އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ދުނިޔެ - އިރާގު މުޒާހަރާތައް

އިރާގުގެ މުޒާހަރާތައް: ބައިވެރިން އަންގަނީ މުޒާހަރާތައް ހުއްޓާލާނީ ބޭނުންވާ ބަދަލު ފެނުމުންކަމަށް

  • މުޒާހަރާތައް ފެށީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު
  • މިހާތަނަށް ސަތޭކަ މީހުން މަރުވެފައިވާ ކަމަށް އިރާގީ ހައި ކޮމިޝަން އޮން ހިއުމަން ރައިޓްސް އިން ވަނީ އަންދާޒާ ކޮށްފައި
  • ބައެއް ސަރަހައްދުތަކުގައި އިއުލާން ކުރި ކަރފިއު މިހާރު ވަނީ އުވާލާފައި

އަމަން ހަލީމް
soupized

ކ. މާލެ 6 އޮކްޓޯބަރ 2019 | އާދީއްތަ 13:09 2,549

އިރާގުގައި ކުރިއަށްދާ މުޒާހަރާތަކުގެ ބައިވެރިއެއް އަތް މައްޗަށް ހިއްލާލައިގެން - އޭޕީ

ކޮރަޕްޝަނާ ދެކޮޅަށް އިރާގުގައި ކުރަން ފެށި މުޒާހަރާތައް ބޮޑުވެ، ސިޔާސީ ބޮޑު ބަދަލުތަކެއް ނުފެންނަނީސް މުޒާހަރާކުރުން ހުއްޓާނުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

ވަޒީފާ ނުލިބުމާ، ކޮރަޕްޝަނާ އަދި އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ކުރާ މުޒާހަރާތަކުގައި އިރާގުގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވަމުންނެވެ. މީގެތެރޭގައި ގިނައީ އެ ގައުމުގެ އާބާދީގެ ބޮޑު އިންސައްތައެއް ހިއްސާކުރާ ޒުވާނުންނެވެ. މުޒާހަރާތަކުގައި ބައިވެރިވާން އެ ގައުމުގެ ރައްޔިތުންނަށް ގޮވާލާފައި ވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ.

މުޒާހަރާކުރާތާ ފަސް ދުވަސް ވެފައިވާއިރު، މިހާތަނަށް ސަލާމަތީ ބާރުތަކާ އެކީ ހިނގި ކުރިމަތިލުންތަކުގައި އާންމުންގެ ސަތޭކައެއްހާ މީހުން މަރުވެ، 4000 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އިރާގީ ހައި ކޮމިޝަން އޮފް ހިއުމަން ރައިޓްސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މަރުވީ މީހުންގެ ތެރޭގައި ސްނައިޕަރ ބަޑީގެ ހަމަލާތަކުގައި މަރުވީ މީހުން ވެސް ހިމެނެއެވެ.

ފުލުހުން އަންނަނީ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ކަރުނަ ގޭހާއި، ރަބަރު ވަޒަނުގެ އިތުރުން އަސްލު ވަޒަން ވެސް ބޭނުންކުރަމުންނެވެ. އަދި ހަމަނުޖެހުންތައް ހުއްޓުވުމުގެ ގޮތުން އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ކަރފިއު އިއުލާން ކުރުމަށް ފަހު، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ބޮޑުވަޒީރު އަދެލް އަބްދުލް މަހްދީ ވަނީ ކަރފިއު އުވާލާފައެވެ.

ހުކުރު ދުވަހު ދެއްވި ދަރުހެއްގައި، އިރާގުގެ ޝިއާ ޖަމާއަތުގެ ރޫހާނީ ލީޑަރު، ގްރޭންޑް އާޔަތުއްލާ އަލީ އަލް-ސިސްތާނީ ވަނީ، ލަސްނުކޮށް ހަމަނުޖެހުންތައް ހުއްޓުވުމަށާއި ރައްޔިތުން ބޭނުންވާ ބަދަލުތައް އަވަސްކުރުމަށް ސަރުކާރަށް ބާރުއަޅާފައެވެ.

އިރާގުގެ ރައީސް ބަރްހަމް ސާލިހް ވަނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫން އަސާސީން ލިބިދޭ ހައްގެއް ކަމަށް ވިދާޅުވެ، ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ އަމަލުތައް ކުށްވެރި ކުރައްވާފައެވެ.

މިދިޔަ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ކޯލިޝަންގެ ލީޑަރު، މުގްތަދާ އަލް-ސަދްރަ ވަނީ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ. މިހާރު ބޮޑުވަޒީރު ކަމުގައި ހުންނެވި މަހްދީ އެ މަގާމަށް ނޮމިނޭޓް ކުރެއްވި އެއް ލީޑަރަކީ އަލް-ސަދްރެވެ.

މުޒާހަރާތަކާއި ގުޅިގެން އެ ގައުމުގެ ސަރުކާރު ހޫނު ފެނަށް ވެއްޓިފައިވާ އިރު، ހުކުރު ދުވަހު ދެއްވި ހިތާބެއްގައި ބޮޑުވަޒީރު މަހްދީ ވިދާޅުވީ، އިރާގަށް ދިމާވެފައިވާ މައްސަލަތަކަށް "ޖާދުވީ ހައްލެއް" ނެތް ނަމަވެސް، މައްސަލަތައް ހައްލުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ އިރާގުގެ އާބާދީގެ 60 އިންސައްތަ މީހުން ދިރިއުޅެނީ، ދުވާލަކު ހަ ޑޮލަރަށް ވުރެ ކުޑަ އާމްދަނީއެއްގައި ކަމަށް ވަރލްޑް ބޭންކްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް