ކ. މާލެ
|
13 މާރޗް 2017 | ހޯމަ 02:32
ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން
ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ގާނޫނުއަސާސީ
ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ
 
ގާނޫނުއަސާސީއަކީ މިއަދު ހަމައެކަނި ކަރުދާހުގައި ލިޔެފައުވާ އެއްޗެއް ބޭނުމެއް ނުހިފޭ
 
ނާޖާއިޒުގޮތުން ފައިސާ ހޯދައި އެއިން ފެންވަރާ މީހުން މުޖުތަމައަށް ދޫކޮށްލެވިފައި ތިބެނީ ކީއްވެ؟

ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ

ޤާނޫނުއަސާސީއަކީ ދައުލަތުގެ އެންމެހާ ކަންކަން ހިންގުމުގެ ނިޒާމު ކަނޑައަޅާފައިވާ ޗާޓެވެ. ދައުލަތުގެ ހުރިހާ ބާރުތަކާއި، އެ ބާރުތަކުގެ އިންތަކާއި މިންތަކުގެ ބަޔާނެވެ. ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ފަރާތަކުން ކުރާކަމަކީ ބާޠިލުކަމެކެވެ. އެކަމަކީ އެއްވެސް ފަރާތަކުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ޤާނޫނު އަސާސީގެ ބުނެފައި ވަނީ އެވާހަކައެވެ.

ޤާނޫނުއަސާސީގެ ބޭނުމަކީ ޤައުމުގެ ރައްޔިތުންނަށް ޔަޤީންކަން ހޯދައި ދިނުމެވެ. ޤާނޫނީ ޙުކޫމަތުގެ ޔަޤީންކަން ހޯދައި ދިނުމެވެ. ޤާނޫނު އަސާސީގައި ވަނީ ޤާނޫނީ އިމުގެ ތެރެއިން މެނުވީ އެއްވެސް ކަމެއް ނުކުރެވޭނެ ކަމެވެ.

ކިތަންމެ ބާރުހުރި ފަރާތަކުން ވިޔަސްއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ރައްޔިތުންގެ މަޖިލީސް ވިޔަސް، ޝަރުޢީ ކޯޓްތައް ވިޔަސް، އަދި މިނިވަން މުއައްސަސާތައް ކަމަށް ވިޔަސް އަދި ރައްޔިތުން ވިޔަސްމެއެވެ.

މީގެ ނުވަ އަހަރު ކުރިން، 2008 ވަނަ އަހަރުގެ އޮގަސްޓްމަހު ދިވެހިރައްޔިތުންނަށް ލިބިގެންދިޔަ ޤާނޫނުއަސާސީގައި ކިތަންމެ ރަނގަޅަށް ވެސް މިދެންނެވި ކަންކަން ލިޔެވި ބަޔާންކުރެވިފައި ވެއެވެ. ސުވާލަކީ ލިޔެވިފައިވާ ގޮތަށް ޢަމަލުކުރަމުންދޭބާ އެވެ؟

ޤާނޫނުއަސާސީގެ އަސާސީ އެއް ސިފައަކީ ޤާނޫނުއަސާސީ އާއި ޤާނޫނުގައި ބުނެފައިވާގޮތަށް ކަންކަން ކުރުމެވެ. އެގޮތަށް ޢަމަލުކުރެވޭތޯއެވެ؟

ޤާނޫނުއަސާސީގައި ވަނީ އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްވެގެން ކަމަށެވެ. އެއްވެސް ޙާލެއްގައި އޮޑިޓަރ ޖެނެރަލް ބަދަލުކުރުމުގެ ގޮތުން ޤާނޫނަށް ބަދަލުގެނަސް އެކަން ކުރުމުގެ ވާހަކައެއް ނެތެވެ.

ވަކިކުރި އޮޑިޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ އެތައް މަހެއް ފާއިތުވީއެވެ. މައްސަލަ ބަލައިގެން ކަމެއް ނުވަތަ ނޫންކަން އެނގިފައެއް ނެތެވެ. މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނެތެވެ. ހަމައެހެންމެ ފަނޑިޔާރުން ވަކިކުރާނެ ގޮތް ޤާނޫނުއަސާސީގައްޔާއި ޤާނޫނުގައި ކަނޑައަޅާފައި އެބައޮތެވެ.

ފަނޑިޔާރުންގެ މައްސަލައެއް އުޅޭ ނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެފަނޑިޔާރަކު ވެސް އެކޮމިޝަނަށް ހާޒިރުކޮށް މައްސަލަ ބަލައި އޭނާ ވަކިކުރަން އެކޮމިޝަނަށް ފެނިއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެމަޖިލީހުގެ ވޯޓްގައި ބައިވެރިވި މެމްބަރުންގެ 2/3 އަޣްލަބިއްޔަތުން ފާސްވުމުން މެނުވީ ފަނޑިޔާރަކު މަޤާމުން ވަކި ނުކުރެވެއެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓްގެ އެހެން ފަނޑިޔާރަކު މަޤާމުން ދުރުކުރެވުނީ މިދެންނެވި ޤާނޫނުއަސާސީއާއި ޤާނޫނުގައި ބުނެފައިވާ އުޞޫލުންތޯއެވެ؟ ސިވިލް ކޯޓުގެ ފަނޑިޔާރު މަރިޔަމް ވަހީދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރީ ގާނޫނުއަސާސީގައި ބުނެފައިވާ އުސޫލުންތޯއެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ޖުޑީޝަލް ސަރވިސްއިން އައުމުގެ ބަދަލުގައި ޤާނޫނަށް ބަދަލު ގެނަސް އެމައްސަލަ އެކޮމިޝަނަށް ފޮނުވައި، އެ ކޮމިޝަނުން މައްސަލަ މަޖިލީހަށް ފޮނުވައިގެން ގޮތެއް ނިންމީއެވެ. ފަނޑިޔާރުން ޤާބިލުނޫން ކަމަށް ނިންމެވި އިރު އެއިން ބޭފުޅެއްގެ ބަސް ވެސް އަޑުއަހަން ބޭނުން ނުވިއެވެ. އަދި އެ ފަނޑިޔާރުން ޤާބިލުނޫން ކަމަށް ބަލައި ވަކިކުރުމުން ވެސް އެ ބޭފުޅުންނަށް ފައިސާ އާއި ކާރާއި ބޭރު ޤައުމުތަކުން ހިލޭބޭސް ކުރެވޭ ގޮތަށް އެތަކެއް ޢިނާޔަތެއް ވަނީ ދީފައެވެ. އަޅެ ހައިރާނެއް ނުވާނެތޯއެވެ. ޤާބިލުނޫން ވިޔަސް ޤާބިލު ފަރާތްތަކަށް ލިބޭ އެންމެހާ ކަންކަން އެބަ ލިބެއެވެ.

އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ލިބިދޭ ވަރަށް އަސާސީ ޙައްޤެކެވެ. މިއީ އެހެން ހުރިހާ ޙައްޤުތައް ކަށަވަރުކޮށްދޭ ޙައްޤެވެ. އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤުގެ ތޭރޭގައި ގިނަގުނަ ޙައްޤުތައް ކަށަވަރުކޮށްދީފައި ވެއެވެ.

ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމާއި، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ އެންމެހާ ކަންކަމާއި ހެކިތައް ކުރިޔާލައި އެމީހަކަށް އެންގުމާއި، ތުހުމަތުކުރެވޭ ކަންކަމުގެ ދިފާޢުގައި މަސައްކަތްކުރުމަށް އެކަށޭނަ ވަގުތު ދިނުމާއި، ތުހުމަތުން ބަރީއަވުމަށް ދިފާޢުގައި ހެކިހުށަހެޅުމާއި، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިންނާ ސުވާލުކުރުމާއި، އިސްތިޢުނާފުކުރުމަށް އެކަށޭނަ މުއްދަތު އޮތުން ފަދަ ޙައްޤުތަކަކީ އިންސާފު ލިބިދިނުމުގެ ޙައްޤާ ގުޅިލާމެހިފައިވާ ޙައްޤުތަކެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ މުޙައްމަދު ނާޒިމުގެ ޝަރީޢަތް ދިޔަގޮތާއި، ޤާނޫނީވަކީލުން ލިއްބައިދިން ގޮތާއި، ދިފާޢުވުމަށް ދެވުނު ވަގުތާއި، ހެކިހުށަހެޅުމާއި، ހެކިން ބަލައިގަތުމާއި، އިދިކޮޅު ހެކިންނާ ސުވާލުކުރުމަށް ލިބުނު ފުރުޞަތާ މިކަންކަމަށް އެކަނި ބަލާލާއިރު ވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ލިބިދީފައިވާ ގޮތަށް އެކަންކަން ޢަމަލީ ގޮތުން ފެނިގެންދިޔަކަމާ މެދު ސުވާލު އުފެދެއެވެ.

މައްސަލައެއް އިސްތިޢުނާފުކުރުމަށް އޮންނަ މުއްދަތު ހަމަވުމުން، އެއީ ޚާއްޞަކޮށް ޖިނާއީ މައްސަލައެއް ނަމަ، އަދި އިސްތިޢުނާފުކުރުމުގެ ޙައްޤު ބޭނުންނުކުރީ ދައުލަތުން ކަމުގައިވާ ނަމަ، އަލުން ޖިނާއީ މައްސަލަ އިސްތިޢުނާފުކޮށް، ކުށުން ބަރީއަވެފައި އޮތް އޮތުން މުރާޖަޢާކުރުމަށް މައްސަލައިގެ ފައިލް ހުޅުވުމަކީ، މައްސަލަތަކުގެ ނިހާއީ ނިންމުން އައުމުން ދެން އެމައްސަލައެއް ނުބެލޭނެ ކަމަށް ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ލިބިދޭ ޙައްޤަށް ބުރޫ އަރާނެ ކަންކަމެވެ.

ސްޕްރީމް ކޯޓުގެ ނިންމުމަކުން ވެސް މައްސަލައެއްގައި އިސްތިޢުނާފުކުރުމަށް އޮންނަ މުއްދަތު ހަމަވުމަށް ފަހު މައްސަލަ އިސްތިޢުނާފު ކުރުމުގެ ފުރުޞަތު ނުދިނުމާ ބެހޭ ގޮތުން އަލި އަޅުވާލާފައި ވެއެވެ. ކަންމިހެން އޮތްއިރު، ޖިނާއީ މައްސަލަތަކެއްގެ ތުހުމަތުކުރެވި، އެމައްސަލަތައް ޖިނާއީ ކޯޓުންނާއި ހައިކޯޓުން ސާބިތުނުވާ ކަމަށް ނިންމާފައިވަނިކޮށް، އެމައްސަލަތައް އިސްތިއުނާފުކުރަން އޮންނަ މުއްދަތު ހަމަވިތާ އެތަކެއް ދުވަސްތައް ފާއިތުވުމަށް ފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަތައް ސްޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ބަލައިގަނެ، އެކޯޓުން އެމައްސަލަތައް ދަނީ ހިންގަމުންނެވެ.

ޤާނޫނުއަސާސީ އާއި ޤާނޫނުގެ މަޤްޞަދަކީ އަދި އެއިން ރައްޔިތުންނަށް ލިބޭ ޔަޤީންކަމަކީ، ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ލިޔެވިފައިވާ ގޮތަށް ކަންކަންކުރުމުގެ ޔަޤީން ކަމެވެ. ނަމަވެސް މިޔަޤީންކަމަށް މިވަނީ ގުޑުން އަރާފައެވެ. އިސްވެދެންނެވި މަދު ކަންކަން ހެއްކަކަށް ފުދެއެވެ. ޤާނޫނުއަސާސީންނާއި ޤާނޫނުން ގެރެންޓީ ދިން ޔަޤީންކަން ނެތުމުން، އެއީ ހަމައެކަނި ކަރުދާސްގަނޑެއްގައި ލިޔެފައިވާ ބަސްތަކަކަށްވީ އެވެ. ބޭކާރުވީއެވެ.

އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އިންސާނީ އަޚުލާގާއި އިލާހީ އަމުރުތަކުގެ އޯބިޓުން ނެއްޓި ރައްޔިތުންގެ ފޮށްޓަށް އަތްބާނައި، ވައްކަންކުރުމުން މިގާނޫނު ނުހިންގެންވީ ކީއްވެގެންބާވައެވެ؟ ނޫނެކެވެ. ހިންގެންވާނެއެވެ. ރައްޔިތުންގެ ބައިތުލްމާލު ބަނޑުއެޅީމާ ޖައްލާދުކަލޭގެ ކަނޑީގެ ތޫނުކަމުން އެމީހަކަށް ސަލާމަތް ވެވިގެން ނުވާނެއެވެ.

ނާޖާއިޒު ގޮތުން ފައިސާ ހޯދައި އެއިން ފެންވަރާ މީހުން މުޖުތަމައަށް ދޫކޮށްލެވިފައި ތިބެނީ ކީއްވެގެންކަން ނޭނގެއެވެ. އެއީ ކޮންބައެއްކަން އެންމެނަށް ވެސް އެނގޭތީ ނަންތަކެއް ބުނެދޭކަށް ނުޖެހޭނެއެވެ. ލޯ މަރާލައިފިއްޔާ ކޮންމެ މީހެއްގެ ސިކުނޑިއަށް ވެސް މިދަންނަވާ ޒާތުގެ މީހުންގެ ސޫރަތައް އަރާ ފައިބާނެ އެވެ.

ކޮރަޕްޓް މީހުން މުޖުތަމައަށް ވީއްލިފައި އެތިބެނީ އަޅުގަނޑުމެން އަމިއްލައަށް ހަދާ ގާނޫނުތައް ދޯދިޔާވުމާއި އެގާނޫނުތަކުގެ ލޯވަޅުތަކުން ފުރޭނިގަތުމުގެ ފުރުސަތު ބޮޑުވުމާއި މިފަދަ ކޮރަޕްޓް މީހުންނަށް ގާނޫނުތައް ހެދުމާއި ތަންފީޒުކުރުމުގެ މަރުހަލާތަކުން ފުރުސަތު ލިބި ސިޔާސަތާއި ކޮރަޕްޝަން މަސްހުނިވުމުންނެވެ.

ރައްޔިތުންގެ ފޮށްޓަށް އަތް ބާނާ މީހާ އާއި ތަހުގީގުކުރާ މީހުންނާއި ނިޔާ އިއްވާ މީހުން ކުށުގެ ބައިވެރިންނަށްވުމުން އެއަށް ކިޔާނީ ފަސާދައިގެ ސަޓަނިގަނޑެވެ. ފަސާދައިގެ ސަޓަނިގަނޑެއްގެ ތެރޭން ނުކުންނާނެ އިންސާފެއް ނޯންނާނެއެވެ.

ކުޑަކޮށް ވިސްނާލަމާ ހިނގާށެވެ. ސިޔާސީ މީހަކަށް ނުވަތަ ސިވިލް ސާވަންޓަކަށް އަހަރަކު ގިނަވެގެން މުސާރައިގެ ގޮތުގައި މި ލިބެނީ ތިން ހަތަރު ލައްކައެއްހާ ރުފިޔާ އެވެ.

އެކަމަކު ވަޒީފާގައި ދެތިން އަހަރެއްވެލާ އިރަށް ދިހަ މިލިއަން، ވިހި މިލިއަން ރުފިޔާގެ ބޮޑެތި އިމާރާތްތައް ނަގައި ކޮޅަށް ޖަހާލަ އެވެ.

ކޮންމެވެސް ވިޔަފާރިއެއްގެ ބައިވެރިޔަކަށްވެ އެ ވިޔަފާރީގެ ރައުސްމާލު ތިރީސް، ސާޅީސް މިލިއަނަށް އަރުވާލައެވެ. މިއީ ކޮންތާކުން ހޯދި ފައިސާއެއްތޯ އަހާލާ މީހަކު ވެސް ނުހުރެ އެވެ.

ހެޔޮ ނުވާނެ އެވެ. މި މުއްސަނދިކަން އަނބުރާ ރައްޔިތުންގެ ބައިތުލްމާލަށް ނަގަން ޖެހޭނެއެވެ. ނެގެންވެސް ޖެހޭނެއެވެ. ވަގުން ހައްޔަރުކޮށް ނިޔާ އިއްވެން ޖެހޭނެ އެވެ. ތަންފީޒު ކުރެވެން ވެސް ޖެހޭނެއެވެ. މިކަމުގައި މޫނަކަށް ކަނދުރާއަކަށް ބެލުން އޮވެގެން ނުވާނެއެވެ. އެކަން ވާނީ ގުދުރަތީ ގާނޫނުގެ ނިޒާމަށް މިކަން ބައްޓަން ވެގެންނެވެ. އެ ނިޒާމަކީ ބިނާކުރަނިވި ފަނާކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް