ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ކުޅިވަރު - ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ސެވިއްޔާގެ މައްޗަށް ބާސާ ކުރިހޯދައިފި

  • ސެވިއްޔާ އަތުން ބާސާ މޮޅުވީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުން

ލީވާން އަލީ
MrLeevaan

ކ. މާލެ 7 އޮކްޓޯބަރ 2019 | ހޯމަ 18:20 1,166

ބާސާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ - ގެޓީ އިމޭޖާސް

ސްޕެނިޝް ލަލީގާގައި ސެވިއްޔާގެ މައްޗަށް ބާސެލޯނާއިން ކުރިހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ސެވިއްޔާ އަތުން ބާސާ މޮޅުވީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ސެވިއްޔާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ.

ބާސާއިން މެޗުގެ ލީޑު ނެގީ 27 ވަނަ މިނެޓުގައެވެ. މި ލަނޑު ނެލްސަން ސެމޭޑޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލުއިސް ސުއަރޭޒްއެވެ. އޭގެ ފަސް މިނެޓު ފަހުން އާތަރ ގެ އެހީތެރިކަމާއެކު އާޓޫރޯ ވިޑާލް ވަނީ ލީޑު ފުޅާކޮށްފައެވެ.

ބާސާގެ ތިންވަނަ ލަނޑު 35 ވަނަ މިނެޓުގައި އާތަރ ގެ އެހީތެރިކަމާއެކު އުސްމާން ޑެމްބެލޭ ކާމިޔާބުކުރި އިރު، ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ސެވިއްޔާގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން އެޓީމުން ވަނީ ސެވިއްޔާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް މި ހާފްގައިވެސް އުފައްދާފައެވެ.

ބާސާގެ ހަތަރުވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަނިޔާއިން ސަލާމަތްވެ ކުޅެން ނިކުތް ލިއޮނެލް މެސީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ބާސާގެ އެރާޔޯ އަދި ޑެމްބެލޭއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ ފަހުވަގުތުކޮޅު ބާސާއިން ކުޅެފައިވަނީ ނުވަ ކުޅުންތެރިންނާއެކުގައެވެ.

މި ނަތީޖާއާއެކު ބާސާ ވަނީ ކުޅުނު 8 މެޗުން 16 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ސެވިއްޔާ އޮތީ ކުޅުނު 8 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް