްކަމަކީ ނޭޝަނަލް ބިއުރޯ ސްޓެޓެސްޓިކް ނެރުއްވާ ހައުސްހޯލްޑް އިންޑަމް އެންޑް އެކްސްޕެންޑިޗަރ. އޭގައި ވެސް އާމްދަނީ އެއް ގިނަ ފަރާތްތަކުން ކިޔާ ނުދޭ. އެހެންވީމަ ޚާއްސަކޮށް އެންމެ މުއްސަންދިން މައުލޫމާތު ހޯދަން އުދަނގޫވި. ދެން އެމީހުންނާ ސުވާލުކުރަން ވެސް ފުރުސަތު ނުދޭ. ދެން އަޅުގަނޑުމެން ބެލީ ސަރުކާރުގެ މުސާރައަށް. މީގެން ކޮންމެސް ވަރަކަށް އަޅުގަނޑުމެންގެ އަތުގައި ހުރި މައުލޫމާތަށް ބެލީ. ދެން ރިސޯޓުތަކުގެ މައުލޫމާތުތައް. އެހުރިހާ މައުލޫމާތެއް އެއްކޮށްގެން ހިސާބު ހަދަންޖެހުނީ. އެހެންވީމަ މައުލޫމާތު ހޯދަން ވަރަށް އުދަނގޫވި. އެހެން ނަމަވެސް އަޅުގަނޑުމެން އަންދާޒާ މިކުރަނީ ގާތްގަނޑަކަށް 600 މިލިއަން އެންމެ މަދުވެގެން ގާތްގަނޑަކަށް ލިބޭނެ ކަމަށް
އަރުޝަދު ވިދާޅުވި

އަރުޝަދު ވިދާޅުވީ 6،000 މީހެއްގެ އަތުން އިންކަމް ޓެކްސް ނެގޭނެ ކަމަށް ބެލެވޭ ކަމަށާއި، ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ނިންމަނީ ޕްރޮގްރެސިވް ޓެކްސްގެ އުޞޫލުން ކަމަށެވެ.

40،000 ރުފިޔާ އިން މަތީގެ ޢާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސަރުކާރަށް ލަފާ ދީފައިވަނީ 10،833 ރުފިޔާ އިން މަތީގެ ޢާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނަގާށެވެ. އަދި އެޖެންޑާ 19 ހިމަނާފައި އޮތީ 60،000 ރުފިޔާއިން މަތީގެ ޢާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށެވެ.

މިކަމަށް ރިޢާޔަތްކުރައްވާ ވާހަކަފުޅު ދައްކަވަމުން އަރުޝަދު ވިދާޅުވީ އިންކަމް ޓެކްސްގެ "ތްރެސް ހޯލްޑް" އަކީ 40،000 ރުފިޔާ ކަމަށާއި އެއަށްވުރެ ދަށް ޢާމްދަނީ ލިބޭނަމަ ޓެކްސް ދައްކަން ނުޖެހޭނެކަމަށެވެ. އަދި އިންކަމް ޓެކްސް ދައްކަންޖެހޭ މީހުން ކަނޑައެޅާނީ އެމީހެއްގެ ދިރިއުޅުމުގެ ފެންވަރާއި ކުރާ ޚަރަދުތަކަށް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މާލޭގައި ގެ ކުއްޔަށް ހިފައިގެން ދިރިއުޅޭ ގޭބީސީއެއްގެ ޚަރަދު އެވްރެޖުކޮށް މަހަކު 41،570 ރުފިޔާ އަށް އަރާ އިރު، މިއީ ގާތްގަނޑަކަށް ފަސް ވަރަކަށް މީހުން ދިރިއުޅޭ ގެއެއްގެ 02 މީހަކަށް ލިބޭ ޢާމްދަނީކަން އޭނާ ފަހަގަކުރެއްވިއެވެ.

އިންކަމް ޓެކްސްއާ އެކު އުވާލާ ޓެކްސްތަކަކީ ރެމިޓެންސް ޓެކްސް، ލޭންޑް ސޭލްސް ޓެކްސް، ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް(ބީ.ޕީ.ޓީ) ބޭންކް ޕްރޮފިޓް ޓެކްސް އަދި ޕެޓްރޯލިއަން ޓެކްސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް