ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 16:02
ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗު ނިޒާމް
ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗު ނިޒާމް
ރާއްޖެ އޮންލައިން
ނިޒާމްބެ
ދިވެހި ކްލަބްތައް މިހާރު މިއޮތް ހާލަތުގައި އޮތްހާ ހިނދަކު ދިވެހި ކްލަބަކަށް ކޯޗު ކަމެއް ނުކޮށްދޭނަން: ނިޒާމްބެ
 
ކްލަބްތަށް ހިނގަމުން އަންނަނީ މިހާރު ހެދިފައި އޮތް ގާނޫނާއި އެއްގޮތަކަށް ނޫން
 
ފުޓުބޯޅަ ފިޔަވާ އެހެން ކުޅިވަރެއް އަދި މިސަރަހައްދުގައި ވާދަކުރެވޭ ފެންވަރަށް ނުދޭ
 
ކްލަބްތަކުން ކުރީގައި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި
 
ސަރުކާރުން ފައިސާ ދީގެން ދިވެހި ކްލަބްތަށް ހިންގުން އެއީ އެންމެ ރަނގަޅުގޮތް ނޫން

ދިވެހި ކްލަބްތަށް މިހާރު މިއޮތް ހާލަތުގައި އޮތް ހާހިނދަކު ދިވެހި ކްލަބެއްގެ ހުންގާނުގައި ހިފައިގެން ދެން ނުނިކުންނާނެ ކަމަށް ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕޮރޮގްރާމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ދިވެހި ކްލަބްތަކަށް ފައިސާ "ބަމްޕް" ކޮށްގެން ހިންގުން އެއީ ރަނގަޅު ގޮތެއްކަން ގަބޫލު ނުކުރާ ކަމަށާއި ފެށިގެން އައި އިރު ބޮޑެތި ކުލަބްތަކުގައި ހަރުދަނާ އުސޫލެއް ގާއިމްވެފައި ނެތުމަކީ މިހިސާބަށް ކަންތައްތަށް ދިއުމުގެ މައިގަނޑު ސަބަބު ކަމަށެވެ.

ނިޒާމްބެ އިތުރަށް ބުނީ ސަރުކާރުން ފައިސާ ދީގެން ދިވެހި ކްލަބްތަށް ހިންގުން އެއީ އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި ދުނިޔެ ބަދަލު ވަމުން އައިއިރު އެއައި ސްޕީޑްގައި ދިވެހި ފުޓުބޯޅަ ބައްޓަން ކުރަންވީ ގޮތަށް ބައްޓަން ކުރެވިފައި ނެތުން އެއީ ކްލަބްތަށް މިހާލަތަށް ދިއުމުގެ ސަބަބުކަމަށެވެ. އަދި އޭރު ތިބި ވެރިން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް އެނާ ބުންޏެވެ. މިހާރުވެސް ފެންނަ މަންޒަރަކީ ކުރިއެކޭ އެއްގޮތަށް ސައިކަލު މަޑިދަށުން ކްލަބްތަށް ހިންގަމުންދާ ތަން ކަމަށާއި އެކަން ބަދަލުވާން ޖެހޭ ކަން އޭނާ ފާހަގަކުރިއެވެ.

ކްލަބްތަކުން ކުރީގައި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ސިނަމާއާއި، ކްލަބްގެ އޮފީސް ހުރި ކަމަށާއި، ކްލަބްގެ ހުރިހާކަމެއް ހުރީ ސިސްޓެމެޓިކް ކޮށް ލިޔެކިޔުމުން ފެންނަން ކަމަށެވެ. އަދި ފައިސާ ހޯދުމަށް ކްލަބްތަކުން ގިނަ މަޝްރޫއު ތަކެއް ހިންގަމުންދިޔަ ކަމަށެވެ. އޭރު އެކަން އެގޮތަށް ކުރަން އުޅުންނަމަ މިފެންވަރަށް ކްލަބްތައް ނުވެއްޓޭނެ ކަމަށް ނިޒާމްބެ ބުންޏެވެ. އަދި މި ކަމަށް ރަނގަޅު ގާނޫނެއް ހެދެން ޖެހޭ ކަމަށާއި އަދި އެ ގާނޫނާއި އެއްގޮތަށް މިކަން ދޭތޯ ބަލަން ޖެހޭ ކަމަށް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ އިތުރަށް ބުނީ ކްލަބްތަށް ހިނގަމުން އަންނަނީ މިހާރު ހެދިފައި އޮތް ގާނޫނާއި އެއްގޮތަށް ނޫން ކަމަށާއި، ކޮންމެ ސަރުކާރަކުން އައި ނަމަވެސް މިހާރު މިކުރާ ކަމަކީ އެ މިނިސްޓްރީގެ ބާރުގެ ދަށަށް އެތަނެއް ގެނައުން ކަމަށާއި އެކަން ކާމިޔާބު ނުވެއްޖެ ނަމަ ވިސްނުން މި ހުންނަނީ އެތަނެއް ފެއިލް ކޮށްލުން ކަމަށެވެ.

ފުޓުބޯޅަ ފިޔަވާ އެހެން ކުޅިވަރެއް އަދި މިސަރަހައްދުގައި ވާދަކުރެވޭ ފެންވަރަށް ނުދާ ކަމަށާއި ފުޓުބޯޅަ އަކީ އެތަށް ބައިވަރު ޒުވާނުން އާމްދަނީ ހޯދަމުންދިޔަ އިންޑަސްޓްރީ އެއް ކަމަށާއި އެ އިންޑަސްޓްރީ ހަލާކުކޮށްލުމުގެ ބަދަލުގައި ޒަމާނާ އެއްގޮތަށް ރަން ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިއޮތް ހާލަތުން ފުޓުބޯޅަ ކްލަބްތަށް އެރުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިހާރު ފުޓުބޯޅަ މިއޮތް ހާލަތުން ދިވެހި އެއްވެސް ކްލަބަކުން ދެން ނިޒާމްބެ ނުފެންނާނެ ކަމަށާއި، ނަމަވެސް މިއަށް ކިރިޔާވެސް އަލިމަގެއް ފެންނަ ދުވަހަކުން އެކަން ކުރުމަށް އެންމެ ފުރަތަމަ ނިކުންނާނީ ނިޒާމްބެ ކަމަށް އޭނާ ބުންޏެވެ.

ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވާ ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައިވާއިރު، އެޓީމުން ވަނީ ބަންގްލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީ ވަނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ވިދިވިދިގެން ތިން އަހަރު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ އެކްލަބް ހޯދިއެވެ. އަދި ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީން ދެ ފަހަރު އެފްއޭކަޕްގެ ދެވަނަ ހޯދާފައިވާއިރު، ޕްރެޒިޑެންޓް ކަޕްގެ ދެވަނަ އެއް ފަހަރު ހޯދާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް