ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 09:01
ސްކޫލެއްގެ ދަރިވަރުންތަކެއް ގޮވައިގެން ޓީޗަރުން ފީލްޑްޓްރިޕެއްގައި / ފޮޓޯ: ޓްވިޓާ
ސްކޫލެއްގެ ދަރިވަރުންތަކެއް ގޮވައިގެން ޓީޗަރުން ފީލްޑްޓްރިޕެއްގައި / ފޮޓޯ: ޓްވިޓާ
ޓްވިޓަރ
ޓީޗަރުންގެ މުސާރައަށް ބަދަލުގެނެސް ޕޭ ކޮމިޝަނަށް ހ
ޓީޗަރުންގެ މުސާރައަށް ބަދަލުގެނެސް ޕޭ ކޮމިޝަނަށް ހުށަހަޅައިފި
 
ޓީޗަރުންގެ މުސާރަ ބޮޑުކުރަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް
 
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ތަފްސީލެއް މިހާތަނަށް އެޑިއުކޭޝަނުން ހާމަކޮށްފައެއް ނުވޭ

ސަރުކާރުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް ޕޭ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް، އެ އޮނިގަނޑު ޕޭ ކޮމިޝަނަށް ފޮނުއްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. ރިޔާސީ ކެމްޕޭންގެ ތެރޭގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ ބުރަ އަދި ގިނަ ވަގުތު މަސައްކަތްކުރާ ޓީޗަރުންނަށް ލިބެނީ އެންމެ އެކަށޭނަ މުސާރައެއް ނޫން ކަމަށާއި، އެކަން ހައްލު ކޮށްދެއްވައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް އިތުރު ކޮށްދެއްވާނެ ކަމަށެވެ.

ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައެއް ހޯދައިދިނުމަށް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ސިވިލް ސަރިވިސް މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮބަދަލެއް އަންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަދައްކަވަނީ / ފޮޓޯ: މަޖިލިސް

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް ޕޭ ކޮމިޝަނަށް ފޮނުވާފައިވީ ނަމަވެސް، އެ އޮނިގަނޑަށް އަމަލުކުރައްވާނެ ވަކި ތާރީހެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެންމެފަހުން 2015 ވަނަ އަހަރު ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަށްވުރެ ރަނގަޅު ބަދަލެއް ފެނިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ބުނަމުންނެވެ.

މިދިޔަ އޮގަސްޓް މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވަނީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތައް މިނިސްޓްރީން އިއުލާން ކުރާނެ ކަމަށެވެ. އޭގެ އިތުރުން ޓީޗަރުންގެ އޯވާ ޓައިމްގެ އުސޫލުތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު އިނާޔަތްތަކެއް ވެސް ޓީޗަރުންނަށް ހަމަޖައްސައިދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

2015 ވަނަ އަހަރު އާމުކުރި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން މާސްޓާސް ފެންވަރުގެ ލީޑިން ޓީޗަރެއްގެ މުސާރައަށް 31.44 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ގެނެސްފައެވެ. އެ ބަދަލާއެކު މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލީޑިން ޓީޗަރަކަށް 13،218.50 ރުފިޔާ، މާސްޓާސް ފެންވަރުގެ ލީޑިން ޓީޗަރަކަށް 17،374 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެއެވެ.

އަދި މާސްޓާސް ފެންވަރުގެ ޓީޗަރަކަށް 34.01 ޕަސެންޓްގެ ކުރިއެރުމެއް ގެނެސް ހުރިހާ އެލެވެންސަކާއި އޯޓީއާ އެކު ޓީޗަރަކަށް 16374 ރުފިޔާ ލިބެއެވެ. އެ އޮނިގަނޑުގެ ދަށުން ޑިގްރީ ފެންވަރުގެ ލީޑިން ޓީޗަރަކަށް މުސާރައާ އާއި އިނާޔަތުގެ ގޮތުގައި 14894 ރުފިޔާ ލިބެއެވެ. އަދި ބެޗްލާސް ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް 13894 ލިބެއެވެ.

މީގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް އާ އޮނިގަނޑުގެ ދަށުން މިހާރު 11337.5 ރުފިޔާ ލިބެއެވެ. 2015 ވަނަ އަހަރު އެކުލަވާލި ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށީ 2016 ވަނަ އަހަރު ދިރާސީ އާ އަހަރާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
75%
0%
22%
0%
3%
ކޮމެންޓް